23 މޭ 2025 - 18:46 0
23 މޭ 2025 - 18:46 0
ދެކުނު ކޮރެއާގައި މި މަހު ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރާ އެތުލީޓުންނަކީ، އިބާދުﷲ އާދަމް އާއި ޒިވާ މޫސާ ޝަފީއު ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.
މި ފަހަރުގެ އޭޝިއާ މުބާރާތް އޮތީ، ދެކުނު ކޮރެއާގެ ގުމީގައި، މި މަހުގެ 27-31 އަށެވެ.
އިބާދުﷲ އާއި ޒިވާ އަކީ "އަރުތަ" ސްކޮލަޝިޕްގެ ދަށުން ޖެމެއިކާގައި ޓްރެއިނިން ކުރިއަށްގެންދާ ދެ އެތުލީޓުންނެވެ. އެކަމަކު، ދެ އެތުލީޓުން ވެސް އެންމެ ފަހުން ޓްރެއިނިން ހަދަމުން އައީ ރާއްޖޭގަ އެވެ.
އެއީ، މި މަހު ކުރީކޮޅުގައި އިންޑިއާގެ ރާންޗީގައި ކުރިއަށްގެންދަން ނިންމާފައި އޮތް، ސައުތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަން އެ ގައުމަށް ދިއުމަށް ރާއްޖެ އައި ގޮތަށް މަޑުކުރުމަށް ފަހު އެވެ. އިންޑިއާ އާއި ޕާކިސްތާންގެ ހަމަނުޖެހުންތަކާ ހެދި ސައުތު އޭޝިއާގެ އެތުލެޓިކްސް މުބާރާތް ފަސްކުރުމުން، އިބާދުﷲ އާއި ޒިވާގެ ޓްރެއިނިންތައް ރާއްޖޭގައި ކުރިއަށްގެންދިޔައީ އެވެ.
އެތުލެޓިކްސް އެސޯސިއޭޝަން އިން މައުލޫމާތު ދިން ގޮތުގައި، އޭޝިއާ މުބާރާތުގައި، އިބާދުﷲ ވާދަކުރާނީ 100 މީޓަރާއި 200 މީޓަރު އިވެންޓުގަ އެވެ. އަދި، ޒިވާ ވާދަކުރުމަށް މި ވަގުތު ފައިނަލް ކުރެވިފައިވަނީ، 200 މީޓަރު އިވެންޓުގައި ކަމަށާއި، ދެން އޭނާ ދުވާނީ 100 މީޓަރު ނޫނީ 400 މީޓަރު ރޭހުގައި ތޯ ނިންމާނީ ކޮރެއާ އަށް ގޮސްފައި ކަމަށެވެ.
އޭޝިއާ މުބާރާތުގައި ވާދަކުރާ ޓީމަށް އިރުޝާދުދޭނީ، ސީނިއާ އެތުލެޓިކްސް ޓީމުގެ ސްޕްރިންޓް ކޯޗު، ހުސެއިން ހަލީމް އެވެ.
އިބާދުﷲ ވަނީ މިދިޔަ އަހަރު ޕެރިހުގައި އޮތް އޮލިމްޕިކްސް މުބާރާތުގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ. އަދި، ޒިވާ ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި، 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އެ އަހަރު ޗައިނާގައި ބޭއްވި، އޭޝިއަން ގޭމްސް ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment