Advertisement

ލިވަޕޫލުން ވާޓްޒްގެ ސޮއި ހޯދުމާ ގާތަށް

24 މޭ 2025 - 08:52 0


ލިވަޕޫލުން ވާޓްޒްގެ ސޮއި ހޯދުމާ ގާތަށް

24 މޭ 2025 - 08:52 0

ބާލިން (މެއި 24) - ބަޔާ ލެވަކޫސަނަށް ކުޅެމުން އަންނަ ޖަރުމަނު ގައުމީ ޓީމުގެ ޕްލޭމޭކަރު، ފްލޯރިއަން ވާޓްޒްގެ ސޮއި ހޯދުމާ ގާތަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލުން ޖެހިލައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލިވަޕޫލުން ވަނީ ލެވަކޫސަންގެ ކަނާތު ބެކް، ނެދަލެންޑްސްގެ ޖެރެމީ ފްރިމްޕޮން ގަންނަން އެއްބަސްވުމަކަށް އަތުވެފަ އެވެ. އެއީ، 40 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުުނާގޮތުން، ލެވަކޫސަންގެ ވާޓްޒް، 22، ގެ އޭޖެންޓް އާއި އާއިލާ މެމްބަރުން ދާދި ފަހުން އިނގިރޭސިވިލާތަށް ކުރި ދަތުރުގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލާ ވަނީ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ލިވަޕޫލުން ވަނީ ވާޓްޒް ބޭނުންވާނަަމަ، އޭނާގެ ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ ފީ ލެވަކޫސަނަށް އެއްބަސްވެވޭ އުސޫލެއްގެ ތެރެއިން ލިވަޕޫލުން ދައްކާނެ ކަމަށް އަންގައިފަ އެވެ.

ވާޓްޒްގެ ކޮންޓްރެކްޓް މި ވަގުތު ލެވަކޫސަނާ އެކު އޮތީ، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ އެއްބަސްވުމުގެ ރިލީސް ކްލޯސް (ގަންނަން ދައްކަން ޖެހޭ ފީ) އަކީ 150 މިލިއަން ޑޮލަރެވެ.

މީގެ ކުރިން، ވާޓްޒް ހޯދުމުގެ ރޭހުގައި މެންޗެސްޓާ ސިޓީ ވެސް އޮތެވެ. އެކަމަކު، ވާޓްޒް ވިއްކަން ލެވަކޫސަނުން ކިޔާ ފީ ބޮޑުވުމުން ސިޓީން ވަނީ އެ ޑީލުން ފެއަށް ޖެހިލައިފަ އެވެ. ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ވާޓްޒް ވަނީ، އެ ގައުމުގެ ޗެމްޕިއަން، ބަޔާން މިއުނިކަށް ބަދަލުވުމުގެ ވިސްނުމެއް ނެތް ކަމަށް އެ ކްލަބަށް އަންގައިފަ އެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ވާޓްޒް ބޭނުންވަނީ، ލިވަޕޫލާ ގުޅޭށެވެ. އަދި، އެކަން ލެވަކޫސަނަށް އަންގާފައިވާ ކަމަށާއި، އެ ޑީލްގެ މަޝްވަރާތައް ލިވަޕޫލާ އެކު، ރަސްމީކޮށް ފަށާފައިވާ ކަމަށް ވެސް ޖަރުމަނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ލިވަޕޫލުން ބޭނުންވަނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުގެ ކުރިން ވާޓްޒްގެ ޑީލް ނިންމުމަށެވެ.