13 މޭ 2025 - 13:10 0
ސާއިފް ޝިޔާދު
13 މޭ 2025 - 13:10 0
ބެއިޖިން، ޗައިނާ (މެއި 13) - ލެޓިން އެމެރިކާގެ ގައުމުތަކަށް އެހީވުމުގެ ގޮތުން 10 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖެއްސުމަށް ނިންމާފައިވާކަން ޗައިނާއިން ހާމަކޮށްފި އެވެ.
ލެޓިން އެމެރިކާ އަދި ކެރީބިއަން ގައުމުތަކުގެ އިސްވެރިންނާ އެކު ބެއިޖިންގައި ވަނީ ހާއްސަ ސަމިޓެއް ފަށާފަ އެވެ. ޗައިނާގައި 2015 ވަނަ އަހަރު ބޭއްވި މިފަދަ ފުރަތަމަ ސަމިޓުގައި އެ ގައުމުން 20 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ލެޓިން އެމެރިކާގެ ގައުމުތަކަށް ހަމަޖެއްސި އެވެ.
ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވީ ވޮޝިންޓަނުން ފަށާފައިވާ ޓެރިފް ހަނގުރާމަތަކުގެ ސަބަބުން އިގްތިސާދީ ގޮތުން އުފެދިފައިވާ ހަލަބޮލިކަމަށް ރިއާޔަތްކޮށް ދުނިޔޭގެ އިގުތިސޯދީ ބާރުތަކުގެ ކިބައިން ލެޓިން އެމެރިކާގެ ގައުމުތަކުން މިނިވަންކަން ދަމަހައްޓަން ޖެހޭ ކަމަށެވެ.
މި ފައިސާ ދޭނީ ޗައިނީސް ޔުއާން އިން ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. މިދިޔަ އަހަރުގެ ތެރޭގައި ލެޓިން އެމެރިކާގެ ގައުމުތަކުން 240 ބިލިއަން ޑޮލަރުގެ މުދާ ޗައިނާއިން ގަތެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއްބައި ގަތީ އެ ސަރަހައްދުގެ އެންމެ ބޮޑު އިގުތިސޯދު ކަމަށްވާ ބްރެޒިލް އިންނެވެ.
ލެޓިން އެމެރިކާ އަދި ކެރީބިއަންގެ ފަސް ގައުމަކަށް ވިސާ ހިލޭ ކުރުމަށް ވެސް ޗައިނާއިން ވަނީ ނިންމާފަ އެވެ. އެއީ ކޮން ގައުމުތަކެއްކަން ހާމަކޮށްފައި ނުވެ އެވެ.
Comment