Advertisement

ކައުސިލަރުން މަދުނުކޮށް، ސިޔާސީ މުވައްޒަފުން މަދުކޮށްފި ނަމަ ފައިދާ ބޮޑުވާނެ: އާތިފު

ކުޅުދުއްފުށީ މޭޔަރު އާތިފް


ކައުސިލަރުން މަދުނުކޮށް، ސިޔާސީ މުވައްޒަފުން މަދުކޮށްފި ނަމަ ފައިދާ ބޮޑުވާނެ: އާތިފު

ރަށު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރުމަށް ވުރެ، ރައީސް މުހައްމަދު މުއިއްޒު ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައިވާ މީހުންގެ އަދަދު މަދުކޮށްފި ނަމަ ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ޕޮޑްކާސްޓުގައި މުއިއްޒު ވިދާޅުވީ 2000 އަށް ވުރެ އާބާދީ ދަށް ރަށްރަށުގައި ކައުންސިލަރުންގެ އަދަދު ތިނަކަށް އަދި އެއަށް ވުރެ އާބާދީ ބޮޑު ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭ ގޮތަށް ގާނޫނު ބަދަލުކުރަން ހުށަހަޅުއްވާނެ ކަމަށެވެ.

އަތޮޅު ކައުންސިލްތައް އުވާލަން ވެސް މުއިއްޒު ވަނީ ނިންމަވައިފަ އެވެ.

މިކަންކަމަށް ގުޅޭ ގޮތުން ކުޅުދުއްފުށީ މޭޔަރު އާތިފު ވަނީ ފޭސްބުކްގައި ރައީސް މުއިއްޒަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފަ އެވެ.

"ކައުންސިލްތަކުގައި ވަރަށް ގިނަ ނެގެޓިވް ކަންތައްތައް އެބަހުއްޓޭ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާއިރު، ސަރުކާރަށް އެއް އަހަރާ ހަ މަސް މާދަމާ [މިއަދު] ވާނެ، ހަމަ ޔަގީނުން ވެސް ކުޅުދުއްފުށީގައި ކުރިއަށްދާ ގިނަ މަޝްރޫތަކާއި ހަރަކާތްތަކަކީ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތްތައް، މި ދޮޅު އަހަރުތެރޭގައި ސަރުކާރު ހުރިހާ މަޝްރޫއެއް އެހުރީ ހުއްޓިފައިކަން ކުޅުދުއްފުށީގެ ރައްޔިތުން ހެކިވާނެ،" އާތިފު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓުން ކުޅުދުއްފުއްޓަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބިފައި ވަނީ 8.9 މިލިއަން ރުފިޔާ މަދުން ކަމަށް އާތިފް ވިދާޅުވި އެވެ. ނަމަވެސް، ކައުންސިލުން ކުރި މަސައްކަތުން، ކައުންސިލްގެ އާމްދަނީ 2.5 މިލިއަން ރުފިޔާގައި 13.9 މިލިއަން ރުފިޔާއަށް އިތުރު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާތިފު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުގެ އަދަދު މަދުކުރުމުގެ ބަދަލުގައި މަސައްކަތެއް ނެތި އައްޔަނުކޮށްފައި ތިބި ސިޔާސީ މަގާމުތައް މަދުކުރުމުން ހަރަދު ކުޑަވެ ދައުލަތުގެ ހިންގުން ހަރުދަނާ ވެގެންދާނެ ކަމަށެވެ.

"އަދި ދައުލަތް ހިންގުމުގައި ރައްޔިތުންގެ ރިޕްރެޒެންޓޭޝަން ކުޑަނުވެ އެކަން ހާސިލްވާނެ،" އާތިފު ވިދާޅުވި އެވެ.

ރައްޔިތުން އިންތިހާބުކުރާ މީހުން މަދުވި ވަރަކަށް ސަރުކާރުތަކުން ބޭނުންހާގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އާތިފު ވިދާޅުވި އެވެ.