Advertisement

މޮޅަކާ އެކު ޗެމްޕިއަން ބާސެލޯނާ އިން ލީގު ނިންމާލައިފި

26 މޭ 2025 - 08:15 0


މޮޅަކާ އެކު ޗެމްޕިއަން ބާސެލޯނާ އިން ލީގު ނިންމާލައިފި

26 މޭ 2025 - 08:15 0

ބިލްބާއޯ، ސްޕެއިން (މެއި 26) - އެތުލެޓިކް ބިލްބާއޯ އަތުން 3-0 އިން ހޯދި މޮޅާ އެކު، ސްޕެނިޝް ލީގުގެ ޗެމްޕިއަން، ބާސެލޯނާ އިން ސީޒަން ނިންމާލައިފި އެވެ.

ބާސެލޯނާ އިން ލީގު ނިންމާލީ 88 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ރެއާލް މެޑްރިޑަށް ވަނީ 84 ޕޮއިންޓް ލިބިފަ އެވެ. އަދި، ތިން ވަނަ ހޯދި އެތުލެޓިކޯ މެޑްރިޑަށް 76 ޕޮއިންޓް ލިބުނުއިރު، ހަތަރު ވަަނައިގައި ނިންމި ބިލްބާއޯގެ އޮތީ 70 ޕޮޮއިންޓެވެ.

ސެން މެމެސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، 17 މިނިޓް ތެރޭ ބާސެލޯނާ އިން ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެ ގޮތުން، 14 ވަނަ މިނިޓްގައި ބާސެލޯނާގެ ފުރަތަމަ ގޯލު ޖެހި ރޮބަޓް ލެވަންޑޯސްކީ ވަނީ އޭގެ ތިން މިނިޓް ފަހުން، އެ ޓީމުގެ ލީޑުފުޅާކޮށްފަ އެވެ. މި ލަނޑުތަކާ އެކު، ލެވަންޑޯސްކީ ވަނީ ބާސެލޯނާ އަށް 100 ލަނޑު ހަމަކޮށްފަ އެވެ. އެ ގޮތުން، ބާސެލޯނާ އަށް ކުޅެދިން 147 މެޗުން ލެވަންޑޯސްކީ ވަނީ 101 ގޯލު ޖަހައިފަ އެވެ. ލެވަންޑޯސްކީ މި ވަނީ ކެރިއަރުގައި ތިން ވަނަ ކްލަބަކަށް 100 ގޯލު ހަމަކޮށްފަ އެވެ. މީގެ ކުރިން ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް އެ އަދަދަށް ގޯލު ޖަހައިދީފައިވެ އެވެ.

ބާސެލޯނާ އަށް ރޭގެ މެޗުގައި ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ މި ސީޒަނުގައި ރެޖިސްޓްރޭޝަންގެ ގިނަ މައްސަލަތަކެއް ދިމާވި ސްޕެއިނުގެ މިޑްފީލްޑަރު، ޑެނީ އޮލްމޯ އެވެ.

މި ސީޒަނުގައި ބާސެލޯނާ އިން 28 ވަނަ ލީގު ތަށީގެ އިތުރުން ސްޕެނިޝް ސުޕަ ކަޕާއި ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ވެސް ކާމިޔާބުކުރި އެވެ.