15 މޭ 2025 - 10:18 1
މުހައްމަދު ޝަހްޒާން
މާލެ ސިޓީ ކައުންސިލުގެ މެންބަރު، ސައިފް ފާތިހު -- ފޮޓޯ: ޕީއެސްއެމް
15 މޭ 2025 - 10:18 1
މާލެ އާއި ހުޅުމާލެ އާ ދެމެދު އަޅާފައި އޮތް ބްރިޖާއި އެ ބްރިޖާ ގުޅިފައި އޮންނަ ހައިވޭގެ ރައްކާތެރިކަން ސަރުކާރަށް ކަށަވަރު ނުކުރެވޭ ކަމަށްވާނަމަ، އެ ތަން ބެލެހެއްޓުން މާލެ ސިޓީ ކައުންސިލާ ހަވާލު ކުރުމަށް މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، ސައިފް ފާތިހު ގޮވާލައްވައިފި އެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ސައިފް ވަނީ މާލެ އާއި ހުޅުމާލެއާ ދެމެދު އޮންނަ ބްރިޖާއި ހައިވޭގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދު އިންތިހާއަށް އިތުރުވެ، އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާއިރު، ބްރިޖާއި ހައިވޭގައި އިންޒާރާއި ނަސޭހަތުގެ ބޯޑުތައް ނެތްކަން ފާހަގަ ކުރައްވައިފަ އެވެ.
ބްރިޖާއި ހައިވޭގައި އެތައް ބައިވަރު އެކްސިޑެންޓެއް ހިނގައި، އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާއިރު، އެތަނުގެ ރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައި ކަށަވަރު ނުކުރެވޭކަން ސައިފް ފާހަގަކުރެއްވި އެވެ.
"އެގޮތަށް މިކަން ނުކުރައްވާ ކޮންސްޓެންޓްކޮށް މިކަންކަން ކުރައްވަންޖެހޭ ނުކުރެއްވޭ ކަމަށްވަންޏާ ކުރެއްވޭނެ އަޅުގަނޑުމެންނަށް ހަވާލު ކުރައްވަބައްލަވާ، މާލޭގެ ރައްޔިތުން ހޮވާފައި އޮތް ކައުންސިލު މިއޮތީ މިތަނުގައި،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަންނަވަނީ ސަރުކާރަށް ނުބެލެހެއްޓެވެންޏާ، އެޗްޑީސީއަށް ބްރިޖު ނުބެލެހެއްޓެވެންޏާ އަޅުގަނޑުމެންނާ ހަވާލު ކުރައްވަބައްލަވާށޭ، އަޅުގަނޑުމެން އެކަން ކުރަން ތައްޔާރު އިނގޭތޯ؟ އޭގެ ސުވާލު އަޅުގަނޑުމެންނަށް އެބަ އާދޭ އަޅުގަނޑުމެން އިންތިހާބުވެގެން ތިބޭތީވެ."
އޭނާ ވިދާޅުވީ ކޮންމެ ފަހަރަކު ވެސް ބްރިޖު ނުވަތަ ހައިވޭގައި ބޮޑު އެކްސިޑެންޓެއް ހިނގައި މީހަކަށް ބޮޑު އަނިޔާއެއްވުމުން ނުވަތަ މީހެއްގެ ފުރާނަ ދިޔުމުން ފުލުހުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ފަށާ ކަމަށެވެ. ނަމަވެސް ދުވަސްކޮޅަކު އެކަން އެގޮތަށް ކުރުމަށްފަހު ދެން ފެންނަނީ އަޅައިލުމެއް ނެތި އިހުމާލުވާ މަންޒަރު ކަމަށް ސައިފް ވިދާޅުވި އެވެ.
ބްރިޖާއި ހައިވޭގައި އިންޒާރުގެ ބޯޑުތައް ނެތުމުގެ އިތުރަށް އެތަނުގައި ހަރުކޮށްފައި ހުންނަ ކެމެރާތައް ވެސް މަސައްކަތް ނުކުރާކަން ސައިފް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ބްރިޖާއި ހައިވޭގައި ހަރުކޮށްފައި ހުންނަ ކެމެރާތަކުގެ ބޭނުމަކީ އެކްސިޑެންޓެއް ހިނގުމުން، އެކަން ވީގޮތް ދެނެގަތުން ނޫން ކަމަށެވެ.
އޭގެ ބަދަލުގައި ބާރު ސްޕީޑުގައި ދުއްވާ މީހުން ކެމެރާތަކުގެ އެހީގައި ދެނެގަނެ، އެމީހުންނާ މެދު ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ސައިފް ވިދާޅުވި އެވެ.
"އެހެންވީމާ މި ހުންނަނީ ކުރެވޭނެ ކަންތައް އިނގޭތޯ؟ ކޮންސްޓެންޓްލީ މީހުންނަށް ރިމައިންޑް ކޮށްދިނުން މިއީ ތިމާ މީހާގެ ފުރާނަ އާއި އެހެން މީހުންގެ ފުރާނަ ޖެޕާޑީއަށް [ނުރައްކަލަށް] ލަނީކަން ހަނދާން ކޮށްދޭން އެބަޖެހޭ، އިންޒާރުގެ ބޯޑު އެބަ ހުންނަންޖެހޭ، ސްޕީޑު ލިމިޓު ބޯޑު އެބަ ހުންނަންޖެހޭ، ޓްރެފިކް ކެމެރާތައް އެބަ މަސައްކަތް ކުރަންޖެހޭ، ކިތައް މީހުން މަރުވާންދެންތޯ އަޅުގަނޑުމެން މިކަންކަން ހައްލުނުކޮށް ތިބޭނީ،" ސައިފް ވިދާޅުވި އެވެ.
އޭނާ ވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލުގެ ދަށަށް އަދިވެސް ބަދަލު ނުކުރާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment