Advertisement

ރޯމާއާ ހަވާލުވާން ކްލޮޕް އެއްބަސްވެއްޖެ: ރިޕޯޓް

20 މޭ 2025 - 13:17 0


ރޯމާއާ ހަވާލުވާން ކްލޮޕް އެއްބަސްވެއްޖެ: ރިޕޯޓް

20 މޭ 2025 - 13:17 0

ރޯމް، އިޓަލީ (މެއި 20) - ލިވަޕޫލްގެ ކުރީގެ ކޯޗު، ޔާގަން ކްލޮޕް، އިޓަލީގެ އޭއެސް ރޯމާއާ ހަވާލުވާން ނިންމާފައިވާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީގެ އަހަރެއް ކުރިން ލިވަޕޫލްގެ ކޯޗުކަމުން ކްލޮޕް ވަކިވީ ނުވަ އަހަރު އެ މަގާމުގައި ހޭދަކުރުމަށް ފަހު އެެވެ. އޭގެ ފަހުން، ކްލޮޕް ވަނީ ރެޑްބުލް އިން ހިންގާ ފުޓްބޯޅައިގެ ގްރޫޕްގެ ގްލޯބަލް ހެޑްގެ މަގާމާ ހަވާލުވެފަ އެވެ. ކްލޮޕަށް ރެއާލް މެޑްރިޑާއި ބްރެޒިލްގެ ކޯޗުކަން ހުށަހެޅި ނަމަވެސް، ކްލޮޕްގެ އޭޖެންޓް، މާކް ކޯސިކޭ ބުނެފައިވަނީ، ކޯޗުކަން ކުރުމުގެ ވަޒީފާތަކަށް ކްލޮޕްގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް، އިޓަލީގެ ނޫހެއް ކަމަށްވާ، ލަ ސްޓަމްޕާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކްލޮޕް ވަނީ ރޯމާގެ ކޯޗުކަމާ ހަވާލުވާން އަނގަބަހުން އެއްބަސްވުމަކަށް އަތުވެފަ އެވެ.

ރޯމާގެ ކޯޗުކަމާ ހަވާލުވެހުރި، ތަޖުރިބާކާރު ކޯޗު ކްލައުޑިއޯ ރަނިއޭރީ، މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލަން ވަނީ ނިންމައިފަ އެވެ.

ކްލޮޕް، ގެންދަން ރޯމާ އިން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ދެކެވޭ ވާހަކަ އޭނާގެ އޭޖެންޓް ކޯސިކޭ ވަނީ ދޮގުކޮށްފަ އެވެ.

މައިންޒް އިން 2001 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ކްލޮޕް، ޑޯޓްމަންޑްގެ ކޯޗުކަމާ ހަވާލުވީ 2008 ވަނަ އަހަރު އެވެ. ޑޯޓްމަންޑްގެ ކޯޗުކަމުން، 2015 ވަނަ އަހަރު މެއި މަހު ވަކިވިއިރު، އެ އަހަރުގެ އޮކްޓޫބަރުގައި ލިވަޕޫލާ ހަވާލުވި އެވެ. އެ ޓީމުގައި ނުވަ އަހަރު ހޭދަކޮށް، މިދިޔަ ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލީ އެވެ.

ރެޑްބުލް އިން ބުނެފައިވަނީ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތުގައި ކްލޮޕްގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އެކަމަކު، ކްލޮޕްގެ ޒިންމާތައް އޮންނާނީ، ކުޅުމުގެ ފިލޯސަފީ، ޓްރާންސްފާ ސްޓްރެޓަޖީ އަދި ކޯޗިން ޑިވެލޮޕްމަންޓާ ގުޅިފައި ކަމަށެވެ.