16 މާރިޗު 2025 - 03:21 0
އަހުމަދު ދާއޫދު
16 މާރިޗު 2025 - 03:21 0
މައިކްރޯސޮފްޓުން އެކްސްބޮކްސް ކުޅުންތެރިންނަށް އަމާޒުކޮށްގެން އައު އޭއައި އެހީތެރިއެއް ކަމަށްވާ "ކޮޕައިލެޓް ފޯ ގޭމިން" ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މައިކްރޯސޮފްޓުން ޝާއިއުކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ މި އައު އެހީތެރިޔާގެ ސަބަބުން ކުޅުންތެރިންނަށް ޓިއުޓޯރިއަލްތަކާއި އެހެނިހެން އިންގޭމް އެހީތައް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ކޯޕައިލެޓް ފޯ ގޭމިންއަށް އާންމު ބަހުރުވައިން ދޭ އަމުރުތައް ދެނެގަނެވޭނެ ކަމަށާއި، މީގެ ސަބަބުން ގޭމްތައް އިންސްޓޯލްކުރުމާއި އަޕްޑޭޓްކުރުމަށް ފަސޭހަވެގެންދާނެ ކަމަށް މައިކްރޯސޮފްޓުން ބުނެފައިވެއެވެ. އަދި ކުޅުންތެރިންގެ ކުރިއެރުންތަކުގެ ހުލާސާއެއް ވެސް މި އެހީތެރިޔާ މެދުވެރިކޮށް ލިބޭނެއެވެ.
މި ޚިދުމަތް ފުރަތަމަ ލިބެން ހުންނާނީ ސްމާޓްފޯނުތަކުގައި ކަމަށްވިޔަސް، އެކްސްބޮކްސް އިންސައިޑަރުންނަށް މި ޚިދުމަތް ވަރަށް އަވަހަށް ލިބޭނެ ކަމަށްވެސް މައިކްރޯސޮފްޓުން ބުނެފައިވެއެވެ.
އެކްސްބޮކްސްގެ ގޭމިންގ އޭއައި ޑިވިޜަންގެ ކޯޕަރޭޓް ވައިސް ޕްރެޒިޑެންޓް ފާތިމާ ކަރްދާރު ވިދާޅުވި ގޮތުގައި ކޮޕައިލެޓް ފޯ ގޭމިން އަކީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ގޭމިންގ އެހީތެރިއެކެވެ. މި އެހީތެރިޔާއަށް އެކްސްބޮކްސްގައި ގޭމްތައް ސެޓަޕްކޮށްދިނުމާއި، އައު ގޭމްތައް ހުށަހެޅުމާއި، އިންގޭމް އެހީތެރިކަން ފޯރުކޮށްދިނުމާއި، އިޖްތިމާޢީ ގުޅުންތައް ބަދަހިކޮށްދިނުމަށް އެހީތެރިވެދެވޭނެއެވެ.
ކުޅުންތެރިންގެ އާދަތަކާއި ކަންކަން ބޭނުންވާ ގޮތްތަކަށް ބަލައި، އެމީހުންނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ ތަޖުރިބާއެއް މި އެހީތެރިޔާ މެދުވެރިކޮށް ލިބިގެންދާނެ ކަމަށްވެސް ކަރްދާރު ވިދާޅުވިއެވެ.
ކޮޕައިލެޓް ފޮރ ގޭމިންގ ފީޗާ ތައާރަފުވުމާއެކު، ކުޅުންތެރިންނަށް އާންމު ބަހުރުވައިން ކޯޕައިލެޓަށް އަމުރުތައް ކުރެވޭނެއެވެ.
މިސާލަކަށް "ވަކިގޭމެއްގެ ނަން ބުނެފައި، އެގޭމް އަލުން ކުޅެން ބޭނުންކަމަށް ބުނުމުން ނުވަތަ ގޭމެއް އިންސްޓޯލްކޮށްދޭން އެދުން ފަދަ އަމުރެއް ކުރުމުން، އެ ގޭމް އެކްސްބޮކްސް ކޮންސޯލަށް ޑައުންލޯޑްކުރަން ފަށާނެއެވެ.
މީގެ އިތުރުން ވަކި ގޭމެއްގައި ކުޅުންތެރިޔާ ހުރި ހިސާބުގެ ޚުލާސާއެއް ހޯދުމަށާއި، ގޭމްތަކުގެ އަޕްޑޭޓްތައް ހުރިތޯ ބެލުމަށްވެސް މި އޭއައި އެހީތެރިޔާއަށް އެދެވިދާނެއެވެ.
މި އައު ޓެކްނޮލޮޖީ ތައާރަފުކުރުމުގެ މަޤްޞަދަކީ ގޭމިން ދާއިރާގައި ކުޅުންތެރިންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމެވެ. އަދި ކުޅުންތެރިންގެ ވަގުތު ސަލާމަތްކޮށްދިނުމާއެކު، އެމީހުންނަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ މި އެހީތެރިޔާގެ މައިގަނޑު މަގުސަދެވެ.
މި އައު ހިދުމަތް ރަސްމީކޮށް ތަޢާރަފުކުރާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އެކްސްބޮކްސް އިންސައިޑަރުންނަށް ވަރަށް އަވަހަށް މި ހިދުމަތް ލިބޭނެ ކަމަށް މައިކްރޯސޮފްޓުން ބުނެފައިވުމުން، ކައިރި މުސްތަގުބަލެއްގައި މި ޚިދުމަތް ފެށިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ގޭމިންގ ދާއިރާގައި އޭއައި ޓެކްނޮލޮޖީގެ ބޭނުން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، މައިކްރޯސޮފްޓުގެ މި އައު އީޖާދު ވެގެންދާނީ އެ ދާއިރާގައި އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ކަމަށް ގިނަ ފަރާތްތަކުން ލަފާކުރެއެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment