Advertisement

އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ ދިފާއުގައި ނަޝީދު ވާހަކަ ދައްކަވައިފި

27 މޭ 2025 - 10:31 2

އުއްތަމަ ފަނޑިޔާރު އަދި ނަޝީދު:


އުއްތަމަ ފަނޑިޔާރު މުއުތަސިމްގެ ދިފާއުގައި ނަޝީދު ވާހަކަ ދައްކަވައިފި

27 މޭ 2025 - 10:31 2

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންގުމަކަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ކޯޓަށް ހުށަހެޅި މައްސަލައެއް ބަލައިގަތުމަށް އެންގި ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން، އުއްތަމަ ފަނޑިޔާރުގެ ދިފާއުގައި ނަޝީދު ވާހަކަ ދައްކަވައިފި އެވެ.

ކާކުކަން ނޭނގޭ މީހަކު ޖޭއެސްސީއަށް ހުށަހެޅި މައްސަލައެއްގައި ބުނެފައި އޮތީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހިނދެއްގައި މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލަ ބަލައިގަތީ ނަޝީދު، މުއުތަސިމްއަށް އަންގަވައިގެން ކަމަށެވެ.

އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމުން ބައެއް މީޑިއާތަކުން ވަނީ އެ މައްސަލަ ރިޕޯޓުކޮށްފަ އެވެ. އެ ހަބަރު ދޮގު ކުރައްވައި ނަޝީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، "އަލިފުން ޔާއަށް އޭގައި އެހަރަ ހުރިހާ ވާހަކައަކީ ކަނޑައެޅިގެން ދޮގު" ކަމަށެވެ.

އޭގެ އިތުރުން ނަޝީދު ވިދާޅުވީ މުއުތަސިމްގެ ނަޒާހަތްތެރިކަމާމެދު ދުވަހަކު ވެސް ސުވާލު އުފެދިފައިނުވާ ކަމަށެވެ. އުއްތަމަ ފަނޑިޔާރު މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އެމަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރީ ވެސް މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރާލްދާ ޒާހިރު ވަކި ކުރި މައްސަލައިގައި އުއްތަމަ ފަނޑިޔާަރު އެއްޗެއް ވިދާޅުވެފައިނުވާތީ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވި އެވެ. ފަނޑިޔާރުން މަގާމުން ވަކި ކުރަން އުޅޭ ކަން އުއްތަމަ ފަނޑިޔާރަށް ކުރިން އެނގިވަޑައިގެންފައިވާ ކަމަށް އަޒްމިރާލްދާ ވިދާޅުވެފައިވެ އެވެ.

"26 ފެބްރުއަރީ 2025 ގައި އަޅުގަނޑާއި އެހެން ފަނޑިޔާރުން ސަސްޕެންޑް ކުރިކަމުގެ ހަބަރު ލިބުމުން އެ ވަގުތުގައި އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާނު ވިދާޅުވެފައިވަނީ ދެން އަޅުގަނޑުމެން އެނބުރި ސުޕްރީމް ކޯޓަށް ނާންނާނެ ކަމަށް،" އަޒްމިރާލްދާ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރި ފަހުން، މަގާމުން ރިޓަޔާ ކުރައްވަން އުއްތަމަ ފަނޑިޔާރު ވަނީ ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެމަނިކުފާނުގެ ރިޓަޔާމަންޓު ޖޭއެސްސީ އިން ފާސް ކުރި ކަމެއް އަދި ނޭނގެ އެވެ.

ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އުއްތަމަ ފަނޑިޔާރު އެއްޗެއް ވިދާޅުނުވާތީ ކުރީގެ ބަންޑާރަނައިބު އަހުމަދު އަލީ ސަވާދު ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ.

"ފަސްޓް ލައިން އޮފް ޑިފެންސް، ލާސްޓް ލައިން އޮފް ޑިފެންސަށް ވާން ޖެހޭނީ ޗީފް ޖަސްޓިސް. އެވަރު ޕްރޮޓެކްޝަން ޗީފް ޖަސްޓިސްއަށް ދެން ތިއްބެވި ފަނޑިޔާރުންނަށް ނުދެވެންޏާ ދެން ކޮންމެފަދަ ކަމެއް ވެސް ފަނޑިޔާރުންނަށް ކުރެވިދާނެ ކަމުގެ އިހުސާސް ދެން ތިއްބެވި ފަނޑިޔާރުންނަށް ވާނެ،" ސަވާދު ވިދާޅުވި އެވެ.