Advertisement

އޮޑިއާ އެއްވަރުކޮށް ހޯދި ޕޮއިންޓުން މާޒިޔާ އިން އެއް ވަނަ ޔަގީންކޮށްފި

21 މޭ 2025 - 18:24 1


އޮޑިއާ އެއްވަރުކޮށް ހޯދި ޕޮއިންޓުން މާޒިޔާ އިން އެއް ވަނަ ޔަގީންކޮށްފި

21 މޭ 2025 - 18:24 1

އެފްއޭއެމް ލީގު ކަޕްގައި މިއަދު ހަވީރު އޮޑި ސްޕޯޓްސް ކްލަބާ 1-1 އިން އެއްވަރުކޮށް ހޯދި ޕޮއިންޓާ އެކު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ބުރުގެ އެއް ވަނަ ޔަގީންކޮށްފި އެވެ.

މާޒިޔާ އެއް ވަނަ ޔަގީންކުރީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮޑި އޮތީ ހަތަރު މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް މަހިބަދޫ ސްޕޯޓްސް ކްލަބް ތިން މެޗުން ބަލިވެ އޮތީ ޕޮއިންޓެއް ނުލިބި އެވެ.

ލީގު ކަޕްގެ ސެމީ ފައިނަލުގައި، ލީގު ބުރުގެ އެއް ވަނަ ކުޅެން ޖެހޭނީ ހަތަރު ވަނައާ އެވެ. އަދި، ދެ ވަނަ ޓީމު ކުޅެން ޖެހޭނީ ތިން ވަނަ ޓީމާ އެވެ. އެ ގޮތުން، ފުރަތަމަ ސެމީގައި މާޒިޔާ އިން ކުޅޭނީ ޓީސީއާ އެވެ. އަދި، ދެ ވަނަ ސެމީގައި އޮޑިން ކުޅެން ޖެހޭނީ ނިއުއާ އެވެ.

ގަލޮޅު ދަނޑުގައި މިއަަދު ހަވީރު ކުޅުނު މެޗަށް މި ދެ ޓީމު ނުކުތްއިރު ވަނީ ގިނަ ބަދަލުތަކެއް ގެެނެސްފަ އެެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި މާޒިޔާ އަށް ލީޑުނަގައިދޭން އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން މެޗު ފެށި އިބްރާހިމް އައިސަމް އަށް ލިބިގެންދިޔަ އެވެ. އެ ގޮތުން، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ހުސްކޮށްލާފައި އައިސަމް އަށް ދިން ބޯޅަ އޭރިއާތެރެއިން އެއް ފަަހަރުން ފޮނުވާލިއިރު، ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ދެ މިނިޓް ފަހުން، މާޒިޔާގެ ޑިފެންސް ފަހަތުން ބޯޅައެއް ހޯދައި، އޮޑީގެ އިސްމާއިލް ވިފާގު (އިއްސެ) ފޮނުވާލި ބޯޅަ ދިޔައީ ކުޅުންތެރިއަކު ގައިގައި ޖެހިފައި ބޭރަށެވެ.

މެޗުގެ 10 ވަނަ މިނިޓްގައި، ކޯނަރަކުން މާޒިޔާގެ ޕޯޗުގީސް ޑިފެންޑަރު، ލުއިޒް އަލްމައިޑާ ބޮލުން ފޮނުވާލި ބޯޅަ އޮޑީގެ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ.

އޮޑިން ލީޑުނެގީ މެޗުގެ 22 ވަނަ މިނިޓްގަ އެވެ. އޭރިއާ ރޮނގުމަތިން އޮޑީގެ މިޑްފީލްޑަރު، ހައިޝަމް ރަޝީދު (ހައި) އަށް ލިބުނު ބޯޅަ އޭނާ ވަނީ މާޒިޔާގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) ކައިރިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފު ލީޑުގައި އޮވެ، އޮޑިން ނިންމާލިއިރު، ދެ ވަނަ ހާފުގައި އޮޑި އާއި މާޒިޔާ އިން ވެސް ނުކުތީ ތިން ބަދަލު ގެނެސްގެންނެވެ. މާޒިޔާ އިން ދެ ވަނަ ހާފުގައި ފުރަތަމަ ހަމަލާ ފޮނުވާލީ މެޗުގެ 55 ވަަނަ މިނިޓްގަ އެވެ. އެ ގޮތުން، އެ ޓީމުގެ އަހުމަދު އަައިހަމް (ފަތޯ) ފޮނުވާލި ބޯޅަ އޮޑީގެ ގޯލު ބަލަހައްޓަން ދެ ވަނަ ހާފުގައި ނުކުތް އަބްދުﷲ ޒިމާމް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ބަދަލަކަށް ނުކުތް އޮޑީގެ މުހައްމަދު ރަޝީދު (ހޮކޭ) ވަނީ މެޗުގެ 62 ވަަނަ މިނިޓްގައި ކައުންޓަ އެޓޭކުގައި ގޯލެއް ޖަހައިފަ އެވެ. އެކަމަކު، އެ ގޯލު ބަލައިނުގަންނަން ނިންމީ އޮފްސައިޑް ކަމަށް ވުމުންނެވެ. އޭގެ 10 މިނިޓް ފަހުން، މާޒިޔާގެ އަލީ ފާސިރު (ސެންޓޭ) ބޮލުން ޖެހި ގޯލު ވެސް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

މާޒިޔާ އިން ގިނަ ކުޅުންތެރިންތަކެއް އެޓޭކަށް ފޮނުވައިގެން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ އެވެ. އެ ޓީމުން އެއްވަރުކުރި ގޯލު ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ނުވަ މިނިޓް ތެރޭގަ އެވެ. މިއީ، ޕެނަލްޓީ އަކުން ސެންޓޭ ޖެހި ގޯލެކެވެ. މި ޕެނަލްޓީ ދިނީ ސެންޓޭ އަށް އޮޑީގެ އޭރިއާތެރެއިން އެ ޓީމުގެ މިސްރު ޑިފެންޑަރު އިސްލާމް ފެކްރީ ކުރި ފައުލަކަށެވެ.

ލީގު ބުރުގެ ފަހު މެޗުގައި، މިރޭ ނިއު އިން މަހިބަދޫއާ ކުޅޭނެ އެވެ.