Advertisement

ޔޫރޮޕާ ލީގުގެ ފައިނަލުގައި ޕޮސްޓެކޮގްލޫ އަށް އޮތީ ވައުދެއް ފުއްދުން

21 މޭ 2025 - 08:28 0


ޔޫރޮޕާ ލީގުގެ ފައިނަލުގައި ޕޮސްޓެކޮގްލޫ އަށް އޮތީ ވައުދެއް ފުއްދުން

21 މޭ 2025 - 08:28 0

ބިލްބާއޯ، ސްޕެއިން (މެއި 21) - ޔޫރޮޕާ ލީގުގެ ފައިނަލުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާސް ގޮވައިގެން ނުކުންނައިރު، އޭނާ އަށް އޮތީ ވައުދެއް ފުއްދުމުގެ ޒިންމާ ކަމަށް ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ބުނެފި އެވެ.

ޓޮޓެންހަމް އިން އެންމެ ފަހުން ތަށްޓެއް ހޯދީ މީގެ 17 އަހަރު ކުރިންނެވެ. އަދި، އެންމެ ފަހުން ޓޮޓެންހަމް އިން ޔޫރަޕްގެ ފައިނަލުގައި ކުޅުނުއިރު، 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުން ލިވަޕޫލް އަތުން ވީ ބައްޔެވެ.

ކުރިން ސެލްޓިކްްގައި ކާމިޔާބު ހޯދި ކޯޗު ޕޮސްޓެކޮގްލޫ، ޓޮޓެންހަމާ ހަވާލުވުމަށް ފަހު، ދެ ވަނަ ސީޒަން ފެށުމަށް ފަހު، އެ ޓީމުގެ ފޯމު ދަށްވަމުން ދިޔަ ނަމަވެސް، ސަޕޯޓަރުންނަށް ދިން ޔަގީންކަމަކީ، އޭނާ ހަވާލުވާ ޓީމަކާ އެކު ދެ ވަނަ ސީޒަނުގައި ކޮންމެ ވެސް ކާމިޔާބެއް ހޯދާ ކަމަށެވެ.

"ތެދެއް، އަހަރެން ދެއްކި ވާހަކަތައް ތިއީ، އެކަން ހަގީގަތަކަށް ހެދުމުގެ ފުރުސަތު ކުރިމަތީގައި މިއޮތީ، އަހަރެން މި ހުރީ އެކަން ކުރެވޭނެ ކަމުގެ އުންމީދުގައި،" ފައިނަލުގެ ކުރިން ޕޮސްޓެކޮގްލޫ ބުންޏެވެ.

"ކޮންމެ ނަތީޖާއެއް ފައިނަލުގައި ނުކުތް ކަމުގައި ވިޔަސް، އަހަރެން މި ކްލަބަށް ތަށްޓެއް ހޯދައިދޭން ކުރާ މަސައްކަތް ކުރިއަށްގެންދަން ދެމިހުންނާނަން،"

ޔޫރަޕްގެ ފައިނަލެއްގައި ޓީމެއް ގޮވައިގެން ނުކުންނަ ގްރީސް އަށް އުފަން ފުރަތަމަ ކޯޗުގެ ޝަރަފް ލިބިފައިވާ، ޕޮސްޓެކޮގްލޫ ބުނީ، އިނގިރޭސި ޕްރިިމިއާ ލީގުގައި ޔުނައިޓެޑާއި ޓޮޓެންހަމް އޮތް މަގާމު ފައިނަލަށް ނުކުންނައިރު މުހިންމެއް ނޫން ކަން މި މުބާރާތުގައި އެ ދެ ޓީމުން ނެރެފައިވާ ނަތީޖާތައް ބަލާލުމުން އެނގިގެންދަނެ ކަމަށެވެ.

އަދި، މި ސީޒަނުގައި ޓޮޓެންހަމް އިން ޔުނައިޓެޑްގެ މައްޗަށް ތިން މެޗުން ކުރިހޯދާފައިވުމަކީ، ފައިނަލަށް ނުކުންނައިރު، އޭގެ ސަބަބުން ތަފާތެއް އަންނާނެ ކަމެއްގެ ގޮތުގައި ވެސް ޕޮސްޓެކޮގްލޫ ނުދެކެ އެވެ.

"ފައިނަލެއްގައި ހާލަތް ތަފާތުވާނެ. އަހަރެންގެ ވިސްނުމަކީ، މި ނުކުންނަނީ މެންޗެސްޓާ ޔުނައިޓެޑް އެ ކްލަބްގެ އެންމެ ރަނގަޅު ލެވަލްގައި އޮއްވައި ތަށްޓަކަށް ވާދަކުރަން. އެހެންވީމަ، މި މެޗު ތަފާތުވާނެ،" ޕޮސްޓެކޮގްލޫ ބުންޏެވެ.

ޓޮޓެންހަމް ކޯޗެއްގެ ގޮތުގައި އޭނާ އަށް މުސްތަގުބަލެއް އެބައޮތްތޯ މި ވަގުތު ގިނަ ބަޔަކު ސުވާލު އުފެއްދި ނަމަވެސް، ޕޮސްޓެކޮގްލޫގެ ހުރިހާ ފޯކަސް އެއް ހުރީ ފައިނަލުގައި ކާމިޔާބު ހޯދަން ހަށިގަނޑުގެ ހުރިހާ ހަކަތައެއް ހުސްކޮށްލުމަށް ކަމަށް ވަނީ ބުނެފަ އެވެ.

ޓޮޓެންހަމާއި ޔުނައިޓެޑް ކުޅޭ ޔޫރޮޕާ ފައިނަލް މެޗު ފަށާނީ މިރޭ 00:00 ގަ އެވެ.