Advertisement

ޖާގަ ތަނަވަސް މޮޅު ޕްލޭން ބަދަލުކޮށް، ގުޅީފަޅުގެ ހިއްކާފައި ހުރި ސަރަހައްދަށް ހުރިހާ ގޯއްޗެއް ބަދަލުކޮށްފި

17 މޭ 2025 - 13:17 4

އަމަން ހަލީމް

އަމަން ހަލީމް

ގުޅީފަޅުގެ ކުރީގެ ލޭންޑް ޔޫސް ޕްލޭނާއި މިހާރުގެ ލޭންޑް ޔޫސް ޕްލޭން: މިއީ މި ޕްލޭނަށް މި ސަރުކާރުން ބަދަލު ގެނައި ދެ ވަނަ ފަހަރު --


ޖާގަ ތަނަވަސް މޮޅު ޕްލޭން ބަދަލުކޮށް، ގުޅީފަޅުގެ ހިއްކާފައި ހުރި ސަރަހައްދަށް ހުރިހާ ގޯއްޗެއް ބަދަލުކޮށްފި

17 މޭ 2025 - 13:17 4

ގުޅީފަޅު ކުރިން ޕްލޭންކޮށްފައި އޮތް ގޮތް ކަމު ނުގޮސްގެން، ޖާގަ ތަނަވަސްކޮށް މި ސަރުކާރުން ހެދި ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، މިހާރު ހިއްކާ ނިމިފައިވާ ސަރަހައްދަށް ހުރިހާ ގޯއްޗެއް ބަދަލުކޮށް އާ ލޭންޑް ޔޫސް ޕްލޭން އާންމުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން އާންމުކޮށްފައިވާ ގުޅީފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނުގައި ވެސް، އަދި ހިއްކަން ނުފަށާ ސަރަހައްދެއް އެބައޮތެވެ. ނަމަވެސް އެ ސަރަހައްދުގައި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ އެއްވެސް ގޯއްޗެއް މިފަހަރު ނެތެވެ. މިހާރު އެ ސަރަހައްދުގައި ހުންނަނީ ސަރުކާރު އޮފީސްތަކާއި އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ މިކްސްޑް ޔޫސް ޒޯނެކެވެ.

ގޯތިތައް ހުރި ސަރަހައްދު ބަދަލުކުރިއިރު، މި ސަރުކާރުން ތައްޔާރުކުރި ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ލޮޓް އެލޮކޭޝަން ޕްލޭނެއް ހަދައި، އެ ޕްލޭނާ އެއްގޮތަށް ގުރު ވެސް ނަގާފަ އެވެ. އޭރު 1،399 ގޯތި ބަދަލުކުރީ ހިއްކަން ނުފަށާ ސަރަހައްދަށެވެ.

ލޭންޑް ޔޫސް ޕްލޭނަށް މި ގެނައި ބަދަލާއެކީ އަލުން ގުރު ނަގާނީތޯ ނޫނީ ބަދަލުކުރި ގޯތިތަކުގެ އެކަނި ގުރު ނަގާނީތޯ އަދި ސަރުކާރަކުން ނުބުނެ އެވެ. ރައީސް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގުޅީފަޅު ގޯތިތައް ހަވާލުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ގޯތިތައް ދޭން ނިންމާ ގޮތެއް ވިދާޅެއް ނުވެ އެވެ.

މިއީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ޕްލޭން ބަދަލުކުރީ، ކުރީ ސަރުކާރުން ޕްލޭން އެކުލަވާލިއިރު އެ ތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ވަސީލަތްތަކަށް ޖާގަތައް ނެތް ކަމަށް ބުނެ އެވެ.

އެންމެ ފުރަތަމަ ހެދި ލޭންޑް ޔޫސް ޕްލޭނުގައި، މި ސަރުކާރުން ބުނާ ގޮތަށް، ސްކޫލްތަކާއި މިސްކިތްތަކާއި ގުޅީފަޅުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާނެ ވަސީލަތްތަކެއް ނެތެވެ. އެ ޕްލޭނުގައި އޮތީ ގޯތިތަކާއި އޭރު ގުޅީފަޅުގައި އަޅަން ނިންމާފައިވާ ސިނާއީ ބަނދަރު ސަރަހައްދު އެކަންޏެވެ. މި ސަރުކާރުން ވަނީ ބަނދަރު ތިލަފުށީގައި އަޅަން ނިންމާފަ އެވެ.

މި ސަރުކާރުން ޕްލޭނަށް ބަދަލު ގެނެސް، އާންމުކުރި ލޭންޑް ޔޫސް ޕްލޭނުގައި، ސްކޫލްތަކާއި މިސްކިތްތަކާއި، ވިޔަފާރިތަކަށް ހާއްސަ ސަރަހައްދުތަކާއި ޓޫރިޒަމަށް ހާއްސަ ސަރަހައްދުތައް ވެސް ހިމެނި އެވެ. މިފަހަރުގެ ޕްލޭންގައި ވެސް މި ކަންކަމަށް ހާއްސަ ސަރަހައްދުތައް ހުރި ނަމަވެސް، ކުރިން ސިނާއީ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ސަރަހައްދުގެ ބޮޑު ބަޔެއްގައި މިހާރު ހުރީ ގޯއްޗެވެ.