20 މޭ 2025 - 21:19 0
މުހައްމަދު ޝަހްޒާން
ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް ތައިލޭންޑާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ހެލްތު މިނިސްޓްރީ
20 މޭ 2025 - 21:19 0
ސްވިޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ތައިލޭންޑާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އަސާސީ ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރުމަށާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ރެގިއުލޭޓަރީ ހިދުމަތްތައް ހަރުދަނާ ކުރުމުގެ އިތުރުން ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ހަރުދަނާ ކުރުމަށާއި ސިއްހީ ޕްލިސީ އާއި ސިއްހީ ސިސްޓަމް ރިސާޗު އަދި ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލިޖީ ހަރުދަނާ ކުރުމަށް ތައިލޭންޑުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ބުންޏެވެ.
އޭގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ދެމެހެއްޓެނިވި ބަދަލުތައް ގެނައުމަށް މާލީ އެހީތެރިކަން ވެސް އެ އެއްބަސްވުމުގެ ދަށުން ތައިލޭންޑުން ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ބުންޏެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު، އަބްދުالله ނާޒިމް ވަނީ ރާއްޖެ އާއި ތައިލޭންޑާ ދެމެދު ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ހުރިކަން ފާހަގަކުރައްވައި އެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
މިއަދު ސޮއި ކުރި އެއްބަސްވުމައކީ ދެ ގައުމގެ ދެމެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށްޓަކައި ކުރާ މަސައްކަތަށް ލިބުނު ކާމިޔާބެއް ކަމަށް ނާޒިމް ސިފަ ކުރެއްވި އެވެ.
ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ތައިލޭންޑުން ޒަމާނުއްސުރެ ވެދެމުންދާ އެހީތެރިކަމާއި ފޯރުކޮށްދޭ ތަޖުރިބާއަށް ނާޒިމް ޝުކުރު އަދާ ކުރެއްވި އެވެ.
Comment