Advertisement

‏ވާވޭގެ އަމިއްލަ އޯއެސް "ހާމަނީ" ބޭނުންކުރި ފުރަތަމަ ލެޕްޓޮޕްތައް ‏‏ނެރެފި‏

21 މޭ 2025 - 08:24 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

ވާވޭގެ ލެޕްޓޮޕްތަކަށް އަންނަނީ ބޮޑުތަރުހީބެއް ލިބެމުން -- ފޮޓޯ: ވާވޭ


‏ވާވޭގެ އަމިއްލަ އޯއެސް "ހާމަނީ" ބޭނުންކުރި ފުރަތަމަ ލެޕްޓޮޕްތައް ‏‏ނެރެފި‏

21 މޭ 2025 - 08:24 0

‎‏ޗައިނާގެ ޓެކް ކުންފުނި ވާވޭ އިން އަމިއްލައަށް ތައްޔާރުކުރި ހާމަނީ އޮޕަރޭޓިން ސިސްޓަމް ‏‏ބޭނުންކޮށްގެން އުފެއްދި ފުރަތަމަ ލެޕްޓޮޕްތައް ނެރެފި އެވެ.‏

‏ވާވޭ އިން ހޯމަ ދުވަހު ދެ އާ ލެޕްޓޮޕް މޮޑެލް ތައާރަފުކޮށްފައިވާއިރު، ‏‏މިއީ އެ ކުންފުނިން އަމިއްލައަށް ތައްޔާރުކުރި ހާމަނީ އޮޕަރޭޓިން ‏‏ސިސްޓަމް ބޭނުންކޮށްގެން ވިއްކާ ފުރަތަމަ ލެޕްޓޮޕްތަކެވެ. މި ‏‏ލެޕްޓޮޕްތައް ނެރެފައިވަނީ ހުޅަނގުގެ ބޮޑެތި ޓެކްނޮލޮޖީ ‏‏ކުންފުނިތަކާ ވާދަކުރުމަށެވެ. ‏

‏އެމެރިކާއިން ވާވޭއަށް މުހިންމު ޗިޕްތައް ލިބުމަށް ހުރަސްތަކެއް ‏‏ކުރިމަތިކުރަމުން ދާއިރު، ޗައިނާއަކީ ޓެކްނޮލޮޖީގެ ހާޑްވެއާ ‏‏އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމަކަށް ވީނަމަވެސް، ‏‏ކޮމްޕިއުޓަ އޮޕަރޭޓިން ސިސްޓަމްތައް ތަރައްގީކުރުމުގައި ‏‏މައިކްރޯސޮފްޓް އަދި އެޕަލްއާ އަޅާބަލާއިރު މާ ފަހަތުގައި ‏‏އުޅޭ ގައުމެކެވެ. މައިކްރޯސޮފްޓްގެ ވިންޑޯސް އަދި އެޕަލްގެ ‏‏މެކްއޯއެސް ވަނީ ދުނިޔޭގެ މާކެޓްގައި ގިނަ ދުވަސްތަކެއް ވަންދެން ‏‏އެއްވަނައިގައި ހިފަހައްޓާފަ އެވެ‏‎.‎

‏ވާވޭއިން އަލަށް ނެރުނު މޭޓްބުކް ފޯލްޑް އަދި މޭޓްބުކް ޕްރޯ ދެ ‏‏ލެޕްޓޮޕްވެސް ރަން ކުރަނީ ހާމަނީ އޯއެސް 5 ގަ އެވެ. މިއީ ވާވޭ ‏‏ޓެކްނޮލޮޖީސް އިން 2015 ވަނަ އަހަރު ތަރައްގީ ކުރަން ފެށި އަދި ‏‏5 އަހަރު ފަހުން މޭޓް ސީރީޒްގެ ސްމާޓްފޯނުތަކުގައި ތައާރަފުކުރި ‏‏އޮޕަރޭޓިން ސިސްޓަމްގެ އެންމެ ފަހުގެ ވާޝަނެވެ. ލެޕްޓޮޕްތަކުގެ ‏‏ޕްރޮޓޯޓައިޕް ތައްޔާރުކުރަން ފަށާފައިވަނީ 2021 ވަނަ އަހަރު އެވެ‏‎.‎

‏މޭޓްބުކް ފޯލްޑްގެ އަސާސީ މޮޑެލްގައި ފިޒިކަލް ކީބޯޑެއް ‏‏ނުހިމެނެއެވެ. އަދި ފުރިހަމައަށް ހުޅުވާލުމުން 18 އިންޗީގެ އޯލެޑް ‏‏ޑަބަލް ސްކްރީނެއް ލިބެއެވެ. މި މޮޑެލްގެ އަގަކީ 23,999 ޔުއާން ‏‏(3,328 އެމެރިކާ ޑޮލަރު) އެވެ. އާންމު ލެޕްޓޮޕް ކީބޯޑެއް ‏‏ބޭނުންކުރާ މޭޓްބުކް ޕްރޯ މޮޑެލްގެ އަގު ފެށެނީ 7,999 ޔުއާން ‏‏އިންނެވެ‏‎.‎

‏ވޮޝިންގްޓަން އިން 2019 ވަނަ އަހަރުން ފެށިގެން ގައުމީ ‏‏ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކާ ހެދި ވާވޭއަށް އެމެރިކާގެ ޓެކްނޮލޮޖީ ‏‏ލިބުން ހަނިކުރަން ފެށި އެވެ. މިކަމުގެ ސަބަބުން ވާވޭއިން ‏‏ޗިޕްތަކާއި އޮޕަރޭޓިން ސިސްޓަމްތައް ތަރައްގީކޮށް އުފެއްދުމުގެ ‏‏އަމިއްލަ ގާބިލުކަން ބިނާކުރުމަށް މަޖުބޫރުވި އެވެ‏‎.‎

‏ވާވޭއިން ބުނެފައިވާ ގޮތުގައި ކޮމްޕިއުޓަރުތަކަށް ހާމަނީއޯއެސް މިހާރު ‏‏150 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅަ އެވެ. މީގެ ތެރޭގައި ‏‏މައިކްރޯސޮފްޓް އޮފީހުގެ ބަދަލުގައި ކިންގްސޮފްޓްގެ ޑަބްލިއުޕީއެސް ‏‏އޮފީސް ހިމަނާފައިވާއިރު، އަދި ފޮޓޯ އެޑިޓްކުރާ އެޕް މެއިޓޫ ޝިއު ‏‏ވެސް މި އޯއެސް ގައި ހިމެނެ އެވެ. ‏

‏2024‏‎ ‎‏ވަނަ އަހަރުގެ ނިޔަލަށް، 7.2 މިލިއަނަށްވުރެ ގިނަ ވަކިވަކި ‏‏ޑިވެލޮޕަރުން ހާމަނީއޯއެސްއަށް އެޕްތައް ތަރައްގީ ކުރަމުން ގެންދިޔަ ‏‏އެވެ. ވާވޭގެ އެންމެ ފަހުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ‏‏ސްމާޓްފޯނުތަކާއި ޓީވީތައް ހިމެނޭ ގޮތަށް ބިލިއަނަކަށްވުރެ ގިނަ ‏‏ޑިވައިސްތަކުގައި ހާމަނީއޯއެސް އިންސްޓޯލްކުރެވިފައިވެ އެވެ‏‎.‎

‏އަލަށް ނެރުނު ލެޕްޓޮޕްތަކުގައި ބޭނުންކޮށްފައިވާ ޕްރޮސެސިންގ ‏‏ޗިޕަކީ ކޮބައިކަން ވާވޭއިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ‏‏ކުންފުނިން ބުނެފައިވަނީ ކޮމްޕިއުޓަރުތަކުގެ އަގު ނިސްބަތުން ‏‏މަތިވެފައިވަނީ ޗިޕްސެޓަށް ބޭނުންކުރި އައު މެނުފެކްޗަރިން ‏‏ޓެކްނޮލޮޖީގެ އަގުގެ ސަބަބުންކަމަށެވެ‏‎.‎

‏ރޮއިޓަރޒް އިން ފާއިތުވި އަހަރު ރިޕޯޓުކުރި ގޮތުގައި އެމެރިކާއިން ‏‏އިންޓެލް އަދި ކުއަލްކޮމް ފަދަ ކުންފުނިތަކަށް ދީފައިވާ ‏‏ލައިސަންސްތައް ބާޠިލުކޮށްފައިވެ އެވެ. މި ލައިސަންސްތަކުގެ ‏‏ދަށުން އެ ކުންފުނިތަކުން ލެޕްޓޮޕްތަކާއި ހޭންޑްސެޓްތަކުގައި ‏‏ބޭނުންކުރާ ޗިޕްތައް ވާވޭއަށް ފޮނުވަމުން ގެންދިޔަ އެވެ‏‎.‎

‏ވާވޭއިން ނެރުނު ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ‏‏ލެޕްޓޮޕް ނެރުމާ ގުޅިގެން އެމެރިކާގެ ރިޕަބްލިކަން ޕާޓީއަށް ‏‏ނިސްބަތްވާ މަޖިލިސް މެންބަރުން ކޯފާވެފައިވާއިރު، އެ ލެޕްޓޮޕް ‏‏ރަންކުރަނީ އިންޓެލް ޕްރޮސެސާ ބޭނުންކޮށްގެންނެވެ‏‎.‎