Advertisement

ވިދިވިދިގެން ދެވަނަ އަހަރު އެސްޓީއޯގެ ހިއްސާއަަކަށް 80ރ. ބަހަން ފާސްކޮށްފި

17 މޭ 2025 - 22:10 0

އަމަން ހަލީމް

އަމަން ހަލީމް

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި: މިދިޔަ އަހަރު ފައިދާ ދަށްވީ ނަމަވެސް ޑިވިޑެންޑު ވަނީ އެއްވަރެއްގައި ހިފަހައްޓާފައި --- ފޮޓޯ: އެސްޓީއޯ


ވިދިވިދިގެން ދެވަނަ އަހަރު އެސްޓީއޯގެ ހިއްސާއަަކަށް 80ރ. ބަހަން ފާސްކޮށްފި

17 މޭ 2025 - 22:10 0

ދައުލަތާއި އާންމުން ހިއްސާވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.

މިއީ އެސްޓީއޯއިން ހިއްސާގެ ފައިދާގެ ގޮތުގައި 80ރ. ބަހަން ވިދިވިދިގެން ނިންމި ދެ ވަނަ އަހަރެވެ. މި އަދަދަކީ ވޭތުވި 17 އަހަރުގެ ތެރޭގައި އެސްޓީއޯއިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވާ އެންމެ ބޮޑު އަދަދެވެ.

ބާސެލޯ ނަސަންދުރާގައި މިރޭ ކުރިއަށް ދިޔަ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި މި ވަރުގެ އަދަދެއް ބަހަން ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 99.9 ޕަސެންޓު ހިއްސާދާރުންގެ ވޯޓާ އެކީގަ އެވެ.

އެސްޓީއޯއިން މިދިޔަ މަހު އާންމުކުރި އެ ކުންފުނީގެ އަހަރީ ހިސާބުތަކުން ދައްކާ ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ، އޭގެ ކުރީ އަހަރާ ބަލާއިރު ހަ ޕަސެންޓު ދަށް އަދަދެކެވެ.

މިހެން ދިމާވި މައިގަނޑު ސަބަބެއް ކަމަށް އެސްޓީއޯއިން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ހެޔޮ ބަދަލާއެކު އެ ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ތިން ފަހަރެއްގެ މަތިން ދަށްކުރުމާ ގުޅިގެން، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ.

އެސްޓީއޯ ގްރޫޕުގެ މާލީ އުސްއަލިތައް

  • އެސްޓީއޯ ގްރޫފުގެ އާމްދަނީ 16.7 ބިލިއަން ރުފިޔާ ލިބުނު
  • އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ތެލުގެ ވިޔަފާރިން، 12.1 ބިލިއަން ރުފިޔާ
  • އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ އިންޝުއަރެންސް ވިޔަފާރިން، 761 މިލިއަން ރުފިޔާ ލިބުނު
  • ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓްރޭޑިންއިން، 3.1 ބިލިއަން ރުފިޔާ ލިބުނު
  • ގޭސް ވިޔަފާރިން 261 މިލިއަން ރުފިޔާ އަދި ޝިޕިންއިން 432 މިލިއަން ރުފިޔާ ލިބުނު

އާމްދަނީ ދަށްވުމާއެކު، އެސްޓީއޯއަށް ލިބުނު ޖުމްލަ ފައިދާ ވެސް ވަނީ އޭގެ ކުރީ އަހަރަށް ވުރެ 12 ޕަސެންޓު ދަށްވެފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 2.4 ބިލިއަން ރުފިޔާ އެވެ. އަދި އޭގެ ކުރީ އަހަރަށް ވުރެ ކުންފުނީގެ ހިންގުމުގެ ހަރަދުތައް އަށް ޕަސެންޓު ކުރަ ކުރެވުނު ނަމަވެސް ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 1.1 ބިލިއަން ރުފިޔާ އެވެ،.

އެސްޓީއޯއަށް މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާވީ 846 މިލިއަން ރުފިޔާ އެވެ. މިއީ ވެސް އޭގެ ކުރީ އަހަރަށް ވުރެ 15 ޕަސެންޓުގެ ދަށްވުމެކެވެ. ޓެކުހަށް ކެނޑުމަށް ފަހު، މިދިޔަ އަހަރު ސާފު ފައިދާވީ 741 މިލިއަން ރުފިޔާ އެވެ.