13 މޭ 2025 - 15:09 2
އަހުމަދު އާއިދު
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުން : ފަނޑިޔާރުން ވަކިކުރާ ގޮތާމެދު އެޗްއާރުސީއެމް އިން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ ----
13 މޭ 2025 - 15:09 2
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން އަމަލު ކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަށް މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ގޮވާލައިފި އެވެ.
ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތްތައް ފެށިތާ އެތައް މަހެއްވި ފަހުން އެޗްއާރުސީއެމް އިން މިއަދު ބަޔާން ނެރިފައި މިވަނީ ދެ ފަނޑިޔާރުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ފޮނުވި ރިޕޯޓު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވާފައި ވަނިކޮށެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވަނީ ޖޭއެސްސީގެ ނިންމުމަކީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭނެހެން ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.
"މައްސަލައިގައި ޝަރީއަތްކުރައްވާ ފަނޑިޔާރުންނަށާއި އެ މައްސަލާގެ އިޖުރާއަތުތަކަށާއި ނިންމުންތަކަށް ނުރަނގަޅު ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއް ކަމުގައި ބެލުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތަތީ، މިއީ މި ކޮމިޝަނުން ކަންބޮޑުވާ ކަމެއްކަމުގައި ދަންނަވަން،" އެޗްއާރުސީއެމް އިން ބުނެފައިވެ އެވެ.
އޭގެއިތުރުން، ޖޭއެސްސީގެ ނިންމުމާ މެދު މަޖިލީހުގެ ކޮމިޓީން އަމަލުކުރި ގޮތާމެދު އެޗްއާރުސީއެމް އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ފަނޑިޔާރުގޭގެ މިނިވަންކަމަށް ރާއްޖޭގެ ގާނޫނުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ފާޅުކަން ބޮޑުކޮށް ގޮވާލާފައިވާ ކަން ވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.
"ޝަރުއީ ދާއިރާގެ މިނިވަންކަމަށް އިޙްތިރާމްކޮށް، އެކަންކަން ނަގަހައްޓާ ދެމެހެއްޓުމަކީ ކޮންމެ ދައުލަތެއްގެ ވެސް ޒިންމާއެއް ކަމަށާއި، ޝަރުއީ ދާއިރާގެ ނިންމުންތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުވަތަ ބާރުފޯރުވުމެއް އޮވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވޭ،" އެޗްއާރުސީއެމް އިން ބުނެފައިވެ އެވެ.
ޖޭއެސްސީން ދެ ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގުގައި ބޮޑެތި ގޯސްތަކެއް ހުރިކަން ތަފުސީލީ ގޮތެއްގައި އެޗްއާރުސީއެމް އިން ފާހަގަކޮށްފައިވެ އެވެ. މިކަމުގައި ފަނޑިޔާރުންގެ ވަކީލުންނާއި ދިވެހި ރާއްޖޭގެ ވަކީލުން، ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން، އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކާއި އިދާރާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ވެސް މިއަދު އެޗްއާރުސީ އެމް އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ހަމައެހެންމެ، ތިން ބާރު ވަކިވެފައިވާ ނިޒާމަށް ދައުލަތުގެ ހުރިހާ ބާރަކުން އަދި މުއައްސަސާއަކުން އިހުތިރާމުކޮށް ބައިނަލްއަގުވާމީ އިލްތިޒާމުތައް ކަށަވަރުކުރުމަށް ވެސް އެޗްއާރުސީއެމް އިން ގޮވާލާފައިވެ އެވެ.
"އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް، ޖަވާބުދާރީވުމުގެ އެކަށީގެންވާ ފުރުޞަތު އެފަނޑިޔާރުންނަށް ފަހިކޮށްދެއްވައި، އަދުލުވެރި އަދި ތައައްސަބުން އެއްކިބާވެފައިވާ ނިންމެވުމަކަށް ވާސިލުވެވޭނެ ގޮތެއްގެ މަތީން، އެ ފަނޑިޔާރުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދެއްވުމަށް މިކޮމިޝަނުން އިލްތިމާސްކުރަން،" އެޗްއާރުސީއެމްގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment