18 މޭ 2025 - 15:01 0
އަހުމަދު ދާއޫދު
ސައިންސްވެރިންގެ މިހޯދުން ވެގެންދާނީ އެހެން ޕްލެނެޓްތަކުގައި ފެންހުރިތޯ ބެލުމަށް ކުރާ ދިރާސާގެ ވަރަށް މުހިންމު ބަޔަކަށް -- ފޮޓޯ: ނާސާ
18 މޭ 2025 - 15:01 0
ސޯލާސިސްޓަމުން ބޭރުގައިވާ ތަރިއެއްގެ ވަށައިގެން ހުރި ގަނޑުފެން "ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން" ފުރަތަމަ ފަހަރަށް ހޯދައިފިކަމަށް ސައިންސްވެރިން ހާމަކޮށްފި އެވެ.
މި ހޯދުމުގެ ސަބަބުން، އެހެން ތަރިތަކުގެ ވަށައިގެންވާ ނިޒާމުތަކުގެ މުހިންމުކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ލިބިގެންދާނެ އެވެ.
މި ހޯދުން ހަދާފައިވަނީ، އެޗްޑީ 181327 ނަމަކަށް ކިޔާ، އިރާ އެއްގޮތް ތަރިއެއްގެ ވަށައިގެންވާ ނިޒާމެއްގެ ތެރެއިންނެވެ. މި ތަރި އަކީ ދުނިޔެއާ 155 އަލި އަހަރު ދުރުގައިވާ ތަރިއެކެވެ.
ޖޭމްސް ވެބް ޓެލެސްކޯޕުގެ ނިއަރ-އިންފްރާރެޑް ސްޕެކްޓްރޯގްރާފް (NIRSpec) ބޭނުންކޮށްގެން ސައިންސްވެރިން ވަނީ މި ތަރީގެ ވަށައިގެންވާ ނިޒާމުގައި ކްރިސްޓަލައިން ވޯޓަރ އައިސް ހުރިކަން ކަށަވަރުކޮށްފަ އެވެ. މިއީ އަޅުގަނޑުމެންގެ ސޯލާސިސްޓަމްގެ ސެޓަރންގެ ރިންގްތަކާއި ކައިޕަރ ބެލްޓްގައި ހުންނަ އައިސްއާ އެއްވައްތަރުގެ އައިސްއެކެވެ.
މި ދިރާސާގެ އެންމެއިސް ފަރާތް، ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ އެސިސްޓެންޓް ރިސާޗް ސައިންޓިސްޓް، ޗެން ޒީ ވިދާޅުވި ގޮތުގައި، ވެބް ޓެލެސްކޯޕުން ހަމައެކަނި ގަނޑުފެން ހޯދީއެއް ނޫނެވެ. އެކަމަކު ކްރިސްޓަލައިން ގަނޑުފެން ހުރިކަން ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެ އެވެ. އޭނާ އިތުރަށް ވިދާޅުވީ، މިފަދަ އައިސް ހުރުމަކީ ސޯލާސިސޓަމްގެ އެހެން ގްރަހަ ތަކުގައި ފެންހުރިތޯ ބެލުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވެދޭ ކަމެއް ކަމަށާއި، މިފަދަ ނިޒާމުތަކުގައި އުފެދޭ ބިމާ އެއްފަދަ ގްރަހަތަކަށް މި އައިސް މާއްދާތައް ފޯރުކޮށްދެވިދާނެ ކަމަށެވެ.
މިދިސާއިން ހާމަވާ ގޮތުގައި އެޗްޑީ 181327 އަކީ އަޅުގަނޑުމެންގެ ސޯލާ ނިޒާމްގައިވާ އިރާ އަޅާބަލާއިރު، ވަރަށް ޒުވާން ތަރިއެކެވެ. އޭގެ އުމުރަކީ އެންމެ 23 މިލިއަން އަހަރެވެ. އިރުގެ އުމުރަކީ 4.6 ބިލިއަން އަހަރެވެ. މި ތަރި އިރަށްވުރެ ހޫނުގަދަ އަދި ބޮޑެވެ. އަދި އޭގެ ނިޒާމަކީ ވަރަށް ހަލަބޮލި ނިޒާމެކެވެ.
މިދިރާސާއިން ދައްކާގޮތުގައި މިތަރީގެ ވަށައިގެންވާ ނިޒާމާއި ތަރިއާ ދެމެދު ފާހަގަކުރެވޭ ފުޅާ ހުސް ޖާގަ އެއް އެބައޮތެވެ. މިއީ އުފެދެމުން އަންނަ ގްރަހަތަކުން، އެ ގްރަހަތައް ބުރު ޖަހަމުން ދާއިރު، މި ނިޒާމުތައް ސާފުކުރަމުންދާ ކަމުގެ ނިޝާނެއް ކަމަށް ބެލެވިދާނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.
މިދިރާސާއިން ދައްކާގޮތުގައި މި ނިޒާމުގައި ގަނޑުފެން ހުރި މިންވަރު ތަފާތެވެ. ތަރިން ދުރުގައިވާ ބޭރު ނިޒާމުގައި، ފިނިހޫނުމިން ދަށްވުމުގެ ސަބަބުން، އައިސްގެ މާއްދާތައް 20 އިންސައްތައަށްވުރެ އިތުރެވެ. ތަރިއާ ކައިރިވަމުން އަންނަ ވަރަކަށް އައިސްގެ މިންވަރު 8 އިންސައްތައަށް ދަށްވެ އެވެ. އެންމެ އެތެރޭގައިވާ ޖާގައިގައި ގާތްގަނޑަކަށް އެއްވެސް ވަަރަކަށް ގަނޑުފެން ނެތްކަމަށް ބެލެވެ އެވެ. މީގެ ސަބަބެއްކަމަށް ބެލެވެނީ ތަރިން އަންނަ އަލްޓްރާވައިލެޓް ދޯދިތަކުގެ ސަބަބުން އައިސް ވިރިގެން ދިއުން، ނުވަތަ ހިލަ ގްރަހަ އެޅޭއިރު އެތަކެތީގެ އެތެރޭގައި އައިސް ތާށިވުމެވެ.
މި ހޯދުމަކީ އަޅުގަނޑުމެންގެ ސޯލާސިސްޓަމުން ބޭރުގައިވާ ގްރަހައެއްގެ ނިޒާމުތަކުގައިވާ ފެނުގެ ދައުރާ ބެހޭގޮތުން ވިސްނުން އިތުރަށް ފުޅާކޮށްދޭނެ ކަމެކެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، ބިމަށް ފެން ލިބުނީ ޒުވާން، އަދި ވިރިފައިވާ ބިމުގައި އައިސް ހިމެނޭ ކޮމެޓްތަކާއި އެސްޓަރޮއިޑްތައް ޖެހުމުގެ ސަބަބުންނެވެ. މިހާރު، އެޗްޑީ 181327 ގެ ނިޒާމް ދިރާސާކޮށް، އެތަނުގައި އުފެދެމުން އަންނަ ގްރަހަތަކަށް ފެން ލިބިދާނެތޯއާއި، އެފަދަ ގްރަހަތަކުގައި ދިރުން އޮތް މާހައުލެއް އުފެދިދާނެތޯ ސައިންސްވެރިން ދަނީ ސުވާލުކުރަމުންނެވެ.
ޖޭމްސް ވެބް ޓެލެސްކޯޕުން ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ދިރާސާތައް ކުރުމަށް ހަމަޖެހިފައިވެ އެވެ.
ނޭޗާ ޖާނަލްގައި މި ދިރާސާ ވަނީ ޝާއިއުކޮށްފަ އެވެ.
Comment