Advertisement

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ޖޭއެސްސީން ބަލަން ފެށީ ގާނޫނާ ހިލާފަށް: މަޖިލީހުގެ ކައުންސެލް ޖެނެރަލް


ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ޖޭއެސްސީން ބަލަން ފެށީ ގާނޫނާ ހިލާފަށް: މަޖިލީހުގެ ކައުންސެލް ޖެނެރަލް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުގެ މައްސަލަ ޖުޑީޝަރީ ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށީ ގާނޫނުގައި ބަޔާން ކުރާ އިޖުރާއަތުތައް ފުރިހަމަ ނުކޮށް، ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ.

އަޒްމިރާލްދާ އާއި މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ނިންމައި، ޖޭއެސްސީން މަޖިލީހަށް ފޮނުވި ރިޕޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް ބަޔާންކޮށް އެ މައްސަލަ ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފިލްޒާ ފޮނުއްވި ކަރުދާހުގައި ވިދާޅުވެފައި ވަނީ އެ ކޮމިޝަނަށް އެއްވެސް މައްސަލައެއް ބެލޭނީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ކަމަށެވެ.

ނަމަވެސް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ފެށީ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" ގެ ބައިވެރިވުމެއް ނެތި ކަމަށް ވާތީ، އެއީ ޖޭއެސްސީގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަ ނުކުރުން ކަމަށް ފިލްޒާ ވިދާޅުވެފައިވެ އެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކޮށްފައިވާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމުމުގައި އެ ކޮމިޝަނުން އަމަލު ކޮށްފައި ވަނީ ގާނޫނު ނަންބަރު 10/2008 [ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނު] ގައި ބަޔާންކުރާ 'މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ' ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަ ނުކޮށްކަން ފާހަގަ ކުރަން،" ފިލްޒާ ވިދާޅުވެފައިވެ އެވެ

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނު


22-1. (ނ) ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލައަކީ އެ ކޮމިޝަނުން ބަލާނެ މައްސަލައެއްތޯ ކަނޑައެޅުމަށްޓަކައި، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް އެ މައްސަލައެއް ފޮނުވަންވާނެއެވެ. (ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ދާއިމީ ކޮމިޓީއެކެވެ. އެ ކޮމިޓީ އެކަށައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ. (ބ) ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ބެލުމަށް މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކޮމިޓީން ނިންމައިފިނަމަ އެ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަންވާނެއެވެ. އަދި އެއްވެސް މައްސަލައަކީ ކޮމިޝަނުން ބަލަންނުޖެހޭ މައްސަލައެއްކަމަށް އެ ކޮމިޓީން ނިންމައިފިނަމަ، އެ ނިންމުން ކޮމިޝަނުން މުރާޖަޢާކޮށް އެ ނިންމުމާމެދު ގޮތެއް ނިންމަންވާނެއެވެ. (ޅ) ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ހުށަހެޅޭ ތާރީޚުން ފެށިގެން ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 14 (ސާދަ) ދުވަހުގެ ތެރޭގައި، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން، އެ މައްސަލައެއް ބެލުމާމެދު ނިންމި ނިންމުން ކޮމިޝަނަށް ފޮނުވަންވާނެއެވެ. (ކ) ކޮމިޓީން ކަމެއް ނިންމަންވާނީ މަދުވެގެން 2 މެންބަރުން ޙާޟިރުވެ ތިބެގެންނެވެ. މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ ކޯރަމް ހަމަނުވެގެން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން އެ ކޮމިޓީގެ ނިންމުންތައް ނުނިންމޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، އަލުން އެ ކޮމިޓީގެ މަސައްކަތް ފެށެންދެން، އެ މަސައްކަތް ހިންގާނެ ވަގުތީ ކޮމިޓީއެއް ކޮމިޝަނުން އެކުލަވާލަންވާނެއެވެ.

ޖޭއެސްސީއަށް އެއްވެސް މައްސަލައެއް ބަލައިގަނެވޭނީ އެ ކޮމިޝަނަށް ހުށަހެޅޭ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ކަމަށް އެ ކޮމިޝަނުގެ ގާނޫނުގައި ބަޔާން ކޮށްފައި އޮތް ނަމަވެސް، ފަނޑިޔާރު އަޒްމިރާލްދާގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމި ގޮތާ ގުޅިގެން ފިލްޒާ ކަންބޮޑުވުންތަކެއް ފާހަގަ ކުރައްވާފައިވެ އެވެ. އެއީ:

  • އަޒްމިރާލްދާގެ މައްސަލަ ޖޭއެސްސީން ބަލަން ފެށީ "އަމިއްލައަށް އިސްނަގައިގެން" ކަމަށް އޭނާގެ މައްސަލަ ބަލައި ނިންމި ރިޕޯޓުގެ ތައާރަފުގައި ބަޔާން ކޮށްފައި އޮތް ނަމަވެސް އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ އަމިއްލަ ފަރާތަކުން ހުށަހަޅައިގެން ކަމަށް ހަމަ އެ ރިޕޯޓުގެ ހަތަރުވަނަ ސަފުހާގައި ބަޔާން ކުރާކަން
  • އަޒްމިރާލްދާގެ މައްސަލަ ހުށަހެޅީ ޖޭއެސްސީގެ ރައީސްއަށް އެޑްރެސްކޮށް ކަމަށްވީ ނަމަވެސް، ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތީން އެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއަށް ފޮނުވާފައި ނުވާކަން
  • އަޒްމިރާލްދާގެ މައްސަލަ ޖޭއެސްސީގެ ރައީސްއަށް އެޑްރެސްކޮށް ހުށަހެޅުމުން، އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅައި އެ މައްސަލަ ބެލުމަށް ނިންމާފައިވާކަން
  • އެ މައްސަލައަކީ ޖޭއެސްސީގެ އަމިއްލަ އިސްނެގުމަށް ބަލަން ފެށި މައްސަލައެއް ކަމަށް ބެލި ނަމަވެސް، ކޮމިޝަނުގެ ރައީސްއަށް އެޑްރެސްކޮށް ފޮނުވާ ސިޓީގައި އޮތް މައްސަލައެއް ކޮމިޝަނުގެ ސެކްރެޓެރީ ޖެނެރެލްގެ ސަމާލު ކަމަށް ގެނެސް، އޭނާ މެދުވެރިކޮށް "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އަށް ފޮނުވަން ޖެހޭނެ ކަމަށް ޖޭއެސްސީގެ ގަވާއިދުގެ 51 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާކަން