Advertisement

ބޯންމައުތު ބަލިކޮށް ސިޓީން ޗެމްޕިއަންސް ލީގުގެ ޖާގައެއްގެ ފުރުސަތު ބޮޑުކޮށްފި

21 މޭ 2025 - 08:45 0


ބޯންމައުތު ބަލިކޮށް ސިޓީން ޗެމްޕިއަންސް ލީގުގެ ޖާގައެއްގެ ފުރުސަތު ބޮޑުކޮށްފި

21 މޭ 2025 - 08:45 0

މެންޗެސްޓާ (މެއި 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތު އަތުން 3-1 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ ގަދަ ފަހެއްގެ ތެރޭގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މި ނަތީޖާއާ އެކު، ސީޓީން ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ފަހު މެޗުގައި، ފުލަމް އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ސިޓީ އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ކޮންމެ ޓީމަކަށް ވެސް ލީގުގައި ބާކީ އެއް މެޗު އޮތްއިރު، ޗެމްޕިއަންކަން ހޯދާފައިވާ ލިވަޕޫލަށް ވަނީ 83 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 71 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް ޖެހިލި ސިޓީ އަށް 68 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑް، ފަސް ވަނައިގައި އޮތް ޗެލްސީ، ހަ ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަނީ 66 ޕޮއިންޓް ލިބިފަ އެވެ. އަދި، ހަތް ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވަނީ 65 ޕޮއިންޓް ލިބިފަ އެވެ.

ސިޓީ ދަނޑުގައި ރޭ ކުޅުނު މެޗަކީ، 10 އަހަރު ފަހުން، އެ ކްލަބް ދޫކޮށްލަން ނިންމާފައިވާ، ބެލްޖިއަމްގެ ތަރި، ކެވިން ޑި ބްރޭނާ، އެ ކްލަބްގެ ދަނޑު، އިއްތިހާދު ސްޓޭޑިއަމްގައި ކުޅޭ ފަހު މެޗެވެ. އެހެންވެ، ޑި ބްރޭނާ އަށް ހާއްސަ އިވެންޓެއް ކުރިއަށްދިޔަ އެވެ.

ރޭގެ މެޗުގައި ސިޓީން ލީޑުނެގީ، މެޗުގެ 14 ވަނަ މިިނިޓްގައި އޭރިއާބޭރުން، އޮމަރު މާމޫޝް ޖެހި ގޯލުންނެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ. ޑި ބްރޭނާ އަށް ސިޓީގެ ލީޑުފުޅާކޮށްދޭން ލިބުުނު ފުރުސަތުގެ ބޭނުންނުހިފިދިޔައިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ ދެ ވަނަ ލަނޑު ޖަހައިދިނީ ބެނާޑޯ ސިލްވާ އެވެ.

މެޗުގެ 73 ވަނަ މިނިޓްގައި ސިޓީގެ ނިކޯ ގޮންޒާލޭޒަށް ކުރި ފައުލަކަށް ބޯންމައުތުގެ ލެވިސް ކުކް އަށް ރަތް ކާޑެއް ދެއްކިއިރު، އޭގެ ފަސް މިނިޓް ކުރިން، ސިޓީގެ މަޓެއޯ ކޮވަސިޗް އަށް ވަނީ، އެވަނިލްސަން އަށް ކުރި ފައުލަކަށް ރަތް ކާޑެއް ދައްކައިފަ އެވެ.

ދެ ޓީމުގެ ވެސް ކުޅުންތެރިއަކު މަދުވި ފަހުން، މެޗުގެ 89 ވަނަ މިނިޓްގައި، ސިޓީގެ ތިން ވަނަ ލަނޑު ޖެހީ، ގޮންޒާލޭޒް އެވެ. އަދި، އިތުރު ވަގުތުގެ ފަހު މިނިޓްގައި، ޑޭން ޖެބިސަން ވަނީ ބޯންމައުތުގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ.

އަނިޔާ އިން ސަލާމަތްވުމަށް ފަހު، އެނބުރި އައިސް ސިޓީގެ ސްޕެއިން މިޑްފީލްޑަރު، ރޮޑްރީ ވަނީ ރޭގެ މެޗުގައި ކުޅެފަ އެވެ. މިއީ، މިދިޔަ ސެޕްޓެމްބަރުގެ ފަހުން އޭނާ ފެނިގެންދިޔަ ފުރަތަމަ މެޗެވެ.