Advertisement

‏ސިކުނޑީގެ ލޭ ގަނޑުވި މީހަކު ޑެނިޝް ބަހުން ވާހަކަ ދައްކަން ފަށައިފި‏

15 މޭ 2025 - 07:21 3

އަހުމަދު ދާއޫދު

އަހުމަދު ދާއޫދު

‏ރަހްމީ ކަރަދެމިރް ‏ކުރިން އުޅުނީ ޑެންމާކްގައި އޭރު އޭނާ ވާހަކަ ދެއްކީ ދާނިޝްބަހުން --


‏ސިކުނޑީގެ ލޭ ގަނޑުވި މީހަކު ޑެނިޝް ބަހުން ވާހަކަ ދައްކަން ފަށައިފި‏

15 މޭ 2025 - 07:21 3

ސިކުނޑީގެ ލޭ ގަނޑުވުމުގެ ‏‏ސަބަބުން ކުއްލި ފަރުވާއެއް ދިނުމަށް ފަހު، އުމުރުން 67 އަހަރުގެ ތުރުކީވިލާތުގެ މީހަކު، މީގެ އެތައް ‏‏އަހަރެއް ކުރިން ބޭނުންކުރި ނަމަވެސް މިހާރު ބޭނުންކުރުން ހުއްޓާލާފައިވާ ބަހެއް ކަމުގައިވާ ޑެނިޝް ބަހުން ‏‏ވާހަކަ ދައްކަން ފަށައިފިކަމަށް ޑޮކްޓަރުންނާއި އޭނާގެ އާއިލާއިން ބުނެފި‏ އެވެ.‏

‏ރަހްމީ ކަރަދެމިރް ނަމަކަށް ކިޔާ މިމީހާ އަކީ 20 އަހަރު ވަންދެން ޑެންމާކުގައި ދިރިއުޅުމަށްފަހު 10 ‏‏އަހަރު ކުރިން ތުރުކީވިލާތުގެ ކޮންޔާ ޕްރޮވިންސްއަށް އެނބުރި ދިޔަ މީހެކެވެ. ‏‏ވޭތުވެދިޔަ ހަފުތާގައި ސެލްޗުކް ޔުނިވަސިޓީ ފެކަލްޓީ އޮފް މެޑިސިން ‏‏ހޮސްޕިޓަލުގައި އޭނާގެ ކަކުލުގެ އޮޕަރޭޝަނެއް ކުރެވުނެވެ‏‎.‎

‏އޮޕަރޭޝަން ކުރިތާ ދެ ދުވަސް ފަހުން، ކަރަދެމިރްގެ ކަނާތު އަތާއި ފައިގެ ބާރު ‏‏ކުއްލިއަކަށް ގެއްލި، ވާހަކަ ދެއްކުމަށް ދަތިވާން ފެށި‏ އެވެ.‏ އެއީ އޭނާގެ ‏‏ސިކުނޑީގެ ވާތްފަރާތުގައި ހުރި މައި ލޭހޮޅިއެއްގައި ލޭކޮޅެއް ގަނޑުވުމުންނެވެ.

‏ނިއުރޮލޮޖިސްޓުން ވަގުތުން އެންޖިއޯގްރަފީއެއް ހަދައި ބްލަޑް ކޮލަޓު ނެގި އެވެ.‏ މި ‏‏ކާމިޔާބު ފަރުވާއަށްފަހު، ކަރަދެމިރްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވި‏ އެވެ.‏ ‏‏ނަމަވެސް އޭނާއަށް އިތުރަށް ތުރުކީ ބަހުން ވާހަކަދެއްކުމަށް ނުކުޅެދުނެވެ‏‎.‎ ‏އޭގެ ބަދަލުގައި، އޭނާ ވާހަކަދައްކަން ފެށީ އެތައް އަހަރެއް ވަންދެން ބޭނުން ‏‏ނުކުރާ ބަހެއްކަމުގައިވާ ޑެނިޝް ބަހުންނެވެ‏‎.‎

‏އޭނާގެ ބަސް ކުއްލިއަކަށް ބަދަލުވުމުން އޭނާގެ އަނބިމީހާއާއި ދަރިންނަށް ‏‏ވަރަށް ބޮޑަށް ހައިރާންވި‏ އެވެ.‏ އޭނާގެ ބައެއް ދަރިންނަށް ދާނިޝް ބަސް ‏‏އެނގޭތީ އެ ދަރިންނަށް އޭނާއާ ފަސޭހައިން މުއާމަލާތު ކުރެވުނެވެ‏‎.‎

‏ކަރަދެމިރް ބުނީ އޭނާއަށް ތުރުކީ ބަސް ވިސްނޭ ކަމަށާއި ނަމަވެސް އެ ‏‏ބަހުން ވާހަކަ ދެއްކޭ ގޮތް ނުވާ ކަމަށެވެ. މިކަމުގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ‏‏ކަންބޮޑުވެ‏ އެވެ.‏

‏"އަހަރެން ވަރަށް ބޮޑަށް މަސައްކަތްކުރަން ތުރުކީ ބަސް ހަނދާންކުރަން. ‏‏އެކަމަކު އަހަންނަކަށް އެބަހަކުން ވާހަކައެއް ނުދެއްކޭ، ޑެނިޝް ބަސް ‏‏އަހަރެންގެ ސިކުނޑީގައި އެބަހުރި، އެކަމަކު ތުރުކީ ބަހެއް އަހަރެންނަކަށް ‏‏ނުވިސްނޭ، އުއްމީދުކުރަނީ މިކަން ރަނގަޅުވާނެ ކަމަށް." ކަރަދެމިރް ‏‏ދާނިޝް ބަހުން ކިޔައިދިނެވެ. ‏

‏ދާނިޝް ބަހުން މައިގަނޑު ގޮތެއްގައި ވާހަކަ ދައްކަނީ ޑެންމާކުގައި އަދި ‏‏ގްރީންލޭންޑްގެ ބައެއް ސަރަހައްދުތަކުގަ‏ އެވެ.‏ ފެރޯ އައިލެންޑްސް އަދި ‏‏ޑެންމާކުގެ ދެކުނުގެ ބައެއް ސަރަހައްދުތަކުގައިވެސް ދާނިޝް ބަހުން ވާހަކަ ދައްކަ‏ ‏‏އެވެ.‏ ދާނިޝް ބަހަކީ ސްވީޑިޝް އަދި ނޯވީޖިއަން ފަދަ ބަސްތަކާ ވަރަށް ‏‏ގާތްކަމެއްވާ ބަހެކެވެ‏‎.‎

‏މި ހާދިސާއަކީ ސިކުނޑީގެ ލޭ ގަނޑުވުމުގެ ސަބަބުން މީހުންގެ ބަހުގެ ‏‏ގާބިލުކަމަށް އަސަރުކުރާ ގޮތުގެ ނާދިރު މިސާލެއް ކަމަށް ޑޮކްޓަރުން ‏‏ފާހަގަކޮށްފައިވެ‏ އެވެ.‏ އަދި މިފަދަ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމުގެ ‏‏މުހިންމުކަން މި ހާދިސާއިން ހާމަވެގެންދާކަމަށްވެސް ޑޮކްޓަރުން ބުނެފައިވެ‏ އެވެ.‏

‏ކަރަދެމިރްގެ އާއިލާއިން ބުނީ އޭނާގެ ހާލަތު ދުވަހުން ދުވަހަށް ރަނގަޅުވަމުންދާ ‏‏ކަމަށާއި، އަދި އޭނާއަށް ތުރުކީ ބަހުން ވާހަކަދެއްކުމުގެ ގާބިލުކަން އަލުން ‏‏ލިބޭނެކަމަށް އުއްމީދުކުރާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އިތުރު ދިރާސާތައް ‏‏ކުރިއަށްދާކަމަށް ހޮސްޕިޓަލުގެ ފަރާތުން މައުލޫމާތު ދީފައިވެ‏ އެވެ.‏