18 މޭ 2025 - 14:00 0
އަހުމަދު އާއިދު
މިއަދު އޮޑިވެރިން ކުރި މުޒާހަރާ: އެ މީހުން މުޒާހަރާކުރީ ހުޅުމާލެ ފަޅު ބޭނުންކުރުމުގައި ދަތިތަކެއް ކުރިމަވެގެން --- ފޮޓޯ: ސޯޝަލް މީޑިއާ
18 މޭ 2025 - 14:00 0
ހުޅުމާލޭގެ ފަޅު ބޭނުންކުރުމުގައި ދަތިތަކެއް ދިމާވެ އޮޑިވެރިން ހުޅުމާލެ ޖެޓީ ސަރަހައްދުގައި މުޒާހަރާކޮށްފި އެވެ.
މިއަދު ހެދުނު އޮޑިވެރިން މުޒާހަރާކުރަން ފެށީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ފެރީ ޓާމިނަލް އާއި އެފްއެސްއެމް ޝެޑާއި ދެމެދު ބަންދުކުރުމާ ގުޅިގެންނެވެ. އެކަން ކުރީ އޮޑިވެރިންނާ މަޝްވަރާނުކޮށް ކަމަށް އެ މީހުން ތުހުމަތުކުރެ އެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި އޮޑިވެރިޔަކު ބުނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސަރަހައްދު ބަންދުކޮށް ދޯނިފަހަރު ގާތްކުުރުން މަނާކުރި ކަމަށެވެ. ނަމަވެސް މުޒާހަރާ ކުރަން ފެށުމުން އެޗްޑީސީގެ މުވައްޒަފުން ވަނީ އެ ސަރަހައްދަށް ގޮސް އޮޑިވެރިންނާ މަޝްވަރާކޮށްފަ އެވެ.
"އަހަރުމެން ބުނިން ދޯނިތައް ކައިރިކުރަން އެއްވެސް ޖާގައެއް ދައްކަން ޖެހޭނޭ. ދެން އެ ތަނަށް އައި އެޗްޑީސީގެ ބޮޑެތި މީހުން އަހަރުމެން ބުނި ގޮތަށް ކޮންޓެއިނަރުތަކާ އެއްޗެހި ނަގާފަ ތަނެއް ހަމަޖައްސަދީފި،" އޮޑިވެރިޔާ ބުންޏެވެ.
ހުޅުމާލެ ފަޅު ބޭނުންކުރުމުގައި އޮޑިވެރިންނަށް ދިމާވާ ދަތިތަކާ ގުޅިގެން މީގެ ކުރިން ވެސް އެކި ފަހަރުމަތިން އަޑުއުފުލައި ނުރުހުން ފާޅުކޮށްފައިވެ އެވެ.
މިއަދު ކުރި މުޒާހަރާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯތައް ހިއްސާކޮށް ބައެއް މީހުން ވަނީ މައްސަލަތައް ހައްލުކުރަން ރައްޔިތުންނަށް މުޒާހަރާކުރުން ނޫން ގޮތެއް ނެތްތޯ ސުވާލު އުފައްދާފަ އެވެ.
Comment