Advertisement

ބްރޯޑްކޮމްގެ މެންބަރުކަމަށް ރިލްވާން އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފި

ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން މިއަދު ފާސްކުރި މޫސާ ރިލްވާން: އޭނާއަކީ މީޑިއާ ދާއިރާގައި އާއި އިޖުތިމާއީ ދާއިރާގައި ވެސް ހަރަކާތްތެރިވާ މީހެއް -- ފޮޓޯ: ސޯޝަލްމީޑިއާ


ބްރޯޑްކޮމްގެ މެންބަރުކަމަށް ރިލްވާން އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް މޫސާ ރިލުވާން އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރެއިން ކޮމިޓީން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވީ ފަސް ނަމެވެ. ރިލްވާންއަކީ ކޮމިޓީން އެންމެ މަތިން ޕޮއިންޓު ދިން ތަރުތީބުން ބަލާއިރު، އެ ލިސްޓުގެ ހަތަރުވަނައިގައި އޮތް ނަމެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ރިލްވާން އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ 70 މެންބަރުންގެ ވޯޓުންނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ކޮމިޓީން ތަޅުމަށް ފޮނުވި ނަންތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުުނު ޒީނާ ޒާހިރުއަށް ލިބުނީ 12 ވޯޓެވެ. 85.13 ޕަސެންޓު މާކްސް ލިބުނު ޒީނާ ބްރޯޑްކޮމްއަށް އައްޔަނުކުރަން ނުފެންނަ ކަމަށް 52 މެންބަރުން ވޯޓު ދެއްވި އެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް އައްޔަނުކުރަން ރައީސް މުއިއްޒު ފޮނުއްވި ލިސްޓުގައި އެންމެ އިސްކަން ދީފައިވާ އައިމިނަތު ޝިޔާނާއަށް ލިބުނީ 11 ވޯޓެވެ. ބްރޯޑްކޮމްގެ މެންބަރުކަމަށް އޭނާ އައްޔަނުކުރަން ނުފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވި އެވެ.

ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމެއް ހުސްވީ އެ ކޮމިޝަނުގައި ހުންނެވި މުހައްމަދު ފަޒީން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ބްރޯޑްކޮމްގެ އިތުރު މެންބަރެއްގެ މުއްދަތު ހަމަވާތީ، އެ މަގާމަށް ވެސް ބޭފުޅަކު އައްޔަނު ކުރުމަށް ރައީސް ވަނީ މަޖިލީހަށް ނަންތަކެއް މިހާރު ފޮނުއްވައިފަ އެވެ. އެ ނަންތައް ދިރާސާ ކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދަނީ ކުރަމުންނެވެ.