20 މޭ 2025 - 10:57 0
މުހައްމަދު ޝަހްޒާން
އޭދަފުށީގެ މަގުތައް ހެދުމުގެ މަޝްރޫއުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: މި މަސައްކަތް ހަވާލުކުރި އާރުޑީސީއާ އެހެން ރަށްރަށުގައި ވެސް ތާރުއަޅަން ގިނަ ޕްރޮޖެކްޓުތަކަށް ހަވާލުކޮށްފައިވޭ -- ފޮޓޯ: އިންފްރާސްޓްރަކްޗާ މިނިސްޓްރީ
20 މޭ 2025 - 10:57 0
ބ. އޭދަފުށީގެ މަގުތައް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 5.3 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމުގެ މަސައްކަތް، ތާރު އެޅުމުގެ ގާބިލުކަން ނެތް ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އިއްޔެ ހަވާލުކޮށްފި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހުންނަ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ހަސަން ރަޝީދު އެވެ. އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަލީ ޒުހައިރު އެވެ.
މި އެއްބަސްވުމުގެ ދަށުން އޭދަފުށީގެ 5.3 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމުގެ އިތުރުން ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމެއް ގާއިމު ކުރުން އަދި ރޯޑް މާކްސް އާއި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް އާރުޑީސީން ކުރަންޖެހޭނެ އެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 75.6 މިލިއަން ރުފިޔާ އެވެ.
އާރުޑީސީއާ މި މަސައްކަތް ހަވާލުކުރިިއިރު، ނިމުނު ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުالله މުއްތަލިބު ވަނީ ތާރު އެޅުމުގެ ގާބިލުކަން އާރުޑީސީގައި ނެތް ކަމަށް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ތިމަރަފުށީގެ މަގު ހެދުމުގެ މަސައްކަތް ހުއްޓިފައި އޮތީ އާރުޑީސީގައި ތާރު އެޅުމުގެ ގާބިލުކަން ނެތުމުން ކަމަށެވެ.
"މިހާރު އާރުޑީސީން [ތިމަރަފުށީގެ މަގު ހެދުމުގެ] އެ މަސައްކަތްކޮށް ތާރު އެޅުމާ ހަމައަށް ގެންގޮސްފައި އޮތީ، ދެން އާރުޑީސީން މި ވަގުތު އަމިއްލައަށް ތާރު އެޅުމުގެ ކެޕޭސިޓީއެއް ނެތުމާ އެއްކޮށް ތާރު އެޅުމުގެ މަސައްކަތް ނުފެށި އޮތީ، އެއަށް ހައްލެއް ލިބޭތޯ އަޅުގަނޑުމެން އާރުޑީސީއާ އެއްކޮށް މަސައްކަތްތަކެއް ކުރަމުން މިދަނީ، އެހެން ކޮންޓްރެކްޓަރެއް ލައްވައި ވެސް ތާރު އެޅުމުގެ މަސައްކަތް ފެށޭތޯ،" މުއްތަލިބު ވިދާޅުވި އެވެ.
ގާބިލުކަން ނެތް ކުންފުންޏަކަށް ތާރު އެޅުމުގެ މަޝްރޫއުއެއް ހަވާލުކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެކަމާ ގުޅޭގޮތުން ބަހެއް ހޯދުމަށް މިނިސްޓަރު މުއްތަލިބަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
އާރުޑީސީއަކީ މަގު ހެދުމުގެ މަސައްކަތަށް ހާއްސަކޮށްގެން ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވެގެން އުފެއްދި ކުންފުންޏެކެވެ. އެކަމަކު މިހާތަނަށް އެ ކުންފުނިން ކުރި މަސައްކަތްތަކުގެ ކޮލިޓީއާ ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އަދި އެ ކުންފުނި އުފެއްދި ދާއިރާއިން ބޭރުން ރަށްރަށުގެ ފުޓުސަލް ދަނޑުތަކާއި އެހެނިހެން މަސައްކަތް ހަވާލުކުރުމުން ކުންފުންޏަށް ނުކަތާ ވަރަށް މަސައްކަތްތައް ހަވާލުކުރުމާ ގުޅިގެން ވެސް ކުންފުނީގެ މަސައްކަތްތަކަށް ބުރޫއެރި އެވެ.
Comment