25 މޭ 2025 - 22:16 0
ސާއިފް ޝިޔާދު
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދު. އޭނާގެ މައްޗަށް ނުވަ އަހަރާއި 19 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާ --- ފޮޓޯ: އިމިގްރޭޝަން
25 މޭ 2025 - 22:16 0
މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދު އަދި އޭނާ އާއެކު ހައްޔަރުކުރި އިމިގްރޭޝަންގެ މުވައްޒަފުންގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
ޝައްމާނުގެ އިތުރުން މި މައްސަލާގައި ފުލުހުން ހަތަރު މީހަކު ހައްޔަރުކުރި އެވެ. އެއީ ތ. ބުރުނީ މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއީލް އާއި ގ. ހެޕީ ސައިޑު ހަސަން ސެހެޝާން އަދި ހަމަ އެގޭ އިބްރާހިމް އަހުމަދު، އަދި މ. ހަޒާރީވިލާ އަހުމަދު ލައްސާން، 40، އެވެ. އެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މައްސަލަ ހުށަހެޅީ މެއި 12، ގަ އެވެ.
ޝަމްއާންގެ މައްޗަށް އުފުލާފައިވާ ފޭރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށް ސާބިތުވެއްޖެނަމަ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. މަނީ ލޯންޑާކުރިކަން ސާބިތުވެއްޖެނަމަ ބޮޑު ޖޫރިމަނާއެއްގެ އިތުރުން ފަސް އަހަރާއި 15 އަހަރުގެ ޖަލު ހުކުމެއް އާންނާނެ އެވެ.
މި ތިން ދައުވާ ސާބިތުވެއްޖެނަމަ އެންމެ މަދުވެގެން ނުވަ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ޝަމްއާންގެ މައްޗަށް ކޯޓުން ކުރާނެ އެވެ. މަނީ ލޯންޑަރިންގެ ކުށުގެ އަދަބެއްގެ ގޮތުގައި 15 އަހަރު ކަނޑައަޅައިފިނަމަ އޭނާގެ މައްޗަށް 19 އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެއް ކުރާނެ އެވެ.
މި މައްސަލާގައި ހިމެނޭ އިބްރާހިމް އަހްމަދުގެ މައްޗަށް ފޭރުމުގެ ކުށުގެ ދައުވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ.
ލައްސާންގެ މައްޗަށް އުފުލީ ދެ ދައުވާ އެވެ. އޭއީ ފޭރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
މުހައްމަދު އަލްސަން އިސްމާއީލްގެ މައްޗަށް އުފުލީ ހަމައެކަނި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި، ހަސަން ސެހެޝާންގެ މައްޗަށް އުފުލީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެކަންޏެވެ.
ޝައްމާން މިހާރު ހުރީ މައްސަލާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާގެ ބަންދުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް ނާކާމިޔާބުވީ އެވެ.
ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. ޝަމްއާންގެ މައްސަލައަކަށްވީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment