Advertisement

ބްލޮކް ގްރާންޓް ނަގައިގެން ތަޖުރިބާ ދަތުރުގެ ނަމުގައި ކައުންސިލްތަކުން ދަނީ ބެންކޮކަށް: ރައީސް

15 މޭ 2025 - 13:59 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް ޑރ. މުހައްމަދު މުއިއްޒު "ރައްޔިތުންނާ އެކީ" ޕޮޑްކާސްޓުގައި: ރައީސް ވަނީ ބްލޮކް ގްރާންޓުގެ ބޭނުން ކައުންސިލުތަކުން އެންމެ ރަނގަޅު ގޮތުގައި ބޭނުން ހިފަމުން ނުދާ ކަމަށް ވިދާޅުވެފައި -- ފޮޓޯ: ރައީސް އޮފީސް


ބްލޮކް ގްރާންޓް ނަގައިގެން ތަޖުރިބާ ދަތުރުގެ ނަމުގައި ކައުންސިލްތަކުން ދަނީ ބެންކޮކަށް: ރައީސް

15 މޭ 2025 - 13:59 1

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ މާލީ އެހީ، ބްލޮކް ގްރާންޓު ނަގައިގެން ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި ދަނީ ބެންކޮކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް އެހީ ދިނުމުގެ ނިސްބަތް ކަނޑައަޅަނީ ބަޖެޓު ތައްޔާރުކުރުމުގެ މަރުހަލާގެ ތެރެއިން ފިނޭންސް މިނިސްޓްރީންނެވެ. އެއީ ދައުލަތުގެ އާމްދަނީއަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ އަދަދުގެ ފަސް ޕަސެންޓާއި ބިމު ކުލިން ލިބޭ އާމްދަނީގެ 40 ޕަސެންޓެވެ.

ކޮންމެ ބުރާސްފަތި ދުވަހަކު ރައީސް އޮފީހުން ގެންނަ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓު ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށްތޯ ހޭދަކުރަނީ ބެލޭނެ ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށެވެ. އެކަމުގައި ފިނޭންސް މިނިސްޓްރީގެ ދައުރެއް ބޭއްވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު ވާގޮތަކީ، ބްލޮކް ގްރާންޓް ނަގައިގެން ދަނީ ތަޖުރިބާ ދަތުރު ކިޔާފައި، ބެންކޮކަށާއި ތަންތަނަށް. މުޅި ކައުންސިލް އޮތްގޮތަށް އިނގޭތޯ. ރައްޔިތުންނަށް ކޮން ފައިދާއެއްތޯ އެއިން ކުރަނީ؟ އެއީއެއް ނޫނޭ ބްލޮކް ގްރާންޓް ބޭނުންކުރަން އޮންނަ ކަމަކީ،" ރައީސް ވިދާޅުވި އެވެ.

އެ ދަތުރުތައް ކައުންސިލްތަކުން ދަނީ "އަމިއްލަ އުފަލަށް" ކަމަށް ރައީސް ވިދާޅުވި އެވެ. ބައެއް ކައުންސިލްތަކުން އެ ގްރާންޓު ހަރަދު ނުކޮށް ބަހައްޓާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ދައުރު ނިމޭއިރުގައި، ބްލޮކް ގްރާންޓް ސޭވްކުރަން އެބަ ބޭނުންވޭ. ހަރަދު ނުކޮށް ބަހައްޓަން. ބްލޮކް ގްރާންޓް މިއީ، ގާނޫނުގައި، ލާމަރުކަޒީ ގާނޫނުގައި، ކައުންސިލްތަކުގެ މައްޗަށް މަތިކޮށްފައި އޮތް ހުރިހާ ޒިންމާއެއް އަދާކުރަން ދޭ ފައިސާ. ވަރަށް ގިނަ ޒިންމާތައް ހުންނާނެ. އެ ކަންކަން ކުރަންދޭ ފައިސާ ވެސް ހަރަދުނުކޮށް، ބެންކޮކަށް ދިޔުމާއި، ސޭވްކުރުން،" ރައީސް ވިދާޅުވި އެވެ.

"ގާނޫނުގައި ބުނެފައި އޮތް ކަންކަން ކުރަން. އެހެންވީމާ، ސޭވް ވެސް ކުރަނީ. އަނެއްކާ ދަތުރު ވެސް ދަނީ. އަމިއްލަ އުފަލަށް ދަތުރު ދަނީ."

ބްލޮކް ގްރާންޓު ބޭނުންކުރަނީ ރައްޔިތުން ބާރުވެރިވާ ގޮތަށްތޯ ބަލަން ޖެހޭ ކަމަށާއި އެ ކަންކަން ރައްޔިތުންނަށް އަންގައިދިނުމަށް ވެސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުގެ ފައިސާގެ ތެރެއިން މަދުވެގެން ފަސް ޕަސެންޓު ވިމެންސް ޑިވެލޮޕްމަންޓު ކޮމިޓީ (ޑަބްލިއުޑީސީ) އަށް ހާއްސަކުރަން ގާނޫނުން ލާޒިމު ކުރެ އެވެ.

ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއިން ކައުންސިލްތަކުން ތަޖުރިބާ ދަތުރުތަކުގައި ދާ ކަމަށް ރައީސް ވިދާޅުވި އިރު އެމަނިކުފާނު ވެސް ގެންދަވަނީ ރާއްޖެއިން ބޭރަށް ގިނަ ދަތުރުތަކެއް ކުރައްވަމުންނެވެ.