Advertisement

އިޓަލީގެ ޗެމްޕިއަން ނަޕޯލީ އިން ޑި ބްރޭނާގެ ސޮއި ހޯދަނީ

26 މޭ 2025 - 09:48 0


އިޓަލީގެ ޗެމްޕިއަން ނަޕޯލީ އިން ޑި ބްރޭނާގެ ސޮއި ހޯދަނީ

26 މޭ 2025 - 09:48 0

ނޭޕްލްސް، އިޓަލީ (މެއި 26) - އިޓަލީގެ ޗެމްޕިއަންކަން ހަތަރު ވަނަ ފަަހަރަށް ހޯދި ނަޕޯލީން މެންޗެސްޓާ ސިޓީގެ ބެލްޖިއަމް ތަރި، ކެވިން ޑި ބްރޭނާގެ ސޮއި ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ސިޓީއާ އެކު، ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދި ޑި ބްރޭނާ، 33، އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އޮތީ މި ސީޒަނުގެ ނިޔަަލަށެވެ. ޑި ބްރޭނާއާ އެކު، ސިޓީން އެއް އަހަރުގެ އެއްބަސްވުމެއް ހަދަން ކޮންމެ ވެސް ވަރަކަށް މަޝްވަރާ ކުރި ނަމަވެސް، އެ ކަންކަން މަޑުޖެހި، އޭނާ އެ ކްލަބް ދޫކޮށްލަން ނިންމީ އެވެ. ޑި ބްރޭނާ، ސިޓީ މި ދޫކޮށްލަނީ 10 އަހަރަށް ފަހު އެވެ.

އަންނަ މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ސިޓީ އަށް ކުޅެދޭން ޑި ބްރޭނާ ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، މިހާރު ޑި ބްރޭނާ އަށް ނަޕޯލީގެ އޮފާއެއް ލިބިފައިވުމާ އެކު، އޭނާ އަންނަނީ އެ ޓީމާ ގުޅުމުގެ މަޝްވަރާތައް ކުރިއަށްގެންދަމުންނެވެ.

ޖަރުމަނުގެ ކުލަބް، ވުލްފްސްބާގް ދޫކޮށް 2015 ވަނަ އަހަރު ސިޓީ އަށް ޑި ބްރޭނާ ބަދަލުވީ 63 މިލިއަން ޑޮލަރަށެވެ. ސިޓީއާ އެކު ޑި ބްރޭނާ ގިނަ ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އިންޑިވިޖުއަލް ގިނަ ޓްރޮފީތަކެއް ވެސް ސިޓީގައި ހުރެ ހޯދި، ޑި ބްރޭނާ ސިޓީއާ އެކު ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ، 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގެވެ. ސިޓީގައި މި ވަގުތު ޑި ބްރޭނާ ހުރީ ހަފްތާ އަކު، 420،000 ޑޮލަރު ލިބޭ ގޮތަށެވެ. ރިޕޯޓްތައް ބުނާގޮތުގައި ސައުދީ އަރަބިއްޔާގެ ކްލަބްތަކުން ޑި ބްރޭނާ އަށް ދެ ސީޒަނަށް ޖުމްލަ މުސާރަ 80 މިލިއަން ޑޮލަރު ލިބޭ ކޮންޓްރެކްޓެއް ދޭން ވެސް ތައްޔާރެވެ.

ނަޕޯލީގެ ޗެއާމަން، އައުރޭލިއޯ ޑި ލޯރެންޓިސް ވަނީ ޑި ބްރޭނާއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި، އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ނަޕޯލީން ޑި ބްރޭނާ އަށް ދެނީ ދެ އަހަރުގެ ކޮންޓްރެކްޓެކެވެ. އެއީ، މިހާރު ސިޓީން ދެމުން އަންނަ މުސާރަ އަށް ވުރެން 30 ޕަސެންޓް ކުޑަ މުސާރައެކެވެ.