Advertisement

މައިކްރޯސޮފްޓް 365 އަށް 2028 އާ ހަމައަށް ސެކިއުރިޓީ އަޕްޑޭޓް ދެނީ

15 މޭ 2025 - 08:15 0

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު


މައިކްރޯސޮފްޓް 365 އަށް 2028 އާ ހަމައަށް ސެކިއުރިޓީ އަޕްޑޭޓް ދެނީ

15 މޭ 2025 - 08:15 0

މައިކްރޯސޮފްޓް 365 އެޕްސްތައް ވިންޑޯސް 10 ގައި 2028 އާ ހަމައަށް ސެކިއުރިޓީ އަޕްޑޭޓްތައް ލިބޭނެ ކަމަށް މައިކްރޯސޮފްޓުން އިއުލާނުކޮށްފި އެވެ. މިއީ ކުރިން އެކުންފުނިން ނިންމާފައިވާ ގޮތާ ހިލާފަށް ނިންމި ނިންމުމެކެވެ.

ކުރިން މައިކްރޯސޮފްޓުން ނިންމާފައިވަނީ 2025 ގެ އޮކްޓޯބަރު 14 އިން ފެށިގެން ވިންޑޯސް 10 އަށް ސަޕޯޓް ދިނުން ހުއްޓާލުމަށެވެ. ނަމަވެސް މިހާރު އެ ކުންފުނިން ބުނެފައިވަނީ ވިންޑޯސް 10 ގެ ސަޕޯޓް ހުއްޓާލާތާ 3 އަހަރު ވަންދެން މައިކްރޯސޮފްޓް 365 އެޕްތަކަށް ސެކިއުރިޓީ އަޕްޑޭޓްތައް ދެމުން ގެންދާނެ ކަމަށެވެ. މިގޮތުން 2028 ގެ އޮކްޓޯބަރު 10 އާ ހަމައަށް މި އަޕްޑޭޓްތައް ލިބޭނެ އެވެ.

މައިކްރޯސޮފްޓުން ބުނެފައިވަނީ މި މުއްދަތު އިތުރުކޮށްދީފައިވަނީ ބޭނުންކުރާ ފަރާތްތަކަށް ވިންޑޯސް 11 އަށް ބަދަލުވުމަށް ވަގުތު ދިނުމަށް ކަމަށެވެ. އަދި މި މުއްދަތުގައި ސެކިއުރިޓީ ދެމެހެއްޓުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

މައިކްރޯސޮފްޓުން ވަނީ ވިޔަފާރިތަކާއި އާންމު ފަރުދުން ވިންޑޯސް 11 އަށް އަޕްގްރޭޑް ކުރުމަށް ބާރުއަޅަމުން ގެންގޮސްފަ އެވެ. މީގެ އެއް ސަބަބަކީ ކޯޕައިލެޓް ސުވީޓްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗަރތައް ލިބެން ހުންނާނީ ހަމައެކަނި ވިންޑޯސްގެ އެންމެ ފަހުގެ ވަރޝަންގައި ކަމަށް ވުމެވެ.

މި ނިންމުމަކީ ވިންޑޯސް 10 ބޭނުންކުރާ ގިނަ ފަރާތްތަކަށް ލިބޭ ހިތްހަމަޖެހުމެކެވެ. އަދި އޮފީސް އެޕްސްތައް ބޭނުންކުރާ ފަރާތްތަކަށް ވިންޑޯސް 11 އަށް ބަދަލުވުމަށް އިތުރު ވަގުތު ލިބިގެންދާނެ ކަމެކެވެ.

މައިކްރޯސޮފްޓުން އިތުރަށް ބުނެފައިވާ ގޮތުގައި، ވިންޑޯސް 10 ގެ ސަޕޯޓް ނިމުމަށްފަހުވެސް އޮފީސް އެޕްތައް ބޭނުންކުރެވޭނެ އެވެ. ނަމަވެސް ސަޕޯޓް ނުލިބޭ އޮޕަރޭޓިންގ ސިސްޓަމެއް ބޭނުންކުރުމުން ޕަރފޯމަންސްއާއި ރިލަޔަބިލިޓީއަށް އަސަރުކުރެ އެވެ. އަދި ސެކިއުރިޓީ އަޕްޑޭޓްތައް ނުލިބުމުން މެލްވެއަރ، ވައިރަސް އަދި ހެކިންގ އެޓެމްޕްޓްތަކަށް ނުރައްކާވެ އެވެ.

ދަ ވަރޖްއިން ބުނާ ގޮތުގައި ވިންޑޯސް 11 އަށް އަޕްގްރޭޑްކުރުމަށް މައިކްރޯސޮފްޓުން ކަނޑައަޅާފައިވާ ހާޑްވެއަރ ރިކުއަޔަރމަންޓްތައް ވަރަށް ހަރުކަށްޓެެވެ. އެހެންކަމުން މިލިއަނުން ގުނާލެވޭ އަދަދެއްގެ ކޮމްޕިއުޓަރުތަކަށް ވިންޑޯސް 11 އަށް އަޕްގްރޭޑްނުކުރެވޭނެ އެވެ. އެފަދަ ޔޫޒަރުންނަށް ވިންޑޯސް 11 އަށް ބަދަލުވެވޭނީ އައު ޕީސީއެއް ގަނެގެންނެވެ.