Advertisement

ފަނޑިޔާރުން ވަކިކުރާ މައްސަލާގެ ބަހުސްގައި އެމްޑީޕީއަށް ދިނީ 16 މިނެޓު

14 މޭ 2025 - 10:47 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތުގައި: ފަނޑިޔާރުން ވަކިކުރާ މައްސަލާގެ ބަހުސްގައި އެމްޑީޕީއަށް ދިނީ 16 މިނެޓު --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ފަނޑިޔާރުން ވަކިކުރާ މައްސަލާގެ ބަހުސްގައި އެމްޑީޕީއަށް ދިނީ 16 މިނެޓު

14 މޭ 2025 - 10:47 0

ސުޕްރީމް ކޯޓުގެ ދެ ފަނޑިިޔާރުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރު ކުރި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި އިދިކޮޅު އެމްޑީޕީއަށް 16 މިނެޓު ދީފި އެވެ.

ރޭ ބޭއްވި އާންމު ކޮމިޓީގައި މި ދެ ރިޕޯޓަށް ބަހުސްކުރަން ކަނޑައެޅީ ޖުމްލަ ދެ ގަޑިއިރެވެ. އެއީ ރިޕޯޓަކަށް އެއް ގަޑިއިރެެކެވެ. މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން ކޮމިޓީ ރިޕޯޓުތަކަށް އާންމުކޮށް ބަހުސް ކުރަން އޮންނަނީ ދެ ގަޑިއިރެވެ. އެ ވަގުތު ކުރުކުރަން ހުށަހަޅާ ފާސްކުރީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދު ކުރިއަށްދާ ބަހުސްގެ ތެރެއިން ކޮންމެ ރިޕޯޓަކަށް ބަހުސް ކުރުމަށް އެމްޑީޕީއަށް ލިބޭނީ އަށް މިނެޓު ކަމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާ ވަކިކުރާ މައްސަލާގެ ބަހުސްގައި އެމްޑީޕީގެ މެންބަރުންގެ ތެރެއިން ވާހަކަދެއްކެވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އެކަންޏެވެ.

ދެ ފަނޑިޔާރުންގެ ވަކިކުރަން ނިންމާ ޖޭއެސްސީން ފޮނުވި ރިޕޯޓު ފާސްކޮށް ތަޅުމަށް ފޮނުވީ އެ ރިޕޯޓު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމުގައި އަމަލު ކުރި ގޮތާ ގުޅިގެން މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވަނީ ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައި ވަނިކޮށެވެ. ކޮމިޓީން ނިންމީ ފިލްޒާގެ ކަންބޮޑުވުންތަކާމެދު ގޮތެއް ނިންމާނީ ތަޅުމުން ކަމަށެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.

ފަނޑިޔާރުންގެ މައްސަލަ ބެލި ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.

މިއީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރަމުންދާ މަސައްކަތަކެއް ކަމަށް ބުނެ އދ. އާއި ކޮމަންވެލްތު އަދި އެކި ގައުމުތަކުގެ ބާ އެސޯސިއޭޝަންތަކާއި ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ފަނޑިޔާރުން ވަކިކުރުން މަޑުޖައްސާލަން ވެސް އެ ފަރާތްތަކުން ގޮވާލާފައިވެ އެވެ.