Advertisement

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

17 މޭ 2025 - 17:03 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު: އެ ކޯޓުގެ ބެންޗުން ޖާގަ ހުސްވީ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރުމުން ---- ފޮޓޯ: އަތޫފް އާތިފް / އަދަދު


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

17 މޭ 2025 - 17:03 1

ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، ފަނޑިޔާރުކަމަށް ކުރިމަތިލާން އެދޭ މީހުންނަށް މި މަހުގެ 22، ގެ މެންދުރު 12:00 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވެނީ އުމުރުން 30 އަހަރުވެފައިވާ، ގާނޫނީ ނުވަތަ އިސްލާމީ ޝަރީއާގެ ރޮގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ، ދާއިރާގައި ހަތް އަހަރު ދުވަހުގެ ތަޖުރިބާހުރި މީހުންނަށެވެ. މަގާމުގެ އެހެން ޝަރުތުތައް ގެޒެޓުކޮށްފައިވާ އިއުލާނުގައި ހިމަނާފައިވެ އެވެ.

އެ ކޯޓުގެ ބެންޗުން ދެ ޖާގަ ހުސްވީ ސަރުކާރުން ނުފޫޒު ފޯރުވައި، ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކިކުރުމުންނެވެ. ޖޭއެސްސީން ނިންމި ގޮތަށް ދެ ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މެއި 14، ގަ އެވެ.

ފަނޑިޔާރުން ވަކިކުރަން މަޖިލީހުގައި ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރުންނެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.

ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.

އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ޖޭއެސްސީއިން ނިންމީ، އެ ދެ ބޭފުޅުންގެ ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ނުދީ އެވެ. ޖޭއެސްސީއިން ބުނީ، ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވެސް ފަނޑިޔާރުން އެދިވަޑައިގަތެވެ. އެ ފުރުސަތު ދީފައެއް ނުވެ އެވެ.

ދެ ފަނޑިޔާރުން ވަކިކުރަން ކުރި މަސައްކަތުގެ ތެރެއިން އަދި ވަކިކުރަން ނިންމުމުން އެކި ގައުމުތަކުގެ ބާ އެސޯސިއޭޝަންތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން، އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު، މާގަރެޓް ސެޓާވެއިޓް މިކަން ސިފަކުރެއްވީ ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ނުފޫޒު ފޯރުވުމުގެ ކަންބޮޑުވުން ހިމެނޭހެން ކުރި ކަމެއްގެ ގޮތުގަ އެވެ.