Advertisement

ރާއްޖެ، ސާފް 19 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލަށް

13 މޭ 2025 - 17:31 0

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، ރާއްޖެ އަށް ނަތީޖާ ނެރެދޭން މޮޅު ކުޅުމެއް ދެއްކި އަޝްހަމް--- ފޮޓޯ: ސާފް


ރާއްޖެ، ސާފް 19 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލަށް

13 މޭ 2025 - 17:31 0

އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ބޫޓާނާ 2-2 އިން އެެއްވަރުކޮށް ރާއްޖެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މިއީ، 2019 ވަނަ އަހަރު، ސާފް 18 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ފަހުން، ސާފްގެ މި އުމުރުފުރާ މުބާރާތެއްގެ ސެމީ ފައިނަލުގައި ރާއްޖެ ކުޅޭ ފުރަތަމަ ފަހަރެވެ. ރާއްޖޭން ވަނީ 16 އަހަރުން ދަށުގެ ސާފް މުބާރާތުގެ ސެމީގައި، 2023 ވަނަ އަަހަރު ކުޅެފަ އެވެ.

މި ގްރޫޕްގައި ފުރަތަމަ ކުޅުނު މެޗުން ބަންގްލަދޭޝާއި ރާއްޖެ ވަނީ 2-2 އިން އެއްވަރުވެފަ އެވެެ. ދެ ވަނަ މެޗުގައި ބޫޓާން އަތުން ބަންގްލަދޭޝް 3-0 އިން މޮޅުވެ، ސެމީ ފައިނަލަށް ވަނީ ދަތުުރުކޮށްފަ އެވެ. ރާއްޖެ އަތުން މޮޅުވެގެން ބޫޓާނަށް ސެމީ ފައިނަލަށް ދެވެން އޮތްއިރު، އެއްވަރުކޮށްލައިގެން ވެސް ސެމީގެ ދޮރު ރާއްޖެ އަށް އޮތީ ހުޅުވިފަ އެވެ.

އަރުނާޗަލް ޕްރަދޭޝްގެ ގޯލްޑަން ޖޫބިލީ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗު ފަށައިގެން ރާްއްޖޭން ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ އެވެ. އެ ގޮތުން، ރާއްޖެ ޓީމުގެ ކެޕްޓަން، އަހުޒަމް ރަޝީދު (އަހޫ) އާއި އީތަން އިބްރާހިމް ޒަކީ އަށް ލިބޭ ބޯޅަތަކުގައި ބޫޓާން ކުޅުންތެރިން ވަނީ ގިނަ ފައުލުތަކެއް ކޮށްފަ އެވެ.


ރާއްޖެ ޓީމުގެ އައިދު މުހައްމަދު ޖަވީޒު އަށް ލިބުނު ފުރުސަތެއްގައި ބޫޓާން އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ބޫޓާންގެ ކީޕަރު، ޓަންޑިން ޕެންޖޯރު ވަނީ މަތަކޮށްފަ އެވެ. އަަދި، ހިލޭ ޖެހުންތަކުން ރާއްޖޭން ނަގައިިދިން ބޯޅަތައް ވެސް ކީޕަރު، ޕެންޖޯރު ވަނީ ސަލާމަތްކޮށްފަ އެވެެ.

ބޫޓާނުން ލީޑުނެގީ ފުރަތަމަ ހާފުގެ ފަހު މިނިޓްގަ އެވެ. އެ ޓީމުގެ ފޯވާޑް، ލަމް ޓެންޒިން، އޭރިއާބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ރާއްޖޭގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި، ކީޕަރު، ޒަހުރާން ހަސަން ޒިޔާދު އަތުގައި ވެސް ޖެހިފަ އެވެ. އޭގެ ކުރިން، ބޫޓާންގެ ކުޅުންތެރިން ކުރި އެޓޭކެއްގައި، ފޮނުވާލި ބޯޅައެއް ކީޕަރު، ޒަހުރާން ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފު ފެށިގެން ބޫޓާނުން ދެ ވަނަ ލަނޑެއް ޖަަހަން ކުރިއަށް ޖެހިގެން ކުޅެ އެޓޭކް ވެސް ކުރި އެެވެ. އެކަމަކު، އެ ހަމަލާތައް ހުއްޓުވަން ރާއްޖޭގެ ކީޕަރު، ޒަހުރާން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ރާއްޖޭން އެއްވަރުކުރީ މެޗުގެ 76 ވަަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އައިދު އެވެ. ބަދަލަކަށް ކުޅެން އެރި އަޝްހަމް އިބްރާހިމް މުހައްމަދު ބޮލުން ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، ބޫޓާން ޑިފެންސް ތެރެއިން ދެމިގަނެ، އަައިދު ވަނީ ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެެރެއިން ފުރަތަމަ މިނިޓްގައި، އަޝްހަމް ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައި ރާއްޖެ އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، އިތުރު ވަގުތުގެ ފަހު މިނިޓްގައި، ރާއްޖޭގެ އޭރިއާތެރެއިން ބޫޓާންގެ ޗޮގްޔެލް ޝެރާބް ވަނީ ގޯލު ޖަހައި އެއްވަރުކޮށްފަ އެވެ. އޭގެ ފަހުން، ރާއްޖެ އަށް އަލުން ލީޑުނަގައިދޭން އޭރިއާތެރެއިން ފޮނުވާލި ދެ ބޯޅަ ވެސް ބޫޓާން ކީޕަރު، ޓަންޑިން ވަނީ މަތަކޮށްފަ އެވެ.

ސެމީ ފައިނަލުގައި ރާއްޖެއާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ މެޗުންނެވެ. އެ މެޗުން ބަލިވާ ޓީމެއް ސެމީގައި ބައްދަލުކުރާނީ ރާއްޖެއާ އެވެ.