25 މޭ 2025 - 12:05 2
އަހުމަދު އާއިދު
ހާއްސަ އޮޕަރޭޝަނެއްގައި ފުލުހަކު މާލޭގެ މަގުމަތީ ހަރަކާތްތެރިވަނީ: މި ގާނޫނާއެކު ގިނަ ހައްގުތަކެއް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިގެން ގޮސްފަ --- ފޮޓޯ: އަދަދު
25 މޭ 2025 - 12:05 2
އިންސާނީ އަދި ކުށްވެރިންނަށް ބައިނަލްއަގުވާމީ ޖަމާއަތްތަކާއި މުއާހަދާތަކުން ލިބިދޭ ގިނަ ހައްގުތަކެއް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަސްދީގުކުރައްވައިފި އެވެ.
މި ބިލު ތަސްދީގުކުރީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ބިލު ތަސްދީގުކުރެއްވުމަށްފަހު ރައީސް މުއިއްޒު ވިދާޅުވީ، މިއަދު މި ފެށުނީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި މި ބިލާއެކު ގޭންގު ކުށްތައް ހުއްޓުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށެވެ. ރަސްމިއްޔާތުގައި ބިލާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ރައީސް ޖަވާބު ދެއްވި އެވެ.
ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި މި ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސްކޮށް، ގެނައި އިސްލާހުތަކާ އެކު މެއި 15، ގައި މަޖިލީހުން ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކު އެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރުން ވޯޓު ދެއްވާފައި ނުވާއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 11 މެންބަރުން ތިއްބެވި އެވެ.
ކޯޓު އަމުރަކާ ނުލައި މީހުން ބަލައި ފާސްކުރުމަށާއި، ހައްޔަރު ކުރުމަށާއި، އަމިއްލަ ތަނަކުން މީހަކު ހައްޔަރު ކުރުމަށް ފަހު އެ ތަނެއް ބަލައި ފާސްކުރުމަށް ހާއްސަ ބާރުތަކެއް މި ގާނޫނުގެ ދަށުން ފުލުހުންނަށް ވަނީ ދީފަ އެވެ. އޭގެ އިތުރުން، އެއްގަމު އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދުތައް ބަލައި ފާސްކުރުމާއި، އެ އުޅަނދެއްގައިވާ މީހެއްގެ ސާމްޕަލް ނެގުމުގެ ބާރު ވެސް ފުލުހުންނަށް މި ބިލުން ވަނީ ދީފަ އެވެ.
އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިންގުމުގެ ކުށް ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ ކުށް ކުރަން އެހީތެރިވާ މީހަކު 18 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ފަސް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދާ މީހަކު އެ ބިލުގެ ދަށުން 20 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ހަތް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ގްރޫޕަކަށް ކުޑަކުއްޖަކު ހޯދައިފި ނަމަ އެކަން ކުރާ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު 10 މިލިއަން ރުފިޔާ އާއި ތިން މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
ގޭންގަކަށް ނިސްބަތްވާ މީހުން އެ ގާނޫނުގެ ދަށުން ކަނޑައަޅާނީ ޝަރުއީ ކޯޓަކުންނެވެ. ގޭންގަކަށް ނިސްބަތްވާކަން ކަނޑައަޅާނީ:
އެއްވެސް ގޭންގަކަށް ނިސްބަތްވާކަން ދެއްކުމުގެ ގޮތުން ގޭންގަކަށް ނިސްބަތްވާ ނިޝާނެއް ނުވަތަ ކުރެހުމެއް ގައިގެ އެއްވެސް ތަނެއްގައި ނުވަތަ އެމީހަކު އާންމުކޮށް ގެންގުޅޭ އެއްޗެއްގައި ޖަހައި ބޭނުން ކުރުމަކީ ވެސް އެ ބިލުގައި ވާގޮތުން މަނާ ކަމެކެވެ.
އެ ކަންކަމުގެ އިތުރަށް ގޭންގު ކުށް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް އެމީހުންގެ މުދާ ދައުލަތަށް ނެގޭނެ ހާލަތްތަކާއި އެފަދަ ކުށެއްގައި މީހަކު ހައްޔަރު ކުރާތާ 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލަކާ ބައްދަލު ކުރުމުގެ ހައްގުން މަހުރޫމު ކުރަން ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ތިން މަސް ފަހުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment