Advertisement

ގާނޫނާ ހިލާފަށް 32 ކާޓޫނު ސިނގިރޭޓު އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފި

25 މޭ 2025 - 15:45 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހާގެ ފޮޓޯ އަދި ވަނަވަރު --- ފޮޓޯ: ފުލުހުން


ގާނޫނާ ހިލާފަށް 32 ކާޓޫނު ސިނގިރޭޓު އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފި

25 މޭ 2025 - 15:45 1

ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ، އަބްދުލް ކަރީމް، 45، އެވެ. އޭނާ ރާއްޖޭގައި އުޅެމުންދިޔައީ ގާނޫނާ ހިލާފަށް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން މިއަދުއާންމުކުރި މައުލޫމާތު ބުނެފައިވަނީ އެ މީހާ ހައްޔަރުކުރީ މި މަހުގެ 23 ގެ ރޭ ދަންވަރު ތިލަފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި ކަމަށެވެ. ސިނގިރޭޓުތައް އަތުލީ ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏަކުންނެވެ.

އަތުލައިގެންފައި ވަނީ މެންޗެސްޓާ ބްރޭންޑުގެ 32 ކާޓޫނު ސިނގިރޭޓެވެ. މި މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ނޮވެމްބަރު މަހު ސަރުކާރުން ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރި ފަހުން ސިނގިރޭޓުގެ އަގު 240ރ. އަށް އެެރުމާއެކު ސިނގިރޭޓުގެ ކަޅު ބާޒާރެއް ރާއްޖޭގައި ވަނީ އުފެދިފަ އެވެ.

މިއާއެކު، ޑިއުޓީ ނުދައްކައި ވަގަށް ސިނގިރޭޓު އެތެރެކުރުމާއި ރާއްޖޭގައި ސިނގިރޭޓު އުފެއްދުމާއި އެއާޕޯޓު ޑިއުޓީ ފްރީ ފިހާރަތަކުން ވަގަށް ސިނގިރޭޓު ބޭރުކުރުމުގެ މައްސަލަތަކެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.

އެގޮތުން ނިމިދިޔަ އޭޕްރީލް މަހު، އެއާޕޯޓު ތަރައްގީ ކުރާ ކުންފުނިން އެތެރެ ކުރި ކޮންޓެއިނަރަކުން ވަނީ 21 މިލިއަން ރުފިޔާގެ ސިނގިރޭޓު އަތުލައިގަނެފަ އެވެ.

އައްޑޫއަށް އެތެރެ ކުރަން އުޅުނު ވަގު ސިނގިރޭޓުތަކެއް ވެސް މި ފަހުން ވަނީ އަތުލައިގަނެފަ އެވެ. އައްޑޫއިން އެ ޝިޕްމެންޓުގައި ހުރި ސިނގިރޭޓުގެ އަދަދު ލައްކައަކަށްވުރެ ގިނަ އެވެ.

އޭގެ ކުރިން ޑިއުޓީ ފްރީއިން ވަގަށް ސިނގިރޭޓު ބޭރު ކުރަން އުޅުނު މައްސަލައެއް ވެސް ވަނީ ފަޅާ އަރައިފަ އެވެ. ސިނގިރޭޓު ބޭރު ކުރަން އުޅުނީ ފުލުސް އޮފިސަރުންތަކެކެވެ. އެކަމުގައި ފުލުހުންގެ ސީނިއާ ބައެއް އޮފިސަރުން ވެސް ހިމެނެ އެވެ.