Advertisement

ގާނޫނާ ހިލާފަށް ފަނޑިޔާރުން ވަކި ކުރި ގޮތުގެ ހަބަރު ބޭރު ދުނިޔެއަށް ގެންދާތީ އިދިކޮޅު ޕާޓީތަކަށް ފޮރިން މިނިސްޓަރު ފާޑުވިދާޅުވެއްޖެ

17 މޭ 2025 - 10:03 2

ފޮރިން މިނިސްޓަރު ހަލީލު: ގާނޫނާ ހިލާފަށް ފަނޑިޔާރުން ވަކި ކުރީ ރައީސް މުއިއްޒުގެ ކޮންޓްރޯލް އޮންނަ މަޖިލީހަކުން -- ފޮޓޯ: ރައީސް އޮފީސް


ގާނޫނާ ހިލާފަށް ފަނޑިޔާރުން ވަކި ކުރި ގޮތުގެ ހަބަރު ބޭރު ދުނިޔެއަށް ގެންދާތީ އިދިކޮޅު ޕާޓީތަކަށް ފޮރިން މިނިސްޓަރު ފާޑުވިދާޅުވެއްޖެ

17 މޭ 2025 - 10:03 2

ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރި ގޮތުގެ ހަބަރު ބޭރު ދުނިޔެއަށް ގެންދާތީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އިދިކޮޅު ޕާޓީތަކަށް ފާޑުވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މެޖޯރިޓީ އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކި ކުރީ މެއި 14، ގަ އެވެ. އެކަން ހިނގައިދިޔަ ގޮތް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ދަނީ އެކި ގައުމުތަކާ ހިއްސާ ކުރަމުންނެވެ.

އެކަންކަމާ ގުޅޭ ގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވަނީ ރައީސް މުހައްމަދު މުއިއްޒު ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް އިންކާރު ކުރައްވައިފަ އެވެ. އަދި ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ބައިނަލްއަގުވާމީ މުޖްތަމައާ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާއިރު ތެދު ހަދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އިދިކޮޅުގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން ބައިނަލްއަގުވާމީ މުޖްތަމައުއާ ވާހަކަ ދައްކާއިރު ކަން ހިނގި ގޮތަށް ތެދު ބަހުން ވާހަކަ ދައްކާނެ ކަމަށް ހީކުރަނީ،" ހަލީލު ވިދާޅުވެފައިވެ އެވެ.

ފަނޑިޔާރުންގެ މައްސަލަތަކެއް އުފަންކޮށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހިނދެއްގައި މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ބަލަން ފެށުމުންނެވެ. ޖޭއެސްސީގައި އޮންނަނީ ރައީސް މުއިއްޒު އަދި ވެރިކަން ހިންގާ ޕާޓީގެ ކޮންޓްރޯލެވެ.

ފަނޑިޔާރުން ވަކި ކުރަންޖެހޭ ކަމަށް ބުނެ ޖޭއެސްސީ އިން ތަހުގީގެއް ހިންގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ވިދާޅުވެފަ އެވެ. ފަނޑިޔާރުން ވަކި ކުރީ ފިލްޒާގެ ރައުޔަށް ބެލުމެއް ނެތި އެވެ. އެކަމަކު، ގާނޫނުއަސާސީގައި ބުނެފައި ވަނީ ވަކި ކުރަންޖެހޭ ވަރުގެ ސުލޫކީ މައްސަލައެއް ސާބިތުވެގެން މެނުވީ ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށެވެ.

އިދިކޮޅު އެމްޑީޕީ އިން ބޭރު ދުނިޔެއަށް މައުލޫމާތު ފޯރުކޮށްދޭތީ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"[އެމްޑީޕީ] ވެރިކަމުން ފައިބައިފިއްޔާ ދެ ކަމެއް ކުރާނެ، އެއް ކަމަކީ މަގުމައްޗަށް ނުކުމެ ޖަހާނެ ސަކަރާތްތަކެއް. އަނެއް ކަމަކީ ވަރަށް ބާރަށް ފުރައިގެންދާނެ ރާއްޖެއިން ބޭރަށް. ގޮސް ހަމަ އެކި ތަންތަނުގައި ވާހަކަ ދައްކައި އެކި ގޮތް ގޮތަށް ސޯޝަލް މީޑިއާއަށް ލާނެ ފޮޓޯތައް، މިހާރު މިވެނި ބަޔަކު ވެސް އެބަ އުޅެޔޭ ރާއްޖެއަށް ފިޔަވަޅެއް އަޅަން، މިވެނި ކަމެއް ވެސް ކުރަން، ދެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން،" ބުދަ ދުވަހު ސައީދު ވިދާޅުވި އެވެ.

ރާއްޖޭގައި ހިނގާ ކަންކަމުގެ މައުލޫމާތު އެމްޑީޕީ އިން ހާމަ ކުރަމުންދާތީ ސަރުކާޒުގެ ވަޒީރުން ކަންބޮޑުވުން ފާޅު ކުރިއިރު، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މި ވަގުތު ހުންނެވީ ޔޫރަޕުގަ އެވެ. އޭނާ ވަނީ މިއަދު ޔޫރަޕިއަން ޔޫނިއަންއާ ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައުލޫމާތު ފޯރުކޮށްދީފަ އެވެ. ހާއްސަކޮށް، ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާތީ އެ ވާހަކަތައް ޝާހިދު ވަނީ ދައްކަވައިފަ އެވެ.

ޝާހިދުގެ ދަތުރުގައި އޭނާ ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އަދި އިނގިރޭސިވިލާތުގެ ސިޔާސީ ޕާޓީތަކާއެކު ވެސް ޝާހިދު ވަނީ ސިލްސިލާ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އެ ބައްދަލުވުންތަކުގައި ވެސް ޖުޑިޝަރީގެ ވާހަކަ ޝާހިދު ދެއްކެވި އެވެ.