Advertisement

އަޒްމިރާލްދާ އާއި މަހާޒު ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

13 މޭ 2025 - 19:52 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފަނޑިޔާރު އަޒްމިރާލްދާ އަދި ފަނޑިޔާރު މަހާޒު. ދެ ފަނޑިޔާރުންނަށް ވެސް މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވޭ ---


އަޒްމިރާލްދާ އާއި މަހާޒު ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

13 މޭ 2025 - 19:52 1

ސުޕްރީމް ކޯޓުގެ ދެ ފަނޑިިޔާރުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރު ކުރި ރިޕޯޓު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މާދަމާގެ މަޖިލިސް ޖަލްސާގައި ބަހުސް ކުރުމަށް އެޖެންޑާކޮށްފި އެވެ.

މާދަމާ ހެނދުނު އޮންނަ މަޖިލިސް ޖަލްސާގައި ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ހިމަނާފައިވާއިރު މިރޭ ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި އެ ދެ މައްސަލައަށް ބަހުސް ކުރުމަށް ވަނީ ވަގުތު ކަނޑައަޅާފަ އެވެ. ދެ މައްސަލައަށް އެއްކޮށް ބަހުސް ކުރުމަށް ކޮމިޓީން ނިންމިއިރު ދިނީ ދެ ގަޑިއިރެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމީ އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ސުލޫކީ މައްސަލައެއްގަ އެވެ. ނަމަވެސް، މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ބަދަލުވެފައިވާ ކަމަށް އެ ދެ ފަނޑިޔާރުންގެ ވަކީލުން ވަނީ މައުލޫމާތު ދީފަ އެވެ.

އެ ދެ ރިޕޯޓަށް ބަހުސް ކުރަން މާދަމާގެ ޖަލްސާގައި އެޖެންޑާކޮށްފައިވާއިރު ޖޭއެސްސީގެ ރިޕޯޓު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމުގައި އަމަލު ކުރި ގޮތާ ގުޅިގެން މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވަނީ ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

އަޒްމިރާލްދާ އާއި މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި، ޖޭއެސްސީން މަޖިލީހަށް ފޮނުވި ރިޕޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް ބަޔާންކޮށް އެ މައްސަލަ ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފިލްޒާ ފޮނުއްވި ކަރުދާހުގައި ވިދާޅުވެފައި ވަނީ އެ ކޮމިޝަނަށް އެއްވެސް މައްސަލައެއް ބެލޭނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ކަމަށެވެ.

ނަމަވެސް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ފެށީ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" ގެ ބައިވެރިވުމެއް ނެތި ކަމަށް ވާތީ، އެއީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަ ނުކުރުން ކަމަށް ފިލްޒާ ވިދާޅުވެފައިވެ އެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކޮށްފައިވާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމުގައި އެ ކޮމިޝަނުން އަމަލު ކޮށްފައި ވަނީ ގާނޫނު ނަންބަރު 10/2008 [ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނު] ގައި ބަޔާންކުރާ 'މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ' ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަ ނުކޮށްކަން ފާހަގަ ކުރަން،" ފިލްޒާ ވިދާޅުވެފައިވެ އެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.

ފަނޑިޔާރުންގެ މައްސަލަ ބެލި ކޮމިޓީގައި ޖޭއެސްސީން ހިމެނީ ތިން މެންބަރެކެވެ. އޭގެ ތެރޭގައި ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ ދެ މެންބަރަކު ހިމެނެ އެވެ. އެއީ ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ޖޭއެސްސީއަށް ފޮނުވި ސިއްރު ސިޓީއަކަށް ބިނާކޮށެވެ. އެ ސިޓީ ފޮނުވާފައި ވަނީ އާންމުކޮށް އެފަދަ ސިޓީ ފޮނުވާ އުސޫލުތަކާ ހިލާފަށް ޖެމްސް ސިސްޓަމް މެދުވެރިނުކޮށެވެ.