Advertisement

އެފްއޭއެމް ލީގު ކަޕް: މަހިބަދޫ ބަލިކޮށް ޓީސީން ސެމީ ފައިނަލް ޔަގީންކޮށްފި

17 މޭ 2025 - 18:07 0


އެފްއޭއެމް ލީގު ކަޕް: މަހިބަދޫ ބަލިކޮށް ޓީސީން ސެމީ ފައިނަލް ޔަގީންކޮށްފި

17 މޭ 2025 - 18:07 0

އެފްއޭއެމް ލީގު ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުން މަހިބަދޫ ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލް ޔަގީންކޮށްފި އެވެ.

ފަސް ޓީމު ވާދަކުރާ އެފްއޭއެމް ލީގު ކަޕްގެ ގަދަ ހަތަރަކަށް ސެމީ ފައިނަލުގެ ޖާގަ ލިބޭނެ އެވެ. ލީގު ބުރުގެ އެއް ވަނައިގައި، މި ވަގުތު އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް ޓީސީ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.

ޓީސީ އަށް މިއަދުގެ މެޗާ އެކު ވަނީ ލީގު ބުރުގެ މެޗުތައް ހަމަވެފަ އެވެ. މި ތިން ޓީމަށް ވެސް ސެމީ ފައިނަލުގެ ޖާގަ ވަނީ ޔަގީންވެފަ އެވެ.

ލީގު ކަޕްގެ ސެމީގެ ފަހު ޖާގަ އަށް ވާދަކުރަނީ މަހިބަދޫ އާއި ނިއު ރޭޑިއަންޓް އެވެ. އެ ގޮތުން، މިރޭ ނިއު އިން އޮޑި އަތުން ޕޮއިންޓެއް ހޯދިޔަސް، އެ ޓީމަށް ސެމީ ޔަގީންވާނެ އެވެ. މަހިބަދޫ އަށް ފުރުސަތެއް އޮތީ މިރޭ އޮޑި އަތުން ނިއު ބަލިވެ، ފަހު މެޗުގައި، މަހިބަދޫ އަށް ބޮޑު ތަފާތަކުން ނިއު ބަލިކުރެވިއްޖެނަމަ އެެވެ.

ނިއު އަށް މި ވަގުތު ތިން ޕޮއިންޓް ލިބިފައި އޮތްއިރު، މަހިބަދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން، ދެ ވަނަ މިނިޓްގައި ޓީސީގެ އައިހަމް ހަމްދޫން (އައިހަމްސްކީ) ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. ޓީސީން ލީޑުނެގީ 10 ވަނަ މިިނިޓްގައި މާޔިޒް ވަހީދު ޖެހި ގޯލުންނެވެ. އޭނާ ނެގި ކޯނަރެއް އެއްވެސް ކުޅުންތެރިއަކު ގައިގައި ނުޖެހި ވަނީ ގޯލަށެވެ.

އޭގެ ފަހުން، މަހިބަދޫން މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ، ފުރުސަތުތައް ހޯދަން ފެށި އެވެ.

އެ ގޮތުން، މަހިބަދޫގެ އެންމެ ކުރިއަށް ކުޅެމުން ދިޔަ އަލީ ނަސޫހު ރަޝީދު (ޕިލާ) އަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ. އޭގެ ތިން މިނިޓް ފަހުން، ޓީސީ އަށް ލީޑުފުޅާކޮށްދޭން ޒަޔާން ނަސީރު (ޒައްޔު) ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މަހިބަދޫ އަށް ފުރަތަމަ ހާފުގައި ގޯލަށް ފޮނުވާލަން ތިން ބޯޅައެއް، އެ ޓީމުގެ ޝުއައިދު ސައީދު އަށް ލިބުނެވެ. އޭނާ ޖެހި ދެ ޝޮޓެއް، ޓީސީގެ ކީޕަރު، ސްރީ ލަންކާ ގައުމީ ޓީމުގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާުފުގައި ސުވައިދު އާއި އާދަމް ފަހުމާން އަށް ލިބުނު ފުރުސަތުތައް ބޭނުންނުކުރެވިދިޔައިރު، މެޗުގެ 82 ވަނަ މިނިޓްގައި މަހިބަދޫން އެއްވަރުކުރި އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ފޯވާޑް، އަސަދުﷲ އަބްދުﷲ (އަސަކޮ) އެވެ. އޭނާ ވެއްޓިގެންފައި ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ. މިއީ، ބޮޑު މެދުކެނޑުމަކަށް ފަހު، އަސަދުﷲ ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.

އެއްވަރުކުރުމަށް ފަހު، ލީޑުނެގޭތޯ މަހިބަދޫން ކުރިއަށް ޖެހިގެން ކުޅުނެވެ. އެ ވަގުތުތަކުގައި ޓީސީން ލިބޭ ފުރުސަތުގެ ބޭނުންހިފައި އެޓޭކް ކުރެވޭތޯ ބަަލަމުންދިޔަ އެވެ.

ޓީސީ މޮޅުވި ގޯލު ޖެހީ މެޗުގެ 89 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި އަބްދުﷲ ރިޒާން މުހައްމަދު އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތުގައި އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.