Advertisement

މި ސަރުކާރުން ޖުޑީޝަރީއަށް ފޯރުވި ނުފޫޒެއް ނޯންނާނެ: ރައީސް

25 މޭ 2025 - 13:05 7

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް މުއިއްޒު އަދި ބަންޑާރަ ނައިބު އުޝާމް. ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުގެ ގިނަ ތުހުމަތުތަކެއް މި ސަރުކާރުގެ މައްޗަށް ކުރެވޭ --- ފޮޓޯ: ރައީސް އޮފީސް


މި ސަރުކާރުން ޖުޑީޝަރީއަށް ފޯރުވި ނުފޫޒެއް ނޯންނާނެ: ރައީސް

25 މޭ 2025 - 13:05 7

ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ގައިރު ގާނޫނީ ތަހުގީގަކަށް ބިނާކޮށް، ވެރިކަން ހިންގާ ޕާޓީގެ މެންބަރުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށްފައި ވަނިކޮށް، ޖުޑީޝަރީއަށް މި ސަރުކާރުން ފޯރުވި ނުފޫޒެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންސާނީ އަދި ކުށްވެރިންނަށް ބައިނަލްއަގުވާމީ ޖަމާއަތްތަކާއި މުއާހަދާތަކުން ލިބިދޭ ގިނަ ހައްގުތަކެއް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ފާސްކުރި ގޭންގު ބިލު ތަސްދީގު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުށް ކުރާ އެންމެނަށް ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ހިނގާނެ ކަމަށެވެ.

"މި ސަރުކާރުގައި ޖުޑީޝަރީއަށް ފޯރުވާނެ ނުފޫޒު، ފޯރުވި ނުފޫޒެއް ނޯންނާނެ. އަޅުގަނޑުމެން ބޭނުންވަނީ އިންސާފުވެރި ނިޒާމެއްގެ ތެރެއިން ކަންކަން ދާން،" އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ގާނޫނީ ނިޒާމުގެ ތެރެއިން އަދަބެއް ދޭން ޖެހޭ ހިސާބަށް ގޮއްސިއްޔާ އެ ދޭން ޖެހޭ އަދަބެއް ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ގޭންގު ކުށެއް ނުވަތަ އެހެން ކުށަކަށް ވިޔަސް އެ މީހާއަކީ ސިޔާސީ މީހެއްތޯ ނުވަތަ ވިޔަފާރިވެރިޔެއްތޯ ނުބަލާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޖުޑީޝަރީއަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ވިދާާޅުވެފައިވާއިރު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރީ ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށެވެ. އެ ތަހުގީގު ހިންގި ކޮމިޓީގައި ސީދާ ރައީސް އައްޔަނު ކުރެއްވި ދެ މެންބަރުން ތިއްބެވި އެވެ.

ފަނޑިޔާރުން ވަކިކުރަން ވޯޓު ދިނީ ރައީސް ލީޑަރުކަން ކުރައްވާ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އެމަނިކުފާނަށް އެބައޮތެވެ. މަޖިލީހުގެ ކަންކަން ނިންމުމުގައި ފަހު ބަސް މިހާރު ވިދާޅުވަނީ ރައީސް އެވެ.

ޖޭއެސްސީގައި އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކުއްލި ގޮތަކަށް ބަދަލުވުމާއި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރި ދުވަސްކޮޅު ފަނޑިޔާރުން ސަސްޕެންޑު ކުރުމަކީ އިއްތިފާގެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭގޮތުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ފަނޑިޔާރުން ވަކިކުރުމާ މެދު ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ޖުޑީޝަރީގެ މިނިވަންކަމަށް އަރައިނުގަތުމަށް ސަރުކާރަށް ގޮވާލި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކޮށްފައި ވަނީ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ރައީސް މުއިއްޒުގެ ކޮންޓްރޯލުގެ ދަށަށް ގެނައުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ވެސް ވަނީ ބުނެފަ އެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއް ގާނޫނުއަސާސީގައި ލިޔެފައި އޮތަސް މިހާރު ރާއްޖޭގައި ނިޒާމު ހިނގަނީ އެގޮތަށް ނޫން ކަމަށް އިދިކޮޅު ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ ބުނެފަ އެވެ.