Advertisement

ޔުމްނު މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަން ޖެހުނީ ފުލުހުންނަށް އިތުބާރު ނެތުމުން: އަލީ ހުސެއިން

13 މޭ 2025 - 13:52 1

ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން: ވިދާޅުވީ ރައީސް މުއިއްޒު ވެސް ފުލުހުންނަށް އިތުބާރު ނުކުރައްވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް


ޔުމްނު މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަން ޖެހުނީ ފުލުހުންނަށް އިތުބާރު ނެތުމުން: އަލީ ހުސެއިން

13 މޭ 2025 - 13:52 1

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަންޖެހުނީ ފުލުހުންނަށް އިތުބާރު ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަލީ ވިދާޅުވީ، ޔުމްނު، 21، ގެ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގުގައި އެއްވެސް ގޯހެއް ފާހަގަވެފައިނުވި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަން ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް އުފައްދަން ޖެހުނީ ރައީސްގެ އިތުބާރު ވެސް ފުލުހުންނަށް ނެތުމުން ކަމަށެވެ.

"ޔުމްނުގެ މައްސަލައިގައި ރިޔާސީ ކޮމިޝަނެއް އުފައްދަންޖެހުނީ ފުލުހުންގެ މައްޗަށް އެ މައްސަލައިގައި އޮތް އިތުބާރު ހުދު ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ގެއްލުނީމަ. އެހެންނަމަވެސް ހޯމް މިނިސްޓަރު ވިދާޅުވަނީ އެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް ނުވަތަ ކުށެއް ނެތްކަމަށް. ވީމާ ރައީސަކީ ކާކުކަން އޮޅޭ،" އަލީ ވިދާޅުވި އެވެ.

ސަރުކާރުން ކުރިއަށްގެންދާ އަހާ ފޯރަމް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިހުސާން ރޭގައި ވިދާޅުވީ ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އެއްވެސް ގޯހެއް ހަދާފައިވާކަން މިހާތަނަށް އޭނާއަށް ފާހަގަވެފައިނުވާ ކަމަށެވެ.

"ފުލުހުން އަދިވެސް މަސައްކަތްތަކެއް ކުރަމުންދަނީ ފުލުހުންގެ ކަނޑައެޅިފައި އޮންނަ މިންގަނޑުތަކާ އެއްގޮތަށް ތަހުގީގު ކުރަނީ. ފުލުހުން ކުރާ މަސައްކަތުގައި މައްސަލައެއް އުޅޭތޯ ތަހުގީގު ކުރާ އަދި އެބަ އުޅޭ ދެތިން އިދާރާ. އެތަންތަނުން ވެސް އެ ދަނީ ބަލަމުން، އަދި އަދަށް ދާންދެން އަޅުގަނޑާ ހިސާބަކަށް ފުލުހުން މި މައްސަލައިގައި އަމަލު ކުރި ގޮތުގެ އެއްވެސް ގޯހެއް އަޅުގަނޑުމެންނާ ހިސާބަކަށް ފާހަގަވެފައެއް ނެތް،" އިހުސާން ވިދާޅުވި އެވެ.

ރޭގެ ފޯރަމުގައި އިތުރަށް ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ފުލުހުންގެ ގޯހެއް ފެނުމަށްފަހު އެކަން ތަހުގީގުނުކޮށްފި އޭނާއާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އެފަދަ ކަމެއް [ފުލުހުންގެ މައްސަލައެއް] އަންނަ ދުވަހަކުން އަޅުގަނޑުމެން އެކަމެއް ބަލާނަން. ބަލާފަ ފިޔަވަޅު ނާޅައިފިއްޔާ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެއީ އަޅުގަނޑާ ދޭތެރޭގައި ފިޔަވަޅު އަޅަންޖެހޭ ސަބަބެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން އެހެން ވިދާޅުވި ނަމަވެސް އޭޕްރީލް 18، ގައި ޔުމްނު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ފުލުހުން ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ވަނީ ހާމަވެފަ އެވެ. ފުލުހުން ހެދި ބައެއް ގޯސްތައް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވެސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އޭގެ އިތުރުން ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވޭތީ އެ މައްސަލައިގައި ތަހުގީގެއް ހިންގުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވައިފަ އެވެ.

ޔުމްނުގެ ތަހުގީގުގައި ފުލުހުން ހެދި ގޯސްތައް:

މައްސަލައިގައި ތުހުމަތު ކުރެވޭ ރައުދު އަހުމަދު ޒިލާލް ހައްޔަރު ނުކުރުން

ޔުމްނު ވެއްޓުނު މައްސަލައިގައި ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ. އޭގެ ކުރިން އޭނާ ހައްޔަރު ކުރަން ކޯޓު އަމުރެއް ވެސް ލިބުނެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްގެން ރައުދުއާ ފުލުހުން ސުވާލު ވެސް ކުރި އެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެސް ވެފައިވެ އެވެ.

އޭގެ އިތުރުން، ޔުމްނު ވެއްޓުނުކަން ރައުދުއަށް އެނގޭކަން ފުލުހުން ތުހުމަތު ކުރެ އެވެ. ނަމަވެސް ޔުމްނުއަށް އެހީތެރިވެނުދީ ދިޔުން އެއީ މައްސަލައަކަށް ހަދައި ރައުދު ހައްޔަރު ކުރުން ފުލުހުން ވަނީ ދެކޮޅު ހަދައިފަ އެވެ.

ރައުދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ތަންފީޒުނުކުރުން

ހައްވާ ޔުމްނު ރަޝީދު, 21، ވެއްޓުނު މައްސަލައިގައި ރައުދު އަހުމަދު ޒިލާލް، 21، ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން 18 އޭޕްރިލް ދުވަހު އަމުރުކުރި އެވެ. އެ އަމުރު ތަންފީޒުކުރުމަށް ފުލުހުންނަށް ދީފައި އޮތީ 72 ގަޑިއިރުގެ މުހުލަތެކެވެ. އެހެންނަމަވެސް، އެ އަމުރުގެ ދަށުން ރައުދު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެއް ނުވެ އެވެ.

ރައުދު ހައްޔަރުކުރުމަށް އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ ފުލުހުން ބޭނުންވެގެންނެވެ. އެ އަމުރަށް އެދުނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް އޮތްކަމަށް ފުލުހުން ތުހުމަތުކުރާތީ އެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރު ތަންފީޒުނުކޮށް އޮއްވައި، އެ މައްސަލައިގައި ޒުވާނުން އިހުތިޖާޖުކުރަން ފެށުމުން އަލުން އައު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރި އެވެ. އެހެންނަމަވެސް، އޭނާ ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ކުރި އަމުރު ތަންފީޒުނުކުރީ ކީއްވެގެންކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މައްސަލައާ ގުޅޭ ތަންތަން ބަލައި ފާސް ނުކުރުން

ޔުމްނު ވެއްޓުނު ދުވަހުގެ ކުރީ ރޭ އޭނާއާއެކު އުޅުނު އަށް މީހުންގެ ގްރޫޕުން މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެސް ވެފަ އެވެ.

އެކަމަކު، އެ ރޭ އެ ގްރޫޕުން ދިޔަ ތަންތަން ބަލައި ފާސް ކުރަން ފުލުހުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެ ގްރޫޕުން އެ ރޭ އެންމެ ފުރަތަމަ ދިޔައީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅޭ ގެ މާންދޫގޭދެކުނުގެއަށެވެ. އޭގެ ފަހުން ދިޔައީ ހ. ކަށިވެލި އަށެވެ.

ނަމަވެސް އެއިން އެއްވެސް ތަނެއް ފުލުހުން ނުބަލަ އެވެ. އެ ދެ ގެ ބަލައި ފާސް ކުރީ ހާދިސާ ހިނގިތާ ނުވަ ދުވަސް ފަހުން އޭޕްރީލް 27، ގަ އެވެ. އެހައި ދުވަސް ފަހުން އެތަންތަން ބަލައި ފާސް ކުރުމަށްފަހު ފުލުހުން ބުނީ މައްސަލައާ ގުޅުން ހުރި އެއްވެސް އެއްޗެއް އެތަންތަނުން ނުފެނުން ކަމަށެވެ.

ޔުމްނުގެ ވީޑިއޯ ހާމަ ކުރުން

އެ މައްސަލައިގައި ފުލުހުން ހާމަ ކުރަން ނުޖެހޭ ވީޑިއޯތަކެއް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެއީ ޔުމްނު ވެއްޓުނު ހ. ފެންޓެނޯއީ ގޭގައި އޭނާ އާއި ރައުދު ހަރަކާތްތެރިވި މަންޒަރުގެ ވީޑިއޯ އެވެ.

ވަގުތުން ބްރޯޑްކާސްޓު ކުރި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވީޑިއޯ ފުލުހުން ހާމަ ކުރުމަށްފަހު، އެއީ އާންމުކޮށް ފުލުހުން ކުރާ ކަމެއް ނޫން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އެ ވީޑިއޯ ހާމަ ކުރުމުން އެފަދަ ކަމެއް ދެ ވަނަ ފަހަރަކު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވަނީ ފުލުހުންނަށް އަމުރުކޮށްފަ އެވެ.

"ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލާގައި އަނިޔާލިބުނު މީހާގެ ޒާތީ މަޢުލޫމާތާއި، އަނިޔާލިބުނު މީހާ ފެންނަ ފޮޓޯއާއި ވީޑިއޯ ޢާންމުކޮށްފައިވާތީ، އަނިޔާލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެފަދަ އެއްވެސް މަޢޫލޫމާތެއް އިތުރަށް ހާމަނުކުރުމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމަށް ދަންނަވާފައިވާނެ،" ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގައި ކެމެރާއެއް ނެތް ކަމަށް ބުނެ ދޮގު ހެދުން

ޔުމްނުގެ މައްސަލައިގައި ފުލުހުން ދެ ފަހަރެއްގެ މަތިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. އެ ދެ ބައްދަލުވުމުގައި ވެސް ފުލުހުން ބުނެފައި ވަނީ ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާގައި ކެމެރާއެއް ހަރުކޮށްފައި ނެތް ކަމަށެވެ.

އެކަމަކު، އެ ގެއަށް ނޫސްވެރިން ގޮސް ބެލިއިރު، އެ ގޭގެ ނުވަ ވަނަ ފަންގިފިލާގައި ކެމެރާއެއް ހަރުކޮށްފައި ހުއްޓެވެ. އެ ކެމެރާގެ ފުޓޭޖުތަކެއް ފުލުހުން ވެސް އޮތީ ހާމަކޮށްފަ އެވެ. ނަމަވެސް ފުލުހުން އެ ފުޓޭޖު ހާމަ ކުރީ ތަންތަންކޮޅުން ކަނޑައިގެން ވީޑިއޯ މެނިޕިއުލޭޓް ކުރުމަށްފަހެވެ.