Advertisement

ވައުދާ ހިލާފުވެ މަހުގެ އަގު ދަށް ކޮށްފައިވާތީ ކެޔޮޅުން ޝަކުވާ ކުރުމުން ރައީސް ވެވަޑައިގަތީ އަނެއްކާ ވެސް ވައުދެއް

19 މޭ 2025 - 14:49 0

ކެޔޮޅުންގެ ޖަމިއްޔާއާއެކު ރައީސް ބޭއްވި ބައްދަލުވުން: މަހުގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރުމަކީ ރައީސްގެ އެންމެ ބޮޑު އެއް ވައުދު -- ފޮޓޯ: ރައީސް އޮފީސް


ވައުދާ ހިލާފުވެ މަހުގެ އަގު ދަށް ކޮށްފައިވާތީ ކެޔޮޅުން ޝަކުވާ ކުރުމުން ރައީސް ވެވަޑައިގަތީ އަނެއްކާ ވެސް ވައުދެއް

19 މޭ 2025 - 14:49 0

މަހުގެ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ ހިލާފަށް މަހުގެ އަގު ދަށް ކޮށްފައިވާތީ ކެޔޮޅުންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅު ކުރުމުން މަސް ގަންނަ އަގު ބޮޑު ކުރާނެ ކަމަށް ރައީސް އަނެއްކާ ވައުދެއް ވެވަޑައިގެންފި އެވެ.

މަސް ގަންނަ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރައްވާނެ ކަމަށް ރައީސް ވެވަޑައިގެންނެވި ވައުދާ ހިލާފުވެފައިވާތީ އެކަމާ ކެޔޮޅުންގެ ޖަމިއްޔާއިން ޝަކުވާ ކުރީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

ރައީސް ވައުދާ ހިލާފުވެވަޑައިގެންނެވިކަން ފާހަގަ ކުރެއްވުމުން، އެމަނިކުފާނުގެ ވައުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް އަށް މަތިކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް މަހުގެ އަގު ބޮޑު ކުރާނެ ވަކި ތާރީހެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މަހުގެ އަގު އުޅެނީ 25 ރުފިޔާގަ އެވެ. އެކަމަކު، ޖޫން، 2024، ގައި ރައީސް ސަރުކާރުން ވަނީ މަހުގެ އަގުން 36 ޕަސެންޓު ކަނޑާލައިފަ އެވެ. މިހާރު އެންމެ ބޮޑުކޮށް ވެސް މިފްކޯއަށް ކަޅުބިލަމަސް ގަންނަނީ 16 ރުފިޔާ އަށެވެ.

ވައުދާ ހިލާފަށް މަހުގެ އަގު ތިރިކޮށްފައިވާތީ ޑިސެމްބަރު، 2024، ގައި ބޭއްވި ބައްދަލުވުމެއްގައި ވެސް ކެޔޮޅުން ވަނީ ޝަކުވާކޮށްފަ އެވެ. މަސްވެރިންގެ ޝަަކުވާތަކަށް ހައްލެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އެއިރު ވެސް ވިދާޅުވި އެވެ. ނަމަވެސް މަސް ގަންނަ އަގު ބޮޑު ކުރައްވާނެ ކަމަށް ސީދާ ވިދާޅެއްނުވެ އެވެ.

އޮކްޓޯބަރު، 2024، ގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ސަރުކާރުން މަހުގެ އަގު ތިރި ކުރީ ހެޔޮ ނިޔަތުގައި ކަމަށެވެ. އަދި ވިދާޅުވީ މަހުގެ އަގު ކަނޑައަޅަންޖެހޭނީ ދުނިޔޭގެ ބާޒާރުގައި އަގު ހުންނަ ގޮތަށް ބަލާފައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެމުން މި ސަރުކާރުން މި ދަނީ. މަހުގެ އަގު އެއީ ދުނިޔޭގެ ބާޒާރާ ގުޅިގެން ކަނޑައެޅޭ އަގަކަށް ވާންޖެހޭނެ. އެހެން ނޫނިއްޔާ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތެއް ނޯންނާނެ. މަހުގެ އަގަށް އެއިރު ބަދަލު އަޅުގަނޑުމެން ނުގެނައިނަމަހީ ދިވެހިރާއްޖޭގައި މި ސިނާއަތެއް ނޯންނާނެ، މިފްކޯ ކިޔާ ކުންފުންޏެއް، [ހިންގަން] ދިވެހި ރައްޔިތުންގެ ހުރިހާ ޓެކްސް ފައިސާއެއް މިފްކޯ ހިންގަން ހޭދަކޮށްގެން އަޅުގަނޑުމެން ތިބެންޖެހޭނީ،" ޝިޔާމް ވިދާޅުވި އެވެ.

