Advertisement

ޓެރަރިޒަމްއާ ދެކޮޅަށް އިންޑިއާ އިން ކުރާ މަސައްކަތަށް ދިވެހި ސަރުކާރުގެ ތާއީދު

27 މޭ 2025 - 08:47 1

މިނިސްޓަރު ހަލީލު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާއެކު: ހަލީލު ވަޑައިގެންނެވީ ކޯ ގްރޫޕުގެ ބައްދަލުވުމަކަށް -- ފޮޓޯ: ފޮރިން މިނިސްޓްރީ


ޓެރަރިޒަމްއާ ދެކޮޅަށް އިންޑިއާ އިން ކުރާ މަސައްކަތަށް ދިވެހި ސަރުކާރުގެ ތާއީދު

27 މޭ 2025 - 08:47 1

އޭޕްރީލް 22، ގައި ކަޝްމީރުގައި އިންޑިއާއިން ބަލަހައްޓާ ޕަހަލްގަމްއަށް ދިން ޓެރަރިސްޓު ހަމަލާ ކުށްވެރިކޮށް ޓެރަރިޒަމްއާ ދެކޮޅަށް އިންޑިއާއިން ކުރާ މަސައްކަތަށް ދިވެހި ސަރުކާރުގެ ތާއީދު އޮތް ކަން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ހާމަ ކުރައްވައިފި އެވެ.

ޕަހަލްގަމަށް ދިން ހަމަލާ ސަރުކާރުން ކުށްވެރި ކުރީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުގެ ތެރެއިން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގަ އެވެ. މީގެ ކުރިން ވެސް ސަރުކާރުން ވަނީ އެ ހަމަލާ ކުށްވެރިކޮށްފަ އެވެ.

އިންޑިއާ-މޯލްޑިވްސް ވިޝަން ޑޮކިއުމެންޓު ތަންފީޒު ކުރަން ބޭއްވި ކޯ ގްރޫޕް ބައްދަލުވުމެއްގައި ހަލީލު ވަނީ ޓެރަރިޒަމާ ދެކޮޅަށް އިންޑިއާ ސަރުކާރުން ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުގެ ތާއީދު އޮތް ކަން ހާމަ ކުރައްވައިފަ އެވެ.

"އިންޑިއާގެ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހި ސަރުކާރުން ތިބިކަން ހާމަ ކުރައްވައި، ޓެރަރިޒަމްއާ ދެކޮޅަށް އިންޑިއާ ސަރުކާރުން ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ތާއީދު ކުރާ ކަމަށް ހަލީލު ވިދާޅުވި،" އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޕަހަލްގަމަށް ހަމަލާ ދިނީ ޕާކިސްތާނުގެ މިލިޓަރީ އިން އެހީތެރިވާ ޓެރަރިސްޓު ޖަމާއަތަކުން ކަމަށް އިންޑިއާ އިން ތުހުމަތު ކުރެ އެވެ. އެ ހަމަލާފައި 26 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ބަދަލުގައި އިންޑިއާ އިން ވަނީ ޕާކިސްތާނުގެ ބައެއް ހިސާބުތަކަށް ހަމަލާ ދީފަ އެވެ.

އިންޑިއާ އިން ހަމަލާ ދިނުމުން އޭގެ ރައްދުގައި ޕާކިސްތާނުން ވެސް ވަނީ އިންޑިއާއަށް ހަމަލާ ދީފަ އެވެ. ދެ ގައުމުން ބަދަލު ކުރި ހަމަލާތަކުގައި ޕާކިސްތާނުގެ 51 މީހަކު މަރުވި އެވެ. އޭގެ ތެރެއިން 11 މީހަކީ ސިފައިންގެ މީހުންނެވެ. ޕާކިސްތާނުން ދިން ހަމަލާތަކުގައި އިންޑިއާގެ 26 މީހަކު މަރުވި އެވެ. އޭގެ ތެރެއިން ފަސް މީހުންނަކީ ސިފައިންނެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހަލީލު އިންޑިއާއަށް ކުރައްވާ ދަތުރުގެ މައިގަނޑު މަގްސަދަކީ އިކޮނޮމިކް އަދި މެރިޓައިމް ސެކިއުރިޓީ ޕާޓްނަޝިޕް ވަރުގަދަ ކުރަން މަޝްވަރާ ކުރުން ކަމަށެވެ. ފޮރިން މިނިސްޓަރު އިންޑިއާއަށް ވަޑައިގަތީ އިއްޔެ އެވެ.

އިކޮނޮމިކް އަދި މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕަކީ އިންޑިއާ މޯލްޑިވްސް ވިޝަން ޑޮކިއުމެންޓުގައި ހިމެނޭ މުހިންމު ބަޔެކެވެ. އެ ޑޮކިއުމަންޓަކީ ރައީސް މުހައްމަދު މުއިއްޒު އޮކްޓޯބަރު، 2024، ގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން ސޮއި ކުރެއްވި އެއްބަސްވުމެކެވެ. އެއީ ދެ ގައުމުގެ ގުޅުން ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެކެވެ.

ވިޝަން ޑޮކިއުމެންޓުގައި ބަޔާންކޮށްފައިވާ ކަންކަން ކުރިއަށްދާ ގޮތާމެދު މަޝްވަރާ ކުރަން ދެ ގައުމުން ކޯ ގްރޫޕެއް އެކުލަވާލައި ވަކި ތާވަލެއްގެ ދަށުން ބައްދަލު ކުރަންޖެހެ އެވެ. މިނިސްޓަރު ހަލީލު މިހާރު އިންޑިއާއަށް ކުރައްވާ ދަތުރަކީ ކޯ ގްރޫޕުގެ ބައްދަލުވުންތަކެއް ބޭއްވުމަށް ކުރައްވާ ދަތުރެކެވެ.

އިންޑިއާ-މޯލްޑިވްސް ވިޝަން ޑޮކިއުމެންޓުގެ ދަށުން ވަރަށް ގިނަ މުހިންމު ކަންކަން ކުރަން ރާއްޖެއިން ވަނީ އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި، ޔޫޓީއެފްގައި އިންޑިއާއިން ހަދާ މިލިޓަރީ ބަނދަރު ހަދަން އެއްބާރުލުން ދިނުމާއި ހައިޑްރޯގްރަފީ ދާއިރާއިން އެއްބާރުލުން ދިނުން ހިމެނެ އެވެ.