Advertisement

ފަނޑިޔާރުން ވަކިކުރުމާ ގުޅޭ މައުލޫމާތު އީޔޫ ޕާލަމެންޓާ އެމްޑީޕީން ހިއްސާކޮށްފި

އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު އާއި މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް އީޔޫ ޕާލަމެންޓުގެ އިސްވެރިންނާއެކު -- ފޮޓޯ: އެމްޑީޕީ


ފަނޑިޔާރުން ވަކިކުރުމާ ގުޅޭ މައުލޫމާތު އީޔޫ ޕާލަމެންޓާ އެމްޑީޕީން ހިއްސާކޮށްފި

ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ވަކިކުރުމާ ގުޅޭ މައުލޫމާތު ޔޫރަޕިއަން ޕާލަމެންޓާ އިދިކޮޅު އެމްޑީޕީން ހިއްސާކޮށްފި އެވެ.

ބެލްޖިއަމްގެ ބްރަސެލްސްގައި މިއަދު އޮތް އެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު އާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް އެވެ.

ޔޫރަޕިއަން ޕާލަމެންޓުގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އީޔޫ ޕާލަމަންޓުގެ ދެކުނު އޭޝިއާގެ ގުޅުންތަކާ ބެހޭ ޑެލިގޭޝަންގެ އިސްވެރިޔާ ސާބަން ޑިމިޓްރީ ސްޓުރްޒް އެވެ.

އެ ބައްދަލުވުމުގައި ޝާހިދު ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެ ނޫން ވެސް އެހެން ބައެއް ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވައިފަ އެވެ.

އީޔޫ ޕާލަމެންޓާ ބައްދަލު ކުރެއްވުމަށް ބްރަސަލްސްއަށް ވަޑައިގަތުމުގެ ކުރިން އިނގިރޭސިވިލާތުގެ ޕާލަމެންޓުގެ ބައެއް ބޭފުޅުންނާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ ވެސް ޝާހިދު ބައްދަލު ކުރެއްވި އެވެ.

ބްރަސަލްސްގައި ހޭދަ ކުރައްވާ މުއްދަތުގައި އީޔޫ ޕާލަމެންޓުގެ އެހެން ބައެއް އިސްވެރިންނާ ވެސް ޝާހިދު ބައްދަލު ކުރެއްވުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުން ވަކިކުރަން ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރީ މިއަދު އެވެ.

އެގޮތަށް މަޖިލީހުން ފާސްކުރީ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބެލީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ކަންބޮޑުވުން ވެސް ފާޅުކޮށްފައި ވަނިކޮށް އެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމެއް ނެތި އެވެ.