މަހުގެ އަގު ދަށް ނުކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މަދުވެގެން ފަސް ފަހަރު ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. ހުރިހާ ފަހަރަކު ވެސް ވިދާޅުވެފައި ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރައްވާނެ ކަމަށެވެ. މަސްވެރި ރަށްރަށަށް ވަޑައިގެން ހާއްސަކޮށް އެ ވާހަކަ ދެއްކެވި އެވެ. އެގޮތުން މ. ދިއްގަރާއި ޅ. ނައިފަރާއި ކ. ގާފަރުގައި ރައީސް އެ ވައުދުވެވަޑައިގެންނެވި އެވެ.

އޯގަސްޓު 19، 2023 (މ. ދިއްގަރު)

"އެގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ހުންނަ އަގުތަކަށް ރިއާޔަތްކޮށް، އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނ،ީ އަޅުގަނޑުމެން ގަސްތުކުރާ ގޮތަކ،ީ ރާއްޖޭގައި މަސް ގަންނ،ަ ރޯމަސް ގަންނަ އެންމެ ދަށް އަގު 20 ރުފިޔާއަށް ހެދުން. އެއީ އަޅުގަނޑުމެން ގަސްދުކުރާ ގޮތް ކަން އަޅުގަނޑު އިއުލާންކުރަން."

އޯގަސްޓު 31، 2023 (ޅ. ނައިފަރު)

"ދެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އަޅުގަނޑުމެން އޮންނާނީ އިއުލާންކޮށްފައި މިހާރު ރޯމަސް ގަންނަ އަގު އެންމެ ކުޑަ އަގެއްގެ ގޮތުގައި 20 ރުފިޔާ ހަމަ ޖައްސާނެ ވާހަކަ، ކިލޯއަކަށް."

ސެޕްޓެމްބަރު 5، 2023 (ކ. ގާފަރު)

"އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނ،ީ އެއް ކަމަކަށް އަޅުގަނޑު މިހާރު ވާނީ ބާނާ މަހުގެ އަގުގެ ވާހަކަ އިއުލާން ކޮށްފައި. އެއީ ހަމަ ތަކުރާރުކޮށްލަން، 20 ރުފިޔާ އެއީ މިނިމަމް އަގުގެ ގޮތުގައި އަޅުގަނޑުމެން ކަނޑައަޅާ އެގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން."

ސެޕްޓެމްބަރު 6، 2023 (އާސްކް މުއިއްޒު ޕްރޮގްރާމް)

"އަޅުގަނޑުމެން މި ހުށަހަޅައިގެން މިއުޅެނ،ީ މުޅި މަސްވެރިކަމުގެ ސިނާއަތް އެއްކޮށް ނަގާ ކޮޅަށްޖެހުމުގެ ހުށަހެޅުމެއް. އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮންނާނީ އެގޮތަށް. އެއް ކަމަކީ ތިޔަ ވިދާޅުވި އަގުގެ ވާހަކަ. އަގު އަޅުގަނޑުމެންގެ ޓާގެޓަކ،ީ ރޯމަސް އަގު، މިނިމަމް ކިލޯގެ އަގު 20 ރުފިޔާއަށް. 20 ރުފިޔާއަކީ މިނިމަމް އަގު ކަމަށް. ދެން ބޮޑު ކަންނެލީގެ އަގު 80 ރުފިޔާ ނުވަތަ އޭ-ގްރޭޑް ވެއްޖިއްޔާ 100 ރުފިޔާއަށް. އެކަހަލަ އަގުތަކެއް ހުންނާނެ ހުށަހަޅާފައި."

ސެޕްޓެމްބަރު 28، 2023 (ވަން ޓު ވަން ރައްޔިތުންނާއެކު ޑރ. މުއިއްޒު ޕްރޮގްރާމް)

"އަޅުގަނޑުމެން މި ހުށަހަޅަނީ ހެޔޮ ނިޔަތުގައި ހުށަހަޅާ ހުށަހެޅުމެއް. އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ ޓާގެޓަކީ 20 ރުފިޔާ މިނިމަމް އަގުގެ ގޮތުގައި ހިފެހެއްޓުމޭ."