މެޑްރިޑް (މެއި 19) - ސްޕެނިޝް ލީގުގައި ރޭ ޗެމްޕިއަން، ބާސެލޯނާ އަމިއްލަ ދަނޑުގައި 3-2 އިން ވިޔަރެެއާލް އަތުން ބަލިވިއިރު، ދެ ކުޅުންތެރިން މަދުކޮށް މެޗު ނިންމާލަން ޖެހުނު ސެވިއްޔާ އަތުން 2-0 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެރޭ އެސްޕަންޔޯލް އަތުން ހޯދި މޮޅާ އެކު، ބާސެލޯނާ އިން ވަނީ ލީގު ޗެމްޕިއަންކަން ޔަގީންކޮށްފަ އެވެ. އޭގެ ފަހުން ކުޅުނު ފުރަތަމަ މެޗުގައި ބާސެލޯނާގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ފެނިފައިނުވެ އެވެ.
ރޭގެ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ވިޔަރެއާލަށް ލީޑުނަގައިދިނީ އަޔޯޒީ ޕެރޭޒް އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އިން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، 38 ވަަނަ މިނިޓްގައި ލަމީން ޔަމާލް އާއި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ފާމިން ލޮޕޭޒް އެވެ.
ދެ ވަަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ވިޔަރެއާލުން އެއްވަރުކުރީ، ސަންޓީ ކޮމަސޭނާ ޖެހި ގޯލުންނެވެ. އަދި، މެޗުގެ ތިން ޕޮއިންޓް ވިޔަރެއާލުން ހޯދީ، މެޗުގެ 80 ވަނަ މިިނިޓްގައި، ޓަޔޯން ބުޗާނަން ޖެހި ގޯލުންނެވެ. މި ނަތީޖާއާ އެކު، ވިޔަރެއާލް ވަނީ ލީގުގެ ފަސް ވަނަ ޔަގީންކޮށްފަ އެވެ.
ސެވިއްޔާ އިން މެޗު ފަށައިގެން ހަތަރު ވަނަ މިނިޓަށް ފަހު ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅޭށެވެ. އެއީ، ކައުންޓަ އެޓޭކެއްގައި ރެއާލްގެ ކީލިއަން އެމްބާޕޭ ގައިގައި ހިފެހެއްޓުމުން، ސެވިއްޔާގެ ޑިފެންޑަރު، ލޮއިކް ބާޑޭ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ދެ ވަނަ ހާފު ފެށިގެން ތިން މިނިޓް ތެރޭ، ސެވިއްޔާގެ އިސާކް ރޮމޭރޯ އަށް ސީދާ ރަތެއް ދެއްކީ، ރެއާލްގެ އައުރެލިއަން ޗުއަމެނީ އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.
ދެ ކުޅުންތެރިން މަދުކޮށް ވެސް ރަނގަޅަށް ޑިފެންސްކުރި ސެވިއްޔާ ކޮޅަށް ރެއާލުން ފުރަތަމަ ގޯލު ޖެހީ، 75 ވަނަ މިނިޓްގައި ލޫކަ މޮޑްރިޗް ދިން ބޯޅައަކުން ކީލިއަން އެމްބާޕޭ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ރެއާލްގެ ދެ ވަނަ ލަނޑު ޖެހީ، ޖޫޑް ބެލިންހަމް އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް 37 މެޗުން 85 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލަށް 37 މެޗުން ވަނީ 81 ޕޮއިންޓް ލިބިފަ އެވެ. އެތުލެޓިކޯ މެޑްރިޑް ތިން ވަނައިގައި އޮތީ ރެއާލް ބެޓިސް އަތުން 4-1 އިން ހޯދި މޮޅާ އެކު، 37 މެޗުން 73 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް އެތުލެޓިކް ބިލްބާއޯ އަށް 37 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް ވިޔަރެއާލްގެ އޮތީ 37 މެޗުން 67 ޕޮއިންޓެވެ.
Comment