Advertisement

ކޮމިޝަނަރުންނާ ދެކޮޅަށް މުވައްޒަފުންގެ ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް ބްރޯޑްކޮމްގެ އެސްޖީ ސަސްޕެންޑުކޮށްފި

20 މޭ 2025 - 18:46 10

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ބްރޯޑްކޮމްގެ މެންބަރުން.


ކޮމިޝަނަރުންނާ ދެކޮޅަށް މުވައްޒަފުންގެ ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް ބްރޯޑްކޮމްގެ އެސްޖީ ސަސްޕެންޑުކޮށްފި

20 މޭ 2025 - 18:46 10

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކޮމިޝަނަރުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެތައް އަމަލެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް އެ ކޮމިޝަނުގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ މިއަދު ސަސްޕެންޑުކޮށްފި އެވެ.

އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބްރޯޑްކޮމްގެ އިދާރީ ހިންގުމުގެ އިސްވެރިޔަކަށް ހުންނެވި ޒީނިޔާ ސަސްޕެންޑު ކުރީ 96 ގަޑިއިރަށެވެ. އޭނާ ސަސްޕެންޑު ކުރީ ކީއްވެގެން ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.

ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮންޖެހުންތައް ހިއްސާކޮށް އެ ކަންކަމަށް މަޖިލިސް މެދުވެރިކޮށް ހައްލު ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ. އެ ޕެޓިޝަނުގައި އެސްޖީގެ މަސައްކަތްތަކަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ކަންކަން

  1. ބްރޯޑްކޮމްގެ ރައީސާއި މެންބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ އެންމެހާ ކަންކަމަށް އެއްވެސް ހުދޫދެއް ނެތި، އިދާރީ އޮނިގަނޑަށް އިހުތިރާމު ކުރުމެއް ނެތި، މުވައްޒަފުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅަމުން ދިޔުން
  2. މާލިއްޔަތު ގަވާއިދާ ފުށުއަރާނެ ގޮތަށް މަސައްކަތް ކުރުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރުވުން
  3. އިތުރު ގަޑީގެ ފައިސާ ދެވެން ބަޖެޓުގައި ނެތް އިރުވެސް، މަސައްކަތް ކުރުވައި، އެކަށީގެންވާ ވަގުތު ނުދީ މަސައްކަތް ނިންމުމަށް ޕްރެޝަރު ކުރަމުން ދިޔުން
  4. ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސްގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި މުވައްފަޒު އޭނާ އަދާކުރަމުންދިޔަ ޒިންމާތަކުން ނުރުހުމުގައި އެކަހެރިކޮށް، އޭނާ ޑިޕާޓުމަންޓު ބަދަލުކޮށް، ޑަބަލް ވިކްޓިމައިޒް ކުރުން
  5. އިދާރީ ހިންގުމުގެ އެންމެ އިސް މީހާގެ ގަދަރާއި ހައިބަތު ކުޑަވާ ގޮތަށް ކޮމިޝަނުގެ ހުރިހާ މުވައްޒަފުންގެ ހާޒިރުގައި މުއާމަލާތް ކުރުން
  6. ކޮމިޝަނުގެ ދާއިމީ ކޮމިޓީތަކުން ނިންމާ ނިންމުންތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުން
  7. ބައެއް މުވައްޒަފުންނަށް ދީފައިވާ އެކްސެސް ކަނޑާލައި، ބައެއް މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުން
  8. މުވައްޒަފަކު ހުންނަ ގޮތަކުން އޭނާ ވަޒީފާއިން ވަކިކުރަން ބޭނުންވާ ކަމަށް ބުނެ އުޅުން
  9. ކޮމިޝަނުގެ ހިންގާ ގަވާއިދާ ހިލާފަށް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅައި އިޖުރާއަތްތައް ފުރިހަމަނުކޮށް ވަކި މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެޗްއާރު ޕެނަލަށް އެންގުން
  10. އެޗްއާރު ޕެނަލްގެ ނިންމުންތައް ބަލައިނުގަތުން
  11. ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތްތަކަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވުން
  12. ތަނުގެ ހިންގުމާ މެދު ގޮތް ކިޔައި ބާރު ފޯރުވަމުން ދިޔުން
  13. މުވައްޒަފުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެއްދުން
  14. ވިސިލްބްލޯވާ ޕްރޮޓެކްޝަން އެކްޓުގެ ދަށުން ލިބިދޭ ހައްގުތައް ހަނިވާ ގޮތަށް ނުފޫޒު ފޯރުވުން
  15. މުވައްޒަފުން މެދުވެރިކޮށް މުވައްޒަފުންނާއި އިދާރީ ވެރިންނަށް ފާރަލުން

ބްރޯޑްކޮމް ޖަވާބުދާރީވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިިޓީއަށެވެ. އެ ޕެޓިޝަނުގައި އެދިފައި ވަނީ ކޮމިޝަނުގެ ރައީސާއި، ނައިބު ރައީސް އަދި ބައެއް މެންބަރުން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރު ކޮށްދިނުމަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުންނަކީ ސަފާ ޝަފީގް އާއި މުހައްމަދު އަބްދުﷲ (މުހައްމާ ކަލޯ) އާއި އައިމިނަތު އަމީނާ އާއި އައިމިނަތު ސަރާހަތު އިއްޒަތާއި އައިމިނަތު ނުޒުހާ އާއި ޝިފްލާ އިބްރާހިމް އާއި މޫސާ ރިލްވާން އެވެ. ކޮމިޝަނުގެ ރައީސްއަކީ ސަފާ އެވެ.

ބްރޯޑްކޮމްގެ ތެރޭގައި ސިޔާސީ ނުފޫޒު އިންތިހާއަށް ބޮޑުވެފައިވާއިރު އެ ކޮމިޝަނުގެ މެންބަރަކު ވަނީ ދާދިފަހުން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށްވެސް ސޮއިކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ބައެއް ޓީވީ ސްޓޭޝަންތައް ހާޒިރުކޮށް ޖަވާބުދާރީވާން މިފަހުން ވަނީ އަންގާފަ އެވެ.