about 16 hours 0
about 16 hours 0
ޕްރެޒިޑެންޓްސް ކަޕްގެ ޕްލޭއޮފްގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެ، ވިކްޓަރީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ.
ޕްރެޒިޑެންޓްސް ކަޕް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާން ނިންމާފައިވާއިރު، ދިވެހި ޕްރިމިއާ ލީގުގެ ތާވަލްގެ އެންމެ ކުރީގައިވާ ހަތަރު ޓީމު ދެ ގްރޫޕަކަށް ބަހާލައި ތާވަލްގައި ޕޮއިންޓް ލިބިފައިވާ ތަރުތީބުން ސީޑްކުރާނެ އެވެ. އަދި، ލީގު ތާވަލުގެ ފަސް ވަނައިން ފެށިގެން އަށް ވަނަ އާ ދެމެދުގެ ހަތަރު ޓީމުގެ މެދުގައި ނޮކައުޓް މެޗްތައް ކުޅެގެން މޮޅުވާ ޓީމުތައް ގްރޫޕްތަކަށް ކޮލިފައިވާނެ ކަމަށެވެ. ކޮންމެ ގްރޫޕެއްގެ އެންމެ މޮޅު ދެ ޓީމު ކްރޮސް ކޮށް ސެމީ ފައިނަލް ކުޅުމަށް ފަހު ފައިނަލް މެޗު ކުޅޭ ގޮތަށް މުބާރާތުގެ ފޯމެޓް ވަނީ އެކުލަވާލައިފަ އެވެ.
އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ޕްލޭއޮފުން ގްރީން ސްޓްރީޓްސް އަތުން ކްލަބް އީގަލްސް ވަނީ 6-0 އިން މޮޅުވެފަ އެވެ. އީގަލްސް ކުޅޭނީ އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެއް ގްރޫޕެއްގަ އެވެ. ރޭ މޮޅުވި، ވިކްޓަރީން ވާދަކުރަން ޖެހެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބުރު ސްޕޯޓްސް ކްލަބާ އެއް ގްރޫޕެއްގަ އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ 31 ވަނަ މިނިޓްގައި ވިކްޓަރީން ލީޑުނެގީ ޓީސީ އޭރިއާތެރެއިން އެ ޓީމުގެ ކީޕަރު ޑެނިއަލް އިމަނުއަލް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ވިކްޓަރީގެ އަލީ ނަސޫހު ރަޝީދު (ޕިލާ) ޖެހި ގޯލުންނެވެ.
މެޗުގައި ވިކްޓަރީ އަށް ދެ ވަނަ ލަނޑު ޖަހައިދިނީ 58 ވަނަ މިނިޓްގައި އަހުމަދު ރިޒުވާން (ރިޒޭ) އެވެ. މިއީ އޭރިއާތެރެއަށް ހުރަސްވި ބޯޅައަކަށް އަރައި އެއް ފަހަރުން ތިރީ ކަނަށް އަމާޒުކޮށްލައިގެން ރިޒޭ ޖެހި ލަނޑެކެވެ.
ޕްރެޒިޑެންޓްސް ކަޕްގައި މާދަމާ ހަވީރު މާޒިޔާ އާއި ބުރު ކުޅޭއިރު، މާދަމާރޭ ނިއު އާއި އޮޑިން ބައްދަލުކުރާނެ އެވެ.
Comment