Advertisement

"ކޮން އާޓިސްޓު" ޒައިދާން މިފަހަރު ހައްޔަރު ކުރީ ކާ އެއްޗިއްސަށް އޯޑަރު ދިނުމަށްފަހު ފޭކު ސްލިޕު ފޮނުވި މައްސަލައެއްގައި

25 މޭ 2025 - 10:55 0

ޒައިދާން ހައްޔަރު ކުރުމަށްފަހު ނަގާފައިވާ ފޮޓޯއެއް: މަކަރާއި ހީލަތުގެ ވަރަށް ގިނަ މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރު ކުރި -- ފޮޓޯ: ޕޮލިސް


"ކޮން އާޓިސްޓު" ޒައިދާން މިފަހަރު ހައްޔަރު ކުރީ ކާ އެއްޗިއްސަށް އޯޑަރު ދިނުމަށްފަހު ފޭކު ސްލިޕު ފޮނުވި މައްސަލައެއްގައި

25 މޭ 2025 - 10:55 0

މަކަރާއި ހީލަތުން ގިނަ ބަޔަކަށް މީގެ ކުރިން ވެސް ލަނޑު ދީފައިވާ ޒައިދާން މުހައްމަދު ހާޝިމް، ކާބޯތަކެތި އޯޑަރު ކުރުމަށްފަހު ފޭކު ސްލިޕުތަކެއް ފޮނުވައިގެން އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޒައިދާން، 28، ހައްޔަރު ކުރީ "ފުޑީސް ޑެލިވަރީ" އަށް ފޭކު ސްލިޕު ފޮނުވަމުންދާ މައްސަލައެއްގައި ކަމަށެވެ. އޭނާ ހައްޔަރުކޮށްގެން ކޯޓަށް ގެންދިޔުމުން 15 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.

މީގެ ކުރިން ވެސް މަކަރާއި ހީލަތުގެ ވަރަށް ގިނަ މައްސަލަތަކުގައި ޒައިދާން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ޑޮލަރު ވިއްކާނެ ކަމަށް ބުނެ ފައިސާ އަތުލުމާއި ތަންތަނުން މުދާ ގަތުމަށްފަހު ފޭކު ސްލިޕު ފޮނުވުމުގެ މައްސަލަތައް ހިމެނެ އެވެ.

ވުޖޫދައި ނެތް ފޭކު ކުންފުންޏެއްގެ ނަމުގައި ވެސް ޒައިދާން ވަނީ ބައެއް ފިހާރަތަކުން މުދާ ގަނެފަ އެވެ. އެ ސްކޭމް އޭނާ ހިންގީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ.

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަމުންދާތީ، ޒައިދާންގެ ފަރާތުން ގެއްލުން ވެފައިވާ މީހުން ދެނެގަތުމަށް މީގެ ކުރިން ފުލުހުން އިއުލާނެއް ވެސް ކުރި އެވެ. އެ އިއުލާނު ކުރީ ޑިސެމްބަރު، 2023، ގަ އެވެ.

ސިވލް ކޯޓުގައި ވެސް އޭނާގެ ގިނަ މައްސަލަތަކެއް ކުރިއަށްގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި އެޕާޓްމަންޓަކަށް ކުލި ނުދެއްކި މައްސަލައަކާއި ސައިކަލެއް ނެގުމަށްފަހު ފައިސާ ނުދެއްކި މައްސަލައަކާއި ދަަރަނީގެ އިތުރު މައްސަލައެއް ހިމެނެ އެވެ. އެ ތިން މައްސަލަ ވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

އެ މައްސަލަތަކުގެ ހުކުމް ތަންފީޒު ކުރަން ކޯޓަށް ކިޔުމުން ޒައިދާން އުޅުނީ ފިލައިގެންނެވެ. އެފަހަރު އޭނާ ހޯދަން ފުލުހުން އިއުލާނެއް ވެސް ކުރި އެވެ.