Advertisement

ފޮރެސްޓާއި ޗެލްސީ ކުޅޭ މެޗަށް ގެރީ ނެވިލް ދަނޑަށް ވަނުން މަނާ

24 މޭ 2025 - 09:12 0


ފޮރެސްޓާއި ޗެލްސީ ކުޅޭ މެޗަށް ގެރީ ނެވިލް ދަނޑަށް ވަނުން މަނާ

24 މޭ 2025 - 09:12 0

ލަންޑަން (މެއި 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ ޗެލްސީއާ ދެކޮޅަށް ނޮޓިންހަމް ފޮރެސްޓުން ކުޅޭ މެޗަށް އެ ޓީމުގެ ދަނޑަށް ސްކައި ސްޕޯޓްސްގެ ޕަންޑިޓް، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފުލްބެކް، ގެރީ ނެވިލް ވަނުން މަނާކޮށްފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އެ ގޮތުން، ސްކައި ސްޕޯޓްސް އިން ނެވިލް ގާތުގައި ބުނެފައިވަނީ، ނެވިލް ދަނޑަށް ވަންނަން އޮތް އެކްރެޑިޓޭޝަން ފާސް ނުދޭ ގޮތަށް ފޮރެސްޓުން ނިންމާފައިވާ ކަމަށެވެ.

ނެވިލް، 50، ބުނީ މި ސަބަބާ ހުރެ ޕްރިމިއާ ލީގުގެ އެ މެޗުގެ ކަވަރޭޖްގައި އޭނާ އަށް މަސައްކަތް ކުރެވެން ނެތް ކަމަށެވެ.

އިނގިރޭސި ގައުމީ ޓީމަށް ވެސް ކުރިން ކުޅެފައިވާ ނެވިލްއާ މެދު ފޮރެސްޓުން މި ގޮތަށް ނިންމާފައި މި ވަނީ، ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ އާއި ފޮރެސްޓް އެއްވަރުވި މެޗަށް ފަހު، ފޮރެސްޓްގެ ވެރިޔާ، އެވަންޖެލޯސް މަރިނާކިސް އާއި އެ ޓީމުގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ދަނޑުމަތީގައި ޒުވާބުކުރި ކަމަށް ބުނެ، ނެވިލް ސޯޝަލް މީޑިއާގައި ދެއްކި ވާހަަކައާ ހެދި އެވެ.

އެ ގޮތުން، ނެވިލް ވަނީ، އެ ކަންތައްތަކަށް ފަހު ނޫނޯ ފޮރެސްޓް ކޯޗުކަމުން ވަކިވާން ޖެހޭ ކަމަށް ބުނެ، މަރިނާކިސްގެ އެ ކަންތައްތަކަށް ފާޑުކިޔައިފަ އެވެ.

ފޮރެސްޓުން ވަނީ، މަރިނާކިސް އާއި ނޫނޯ މެދުގައި ޒުވާބެއް ނުހިނގާ ކަމަށާއި އެ ދެ މީހުންގެ މެދުގައި ދެކެވުނު ވާހަކަ އަކީ، ނޮޓިންހަމްގެ ފޯވާޑް ޓައިވޯ އަވޮނިޔީގެ އިންޖަރީ އަށް ފަހު، އޭނާ ކުޅުން ކުރިއަށްގެންދިޔަ ސަބަބުގެ ވާހަކަ ކަމަށެވެ.

ނެވިލް ވަނީ އޭނާ އަށް ދަނޑަށް ވަނުމުގެ ފާސް ނޮޓިންހަމް ކަހަލަ ކްލަބަކުން ނުދޭން ނިންމުމަކީ ވަރަށް ދެރަ ނިންމުމެއް ކަމަށް ބުނެފަ އެވެ. އަދި، ފޮރެސްޓުން ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ކުރާ މަސައްކަތުގައި ކާމިޔާބަށް އެދޭ ކަމަށް ނެވިލް ވަނީ ބުނެފަ އެވެ.

ޕްރިމިއާ ލީގުން ބުނީ، ކްލަބްތަކުގެ ދަނޑަށް ވަންނަން އެކްރެޑިޓޭޝަން ފާސް ދޭނެ ފަރާތްތައް ނިންމާނީ އެ ކްލަބަކުން ކަމަށެވެ.