Advertisement

ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރަން ޕާކިސްތާނާއި ޗައިނާއިން އެއްބަސްވެއްޖެ

21 މޭ 2025 - 13:38 0


ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރަން ޕާކިސްތާނާއި ޗައިނާއިން އެއްބަސްވެއްޖެ

21 މޭ 2025 - 13:38 0

އިސްލާމްއާބާދު، ޕާކިސްތާނު (މެއި 21) - އިންޑިއާ އާއެކު ހިނގައިދިޔަ ހަމަނުޖެހުންތައް ނިމުނުތާ ކުޑަދުވަސްކޮޅެއް ނުވަނީސް ޕާކިސްތާނުން ޗައިނާ އާއެކު ގާއިމުކޮށްފައިވާ ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރާނެ ކަން ހާމަކޮށްފި އެވެ.

ފާއިތުވި 30 އަހަރުގެ ތެރޭގައި ޕާކިސްތާނާއި އިންޑިއާ އާ ދެމެދު ހިނގައިދިޔަ އެންމެ ވަރުގަދަ ހަމަނުޖެހުންތައް ހުއްޓާލަން އެއްބަސްވީ މެއި 10، ގަ އެވެ. މިއީ އިންޑިއާގެ ކަޝްމީރު ފަޅީގައި ދިން ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުންތަކެކެވެ. އެ ހަމަލާތައް ދިނީ ޕާކިސްތާނުން ކަމަށް އިންޑިއާއިން ތުހުމަތު ކުރި ނަމަވެސް އެ ތުހުމަތުތައް ޕާކިސްތާނުން ދޮގުކުރެ އެވެ.

އަންގާރަ ދުވަހު ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިއްޝާގު ޑާ ވަނީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގު ޔީ އާ ބެއިޖިންގައި ބައްދަލުކުރައްވާފަ އެވެ. ޕާކިސްތާނުގެ ގައުމީ ސިޔާދަތާއި ސަރަހައްދީ މިނިވަންކަން ހިމާޔަތްކުރުމަށް ޗައިނާއިން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.

ޕާކިސްތާނާއި އިންޑިއާ އާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް މަޝްވަރާކޮށްގެން ހައްލުކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތަށް ޗައިނާއިން ވަނީ މަރުހަބާ ކިޔާފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓާއި ދަނޑުވެރިކަމާއި އިންޑަސްޓްރިލައިޒޭޝަން އަދި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.