26 މޭ 2025 - 21:19 0
މުހައްމަދު ޝަހްޒާން
ރާއްޖެ އާއި އިންޑިއާ އާ ދެމެދު އެކުލަވާލައިފައިވާ ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ފޮރިން މިނިސްޓްރީ
26 މޭ 2025 - 21:19 0
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓުގެ ގޮތުގައި މިދިޔަ އަހަރު ސޮއިކުރި އިންޑިއާ މޯލްޑިވްސް ވިޝަން ޑޮކިއުމެންޓުގެ ކަންކަން ކުރިއަށް ދާގޮތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެކުލަވާލައިފައިވާ ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުން ކުރިއަށް ގެންގޮސްފި އެވެ.
މިއަދު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި އޮތީ މޯލްޑިވްސް ވިޝަން ޑޮކިއުމެންޓުގެ މުހިންމު ބައެއް ކަމުގައިވާ އިކޮނޮމިކް އަދި މެރިޓައިމް ސެކިއުރިޓީ ޕާޓްނަޝިޕް ވަރުގަދަ ކުރުމުގެ މަޝްވަރާ އެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ބުނީ މިއަދު އޮތް ބައްދަލުވުމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގޮތުންނާއި ދިފާއީ ގޮތުން އަދި ތަރައްގީ އާއި އިގުތިސާދީ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.
އޭގެއިތުރުން ސިއްހީ ދާއިރާއިން މީހުން ތަމްރީނު ކުރުމާއި އެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު، ޑރ. އަބްދުالله ހަލީލް ވަނީ ދިވެހި ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކާފައިވާ ޓީބިލަށް ފައިސާ ދެއްކުން ފަސްކޮށްދިނުމުން އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
އެސްބީއައިއިން ގަތް ޓީބިލަކީ ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ބަޖެޓު ސަޕޯޓު ހޯދަން ވިއްކި 200 މިލިއަން ޑޮލަރުގެ ޓީބިލުތަކެކެވެ. އެސްބީއައިއިން މި ޓީބިލުތައް ގަތީ ފަހަރަކު 50 މިލިއަން ޑޮލަރު މަގުންނެވެ.
މި ފައިސާ ދެއްކުން އިންޑިއާއިން އަހަރަކަށް ފަސްކޮށްދިނީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި، އޭރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. އޭގެ ކުރިން މި ސަރުކާރުން ވަނީ މީގެ ތެރެއިން 50 މިލިއަން ޑޮލަރު، މިދިޔަ އަހަރުގެ ޖެނުއަރީގައި ދައްކާފަ އެވެ. މިހާރު ބާކީ ނުދައްކާ ވަނީ 150 މިލިއަން ޑޮލަރެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވަން ވެސް މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމި އެވެ. ނަމަވެސް އެ ބައްދަލުވުން ބާއްވާނެ ތާރީހެއް އަދި ކަނޑައެއް ނާޅަ އެވެ.
Comment