Advertisement

އައިޕީއެލް: މުމްބައި ބަލިކޮށް ޕަންޖާބުން ކޮލިފަޔާގެ ޖާގަ ހޯދައިފި

27 މޭ 2025 - 10:22 0


އައިޕީއެލް: މުމްބައި ބަލިކޮށް ޕަންޖާބުން ކޮލިފަޔާގެ ޖާގަ ހޯދައިފި

27 މޭ 2025 - 10:22 0

ޖައިޕޫރު، އިންޑިއާ (މެއި 27) - އިންޑިއަން ޕްރިމިއާ ލީގުގައި ރޭ ހަތް ވިކެޓުން މުމްބާއި އިންޑިއަންސް ބަލިކޮށް ޕަންޖާބު ކިންގްސް އިން ގަދަ ދެ ޓީމުގެ ތެރޭގެ ޖާގަ ހޯދައި، ކޮލިފަޔާ އަށް ދަތުރުކޮށްފި އެވެ.

ޕްލޭއޮފް ފުރަތަމަ މެޗު ކޮލިފަޔާގައި ކުޅޭނީ ލީގު ބުރުގެ އެއް ވަނަ އާއި ދެ ވަނަ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށްދާއިރު، ބަލިވާ ޓީމެއް ކުޅެން ޖެހޭނީ ކޮލިފަޔާ ދޭއްގަ އެވެ. ކޮލިފަޔާ ދޭއްގައި ފައިނަލެއްގެ ޖާަގަ އަކަށް ބައްދަލުކުރާނީ ކޮލިފަޔާ އެކަކުން ބަލިވި ޓީމާއި އެލިމިނޭޓާ އިން މޮޅުވި ޓީމަކާ އެވެ. ޕްލޭއޮފްގެ އެލިމިނޭޓާގައި ކުޅޭނީ ލީގު ބުރުގެ ތިން ވަނަ އާއި ހަތަރު ވަނަ އެވެ.

ރޭގެ ނަތީޖާއާ އެކު، ޕަންޖާބަށް ކޮލިފަޔާ ޖާގައެއް ލިބި، މުމްބައި ވަނީ އެލިމިނޭޓާ ކުޅެން ޖެހިފަ އެވެ. އައިޕީއެލްގެ ލީގު ބުރުގެ ފަހު މެޗުގައި، މިރޭ ރޯޔަލް ޗެލެންޖާސް ބެންގަލޫރަށް ލަކްނައު ސުޕަ ޖަޔަންޓްސް އަތުން މޮޅުނުވެވިއްޖެނަމަ، ގުޖުރާތު ޓައިޓަންސް އަށް ކޮލިފަޔާގެ ޖާގަ ލިބި، ބެންގަލޫރަށް އެލިމިނޭޓާ ކުޅެން ޖެހޭނެ އެވެ. ކޮލިފަޔާ އަށް ދަތުރުކުރަން ބެންގަލޫރަށް މި މެޗުން މޮޅުވުން މަޖުބޫރެވެ.

ޖައިޕޫރުގެ ސަވައި މަންސިން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ޕަންޖާބަށް ޓޮސް ދިމާވުމުން ނިންމީ ފީލްޑް ކުރާށެވެ. މުމްބައި އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 184 ލަނޑެވެ. މުމްބައި އިން އެންމެ ރަނގަޅު ސްކޯއެއް ހަދައިދިނީ، 39 ބޯޅައިން 57 ލަނޑު ހެދި، ސޫރްޔަކުމާރު ޔާދަވް އެވެ. މި އިނިންގްސްގައި، ޕަންޖާބުގެ އަރްޝްދީޕު ސިންގް، މާކޯ ޖެންސަން އަދި ވިޖޭކުމާރު ވައިޝަކް، ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ޕަންޖާބުން ކުޅެން އަރައި، މެޗުން މޮޅުވީ، 18.3 އޯވަރުގެ ތެރޭގައި، ތިން ކުޅުންތެރިން ނުބައިވެގެން 187 ލަނޑު ހަދައިގެންނެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، 42 ބޯޅައިން 73 ލަނޑު ހެދި ޖޯޝް އިންގްލިޝް އެވެ. އަދި، އެ ޓީމުގެ، ޕްރިޔާންޝް އާރްޔާ ވަނީ 35 ބޯޅައިން 62 ލަނޑު ހަދައިފަ އެވެ. މުމްބައިގެ މިޗެލް ސަންޓްނާ ވަނީ ދެ ވިކެޓް ނަގައިފަ އެވެ.