27 މޭ 2025 - 09:15 0
27 މޭ 2025 - 09:15 0
އާދިއްތަ ދުވަހުގެރޭ ލިވަޕޫލުން 20 ވަނަ ފަހަރަށް އިނގިރޭސި ލީގު ޗެމްޕިއަންކަން ހޯދިއިރު، ރާއްޖޭގެ ރަސްމީ ލިވަޕޫލުން ސަޕޯޓަރުންގެ ގްރޫޕް، އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް އޮފް މޯލްޑިވްސް (އޯއެލްއެސްސީ) އިން ހުޅުމާލޭގައި ހަވާއެރުވުމާއެކު ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ މި ނިމުނު ސީޒަނުގެ ފަހު މެޗުގައި ލިވަޕޫލުން ކްރިސްޓަލް ޕެލަސްއާ ބައްދަލުކުރި މެޗު ހުޅުމާލޭ ފޭސް ދޭއްގެ ރުންގަނޑު ސަރަހައްދުގައި ބޮޑު ސްކްރީނުގައި ބެލުމަށް އޯލްއެލްއެސްސީ އިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ހަރަކާތްތައް ފެނުނީ ތަރުހީބު ބޮޑުކޮށެވެ. އަދި، މެޗު ނިމުމާ އެކު، ލިވަޕޫލަށް ތަށި ހަވާލުކޮށްދިން ވަގުތާ ދިމާކޮށް، ހަވާ އެރުވިއިރު، ބޮޑުބެރުގެ ހަރަކާތްތައް ވެސް ފެނިގެންދިޔަ އެވެ. މިއީ، މި ފަދަ ގޮތަކަށް ކްލަބެއްގެ ދިވެހި ސަޕޯޓަރުންގެ ގްރޫޕަކުން ކުރިއަށްގެންދިޔަ އެންމެ ހައިބަތު ބޮޑު ހަރަކާތެވެ.
ލިވަޕޫލް ސަޕޯޓަރުންގެ ގްރޫޕުން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން ހަވާއަރުވަނީ.--- ފޮޓޯ: އެޗްޑީސީ
މި އިވެންޓް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ލިވަޕޫލްގެ ސަޕޯޓަރުންގެ ގްރޫޕާ އެކު، މެޗު ބެލުމަށް، ލިވަޕޫލްގެ ޒަމާންވީ ސަޕޯޓަރެއް ކަމަށްވާ ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމް ވަޑައިގެންނެވި އެވެ. އަދި، ލިވަޕޫލްގެ ސަޕޯޓަރެއް ކަމަށްވާ، މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވެސް މި އިވެންޓްގައި ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން، ލިވަޕޫލަށް ސަޕޯޓުކުރާ ދިވެހި އެކި ފަންނުގެ އެކި ފަރާްތްތަކުން ވެސް މި ހަރަކާތް ފުރިހަމަ ކުރުމަށްޓަކައި، ވެދެވުނު ގޮތަކުން އެއްބާރުުލުން ދިންކަން އޯލްއެލްއެސްސީން ފާހަގަކުރެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް މީގެ ދެ މަސް ކުރިން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ލިވަޕޫލާ އެކު، ތިން އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން އެ ކުލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ގޮތުގައި ރާއްޖެ ހަމަޖައްސައިފަ އެވެ. އެއާ އެކު، އެމްއެމްޕީއާރްސީގެ ސަޕޯޓު ލިވަޕޫލްގެ ސަޕޯޓަރުންގެ ގްރޫޕަށް ވެސް ލިބިގެންދިޔަ އެވެ. އަދި، އެޗްޑީސީ އާއި ޕޮލިހުގެ އަދި ދިރާގުގެ އިތުރުން މީޑިއާނެޓްގެ އެހީތެރިކަން ވެސް ވަނީ ލިބިފަ އެވެ.
ލިވަޕޫލް ސަޕޯޓަރުންގެ ގްރޫޕުން އިވެންޓް ސަރަަހައްދުގައި ދަމާފައިވާ ދިދަ އާއި ބެނާތައް.--- ފޮޓޯ: އެޗްޑީސީ
މީގެ ހަތް އަހަރު ކުރިން ރަސްމީކޮށް ހިންގަން ފެށި ރާއްޖެ އަށް ނިސްބަތްވާ ލިވަޕޫލްގެ ރަސްމީ ސަޕޯޓަރުންގެ ކްލަބް، އޯއެލްއެސްސީ ވަނީ އެކިއެކި ހަރަކާތްތައް ހިންގައިފަ އެވެ. އެ ގޮތުން، 2019 ވަނަ އަހަރު ލިވަޕޫލްގެ ލެޖެންޑް، ޑެނިއަލް އެގާ، ރާއްޖެ ގެނެސް ހާއްސަ އިވެންޓެއް ބޭއްވި އެވެ. ރާއްޖޭގައި އުޅޭ އެހެން ކްލަބްތަކުގެ ސަޕޯޓަރުންނަށް ހުޅުވާލައިގެން މުބާރާތެއް ވެސް އިންތިޒާމްކުރިއިރު، އިޖުތިމާއީ ޒިންމާގެ ދަށުން ކެއާ ސޮސައިޓީ އަށް 10،000 ރުފިޔާ ވެސް ހަދިޔާކުރި އެވެ.
މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވުމަށް "ފްރީޑަމް ޗެރިޓީ" ނަމުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ގޮނޑި ހަދިޔާކުރުމުގެ ހަރަކާތެއް ވެސް ވަނީ ހިންގައިފަ އެވެ. އަދި، ދާދި ފަހުން، ލިވަޕޫލުން ލީގު ޗެމްޕިއަންކަން ކަށަަވަރުކުރި މެޗު ބަލަން، ކ. ހުރާ އަށް ވެސް ވަނީ ދަތުރެއް ރާވައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment