Advertisement

10 މިލިއަން ޑޮލަރުގެ ބަދަލު ހޯދަން ބެލިއިރު، އެސްއޯއެފްގެ ނަން މަތީގައި މުދަލެއް އަދި ފައިސާއެއް ވެސް ނެތް

26 މޭ 2025 - 10:36 2

އަމަން ހަލީމް

އަމަން ހަލީމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެސްއޯއެފްގެ މުހައްމަދު އައްލާމް (މޮހޯ): އެމްއެމްޕީއާރުސީ ހިޔާނާތުގެ ބޮޑު ބަޔެއް ޖަމާކުރީ އެސްއޯއެފް ކުންފުނީގެ އެކައުންޓުތަކަށް --- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު


10 މިލިއަން ޑޮލަރުގެ ބަދަލު ހޯދަން ބެލިއިރު، އެސްއޯއެފްގެ ނަން މަތީގައި މުދަލެއް އަދި ފައިސާއެއް ވެސް ނެތް

26 މޭ 2025 - 10:36 2

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ހިޔާނާތް ހިންގި ދުވަސްވަރު، އެ ހިޔާނާތް ހިންގަން ބޭނުންކުރި އެސްއޯއެފް ކުންފުނީގެ ޕްރޮމިސަރީ ނޯޓުތަކަށާއި ލޯނުގެ ގޮތުގައި ދޫކޮށްފައިވާ 10.7 މިލިއަން ޑޮލަރު އަނބުރާ ހޯދަން ބެލިއިރު، އެސްއޯއެފްގެ ނަން މަތީގައި އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ނެތް ކަން ހާމަވެއްޖެ އެވެ.

މިކަން އެނގުނީ އެމްއެމްޕީއާރުސީއަށް ދޭން ޖެހޭ ފައިސާތަކުގެ މައްސަލައިގައި މީގެ އަށް ވަރަކަށް އަހަރު ކުރިން ކުރި ހުކުމް ތަންފީޒުކުރަން ހުށަހެޅި މައްސަލައިގެ ތެރެއިންނެވެ. މި މައްސަލައިގައި ކޯޓުން ހުކުމްކުރީ ސެޕްޓެމްބަރު 17، 2017, ގަ އެވެ. އޭރު އެސްއޯއެފްއަށް މި ފައިސާ ދައްކަން ދިނީ ހަ މަހުގެ މުހުލަތެކެވެ. މި މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެ ކުންފުނިން އެއްވެސް ފައިސާއެއް ނުދައްކަ އެވެ.

މި މައްސަލައިގެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި، އެމްއެމްޕީއާރުސީން ކޯޓަށް ހުށަހެޅުމުން މައްސަލަ ރަޖިސްޓްރީކޮށްފައި ވަނީ އޮކްޓޫބަރު 23، 2023, ގަ އެވެ.

ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގެ ތެރެއިން ކޯޓުން ބުނެފައި ވަނީ އެސްއޯއެއްގައި ނަމުގައި މުދަލެއް ނުވަތަ ފައިސާއެއް ނެތް ކަމަށެވެ. ކޯޓުން ނެރުނު ހުކުމުގައިވާ ގޮތުގައި އެސްއޯއެފްގެ މުދަލާ ގުޅޭ މައުލޫމާތު ސާފުކުރިއިރު، އެ ކުންފުނީގެ ނަމުގައި ހުޅުވާފައިވާ އެއްވެސް ބޭންކު އެކައުންޓެއްގައި ފައިސާއެއް ނެތެވެ. އެއްވެސް ކުންފުންޏެއްގައި ހިއްސާއެއް ވެސް ނެތެވެ. އަދި އެ ކުންފުނީގެ ނަން މަތީގައި އެއްވެސް އުޅަނދެއް ނުވަތަ އިމާރާތެއް ނޫނީ ގޯއްޗެއް ވެސް ރަޖިސްޓްރީކޮށްފައި ނެތެވެ.

އެހެންވެ، ކޯޓުން މި މައްސަލައިގައި އެމްއެމްޕީއާރުސީއަށް ދިން ފަރުވާއަކީ، އެ ކުންފުނީގެ ނަން މަތީގައި އެއްވެސް މުދަލެއް ހުރިކަން އެނގޭނަމަ އެ ލިޔުމެއް ނުވަތަ އެ މައުލޫމާތަކާއެކު މައްސަލަ އަލުން ހުށަހެޅުމަށެވެ.

އެސްއޯއެފްއަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލޯންޑާކުރިން ބޭނުންކުރި ކުންފުންޏެވެ. އެ ދުވަސްވަރު ރަށްތަކާއި ފަޅުތައް ވިއްކައިގެން ލިބުނު 1.2 ބިލިއަން ރުފިޔާގެ ބޮޑު ބަޔެއް ޖަމާކުރީ އެސްއޯއެފްގެ އެކައުންޓުތަކަށެވެ. މި ފައިސާ ރިޝްވަތު ދިނުމަށާއި އަމިއްލަ ބޭނުންތަކަށާއި ރާއްޖޭގައި އެ ދުވަސްވަރު ބޭއްވި ޝޯތަކަށް ގެނައި ބޭރުގެ ލަވަކިޔުންތެރިންނަށް ފައިސާ ދޭން ބޭނުންކުރި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވުމުގެ ތުހުމަތު ގިނަ ބަޔަކަށް ކުރި ނަމަވެސް މި މައްސަލައިގައި ހުކުމެއް އިއްވާފައި ވަނީ މިކަމުގައި އިސްކޮށް އުޅުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އޭރު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށެވެ.

މީގެ ތެރެއިން އަދީބާއި ޒިޔަތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދައުރު ނިމެން ގާތްވެފައި އޮއްވައި މައާފުދީ މިނިވަންކޮށްފަ އެވެ. އަދި ޔާމީންގެ މައްޗަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އެހެން މައްސަލައެއްގައި ޔާމީނާ ދެކޮޅަށް ކުރާ ދައުވާތަކުގެ ޝަރީއަތް ދަނީ ކުރިއަށެވެ.

މި މައްސަލައިގައި ކަން ހިނގި ގޮތަށް ބަލާއިރު، ކޯޓު އަމުރެއްގެ ދަށުން ފްރީޒުކޮށްފައި ހުރި އެސްއޯއެފްގެ އެކައުންޓުތައް ދޫކޮށްލުން ފާހަގަކުރަން ޖެހެ އެވެ. މި ގޮތަށް ކޯޓުން އަމުރުކުރީ އެކައުންޓުތައް ހިފެހެއްޓިތާ އެތައް ދުވަހެއް ފަހުންނެވެ. މި މައްސަލައިގައި އެސްއޯއެފްގެ އެއްވެސް މީހަކަށް ދައުވާ ނުކުރެ އެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ މީހުންގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުލިބޭތީ، ކުރީ ސަރުކާރުން އެ މީހުންނާ އެކީ ހަދާފައި އޮތް އެއްބަސްވުން ބާތިލުކޮށްފަ އެވެ.